Roadha Mihaaru
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު

މަޖޫރީން ނަގާ އަގު ކޮންޓްރޯލް ކުރީ ވިޔަފާރިވެރިންގެ ޝަކުވާތަކެއް ހުރުމުން: ސައީދު

07 އެޕްރީލް 2018

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް މަޖޫރީން ނަގާ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ، ވިޔަފާރިވެރިންގެ ޝަކުވާތަކެއް ވެސް ހުރުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް މަޖޫރީން ނަގާ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ، ވިޔަފާރިވެރިންގެ ޝަކުވާތަކެއް ވެސް ހުރުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ދުވާލު ވަގުތު މުދާ އުފުލުން މަނާކޮށް، ގެނައި ބަދަލާ ގުޅިގެން މަޖޫރީން މަސައްކަތް ކުރުމުގެ އަގު ބޮޑުކޮށްފައި ވަނިކޮށް، ސަރުކާރުން ވަނީ އެ މަސައްކަތުގެ އަގު ކޮންޓްރޯލް ކޮށް، އެ އަގަށް މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓަރީ ވުމަށް އަންގައިފަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މި ބަދަލާ ގުޅޭ ގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މަޖޫރީން ނަގާ ފީ ކޮންޓްރޯލް ކުރުމުގެ ކުރިން ވިޔަފާރިވެރިންނާއި ކަމާ ބެހޭ ފަރާތްތަކާ ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގެއް ކަނޑައަޅައި، އެ މަސައްކަތުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް މަޖޫރީންނާ މެދު ހުރުމުންނެވެ. އެގޮތުން މުދާ ހުސްކުރަން އެކި ފަހަރު އެކި އަގު ނެގުން ފަދަ ކަންކަން ވިޔަފާރިވެރިން ފާހަގަކުރި ކަމަށް ސައީދު ވިދާޅުވި އެވެ. އެކަން އެގޮތަށް ދިމާވަމުން ދިޔައީ މަޖޫރީން ނަގާ އަގު ކުރިން ރެގިއުލޭޓް ނުކުރެވި އޮތުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން ކުންފުނިތަކާ. އެ ބޭފުޅުންނަށް ދިމާވާ ދައްޗަކީ އެ އިރެއްގައި އެ މީހަކު [މަޖޫރީން] ބޭނުން އަގެއް ކިޔާތީ. ނޫޑްލްސް ކޮންޓެއިނަރެއް ނެރޭދޭނީ މިއަދު މި އަގަށޭ. މާދަމާ މި އަގަށޭ. މިއީ ރެގިއުލޭޓް ނުވެ ހުރީމަ އަންނަ ދަތިތައް،" ސައީދު ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކާ އިކޮނޮމިކް މިނިސްޓަރު ސައީދު މިދިޔަ ހަފުތާގައި ބައްދަލު ކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކާ އިކޮނޮމިކް މިނިސްޓަރު ސައީދު މިދިޔަ ހަފުތާގައި ބައްދަލު ކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖޫރީން ނަގާ އަގު ކޮންޓްރޯލް ކުރުމުން އޭގެ ފައިދާ ހުރިހާ ފަރާތަކަށް ވެސް ލިބޭނެ އެވެ. މަސައްކަތް ކުރެވޭނެ އެންމެ މަތީ އަގު ދުރާލައި ކަނޑައެޅިފައި އޮތުމުން ވިޔަފާރިވެރިންނާއި މަޖޫރީންނާއި ކުންފުނިތަކަށް ވެސް އަގާ މެދު ޔަގީންކަން އަބަދު ވެސް އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ސުޕަ މާކެޓަކަށް ނުވަތަ ފިހާރަ އަކަށް އަޅުގަނޑުމެން ގޮސް ތަކެތީގެ އަގު ނުޖަހައި ހުރެފައި، އެކި ދުވަހު އެކި އަގު ސޭޓު ކިޔާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ހިތުގައި ވެސް އުފެދޭނެ ދެއްތޯ ޝައްކު. އެހެންވީމަ ޚިދުމަތްތަކުގައި ވެސް ހުންނަން ޖެހޭނެ ދެއްތޯ އަގު ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގު ކަނޑައެޅުމުން، އޭގެ ގެއްލުން އެއްވެސް ފަރާތަކަށް ނުވާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށް ފަހު، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރޭގަނޑު އެކަނި މަސައްކަތް ކޮށްގެން ކޮންޓެއިނަރުތައް ހުސް ކުރަމުންދާ ކަމަށާއި އެކަމުން ވެސް އެނގެނީ މުދާ އުފުލަން ވަކި ގަޑިތަކެއް ކަނޑައެޅުމުން މުދާ ހުސްކުރަން ދަތިތަކެއް ކުރިމަތި ނުވާ ކަން ކަމަށް ސައީދު ވިދާޅުވި އެވެ.

މާލޭގައި ދުވާލު މުދާ އުފުލުން މި މަހުން ފެށިގެން މަނާކުރުމާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު ސައީދަށް މިދިޔަ މަހުގެ 29 ގައި ހުށަހަޅަނީ.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މާލޭގައި ދުވާލު މުދާ އުފުލުން މި މަހުން ފެށިގެން މަނާކުރުމާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު ސައީދަށް މިދިޔަ މަހުގެ 29 ގައި ހުށަހަޅަނީ.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

"މި ގަވާއިދެއް ހަދައިގެން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަސް ތެރޭގައި އެވްރެޖްކޮށް 250 ނުވަތަ 240 ކޮންޓެއިނަރު ރޭގަނޑު 11 ޖެހުމުގެ ކުރިން އެބަ ކްލިއާވޭ. މި އުޅެނީ މި ގަވާއިދަށް އަދި ފަރިތަ ނުވެގެން. އެހެންވީމަ ކޮބައިތޯ މިކަމުގައި ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަންވީ ސަބަބަކީ،" މުދާ ހުސް ކުރުމުގައި ހުރި ކަމަށް ބުނާ ދަތިތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖޫރީންގެ މަސައްކަތް ސަރުކާރު ކުންފުނިތަކުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ވިސްނުމެއް ސަރުކާރުގައި އަދިއެއް ނެތެވެ. އެފަދަ ބަދަލެއް ސަރުކާރުން ގެންނަން ވިސްނާނީ މަޖޫރީން މަސައްކަތް ހުއްޓާލުމުގެ ސަބަބުން ވިޔަފާރިތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު އޮވެއްޖެ ނަމަ ކަމަށާއި އެހެން ނަމަވެސް އެފަދަ ހާލަތެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން މި ގޮތަށް މި ކަން ވާނަމަ އަޅުގަނޑުމެންނަށް ޖެހޭނެއޭ ރާއްޖޭގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި ޚިދުމަތް ދިނުމަށްޓަކައި ޕޯޓުގެ ޚިދުމަތް ދިނުމަށް. ޕޯޓުގެ ޚިދުމަތުގެ ތެރޭގައި ހިމެނޭނެ މުދާ ކްލިއާ ކުރުން، ގުދަން ކޮށްދިނުން. އެހެން ނަމަވެސް އެކަން ކުރާ ވާހަކައެއް ނޫން އަޅުގަނޑުމެން ދެންނެވީ. އެކަމަކު އެ ހާލަތަށް ގޮސްފިއްޔާ ކުރަން ޖެހޭނެ ދެއްތޯ؟" ސައީދު ވިދާޅުވި އެވެ.