Roadha Mihaaru
ޔާމީނަށް އެންމެ ގިނަ ވޯޓް ދޭނީ ހައްދުންމަތިން: އަދުރޭ

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އެންމެ ބޮޑު ޕަސަންޓެއް ހޯދައި ދޭނީ ހައްދުންމަތިން: އަދުރޭ

06 އެޕްރީލް 2018

ހައްދުން މައްޗަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ވަރަށް ބޮޑު އިސްކަމެއް ދޭ އަތޮޅެއް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ޕަސަންޓެއްގެ ވޯޓު ރައީސަށް ހޯދައި ދޭނީ ހައްދުންމަތިން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހައްދުން މައްޗަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ވަރަށް ބޮޑު އިސްކަމެއް ދޭ އަތޮޅެއް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ޕަސަންޓެއްގެ ވޯޓު ރައީސަށް ހޯދައި ދޭނީ ހައްދުންމަތިން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި "މިތިބޫ ރައީސް ޔާމީނާ އެކު" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް، ރައީސް ޔާމީނަށް ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ހޯދައިދިން އަތޮޅަކީ ހައްދުންމަތި ކަމަށެވެ.

އެހެންވެ މި ފަހަރު ވެސް ރައްޔިތުން އެކަން ދައްކުވައި ދޭނެ ކަމަށާއި ހައްދުންމަތި އޮތީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުކޮށް ދޭން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"މި އަންނަ ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭގެ އަތޮޅަކުން ރައީސް ޔާމީނަށް އެންމެ ބޮޑު އިންސައްތައެއް ހޯދައި ދޭނީ މި ފަހަރުވެރި ހައްދުމަތިން. ވާދަވެރިން ވަޑައިގަންނަވާ އަޅުގަނޑާ ޖަދަލު ކުރަން،" އޭނާ ވިދާޅުވި އެވެ.

"ހައްދުންމަތިން ލާހިކު ކުޅަދާނަ ކަމެއް ނޫން އިދިކޮޅު މީހުންނަކަށް ވޯޓެއް ހޯދާކަށެއް. އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން. ހައްދުންމަތީގެ ރައްޔިތުން މި ތިބީ ތަރައްގީ އަށް ފެން ބޮވައިގެންފައި."

އަދުރޭ ވިދާޅުވި ގޮތުގައި ހައްދުންމަތީގެ ރައްޔިތުން ތިބީ އުންމީދުތަކަކާއި ދާން ބޭނުންވާ މަންޒިލެއް ކަނޑައަޅައިގެންނެވެ. އެހެންވެ އެކަން ކޮށްދެވޭނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އެކަނި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން ހައްދުންމަތީގެ ރައްޔިތުންނަށް ހުވަފެންތަކެއް ދެއްކި ނަމަވެސް، ރައްޔިތުން ބޭނުންވި ތަރައްގީގެ އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތުގެ ޝުއޫރުތަކެއް، އިހުސާސްތަކެއް، އުންމީދުތަކެއް އެބަހުރި. ދާން ބޭނުންވާ މަންޒިލެއް އެބަ އޮތް. ހާސިލްކުރަން ބޭނުންވާ ތަރައްގީ އާއި ތަމައްދުނާއި ތަހުޒީބާއި ކުރިއެރުމެއް އެބަ އޮތް،" އަދުރޭ ވިދާޅުވި އެވެ.

"އެކަން ކޮށްދެވޭނީ މިއަދުގެ ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަލުން މި ގައުމުގެ ވެރިކަމަށް ގެނެސްގެންކަން ހައްދުންމަތީގެ ރައްޔިތުން ތިބީ ގަބޫލުކޮށްގެން."