Roadha Mihaaru
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޮޑު އެހީއެއް!

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޮޑު އެހީއެއް!

08 އެޕްރީލް 2018

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ހުޅުވި ކްލިނިކުން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ހުޅުވި ކްލިނިކުން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ދުންފަތާ ދުރުވުމަށް އެހީވާ ކްލިނިކަކީ އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންނާއި އެކި ބޭނުންތަކުގައި އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންނަށް ދުންފަތާ ގުޅޭ މައުލޫމާތު ދިނުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް އެހީތެރިވުމަށް ހުޅުވި ކްލިނިކެވެ.

އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް ރެސްޕިރޭޓަރީ މެޑިސިންގެ، ނާސް އިންޗާޖް، ފާތުމަތު ލޫސީ ވިދާޅުވީ އެކި ބަލިތަކަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވެގެން އަންނަ މީހުންނަށް ކައުންސެލިން ދިނުމުގެ އިތުރުން އެކިއެކި ފަރުވާތައް ވެސް ދޭން ފަށާފައިވާ ކަމަށެވެ.

"ކައުންސެލިން ދީގެން ވެސް ސިނގިރޭޓް ބުއިން ނުހުއްޓޭ ނަމަ ޗުއިންގަމް ނޫނީ ގައިގައި ތަތްކުރާ ޕެޗް ފަދަ ތަކެތި ދީގެން އަޅުގަނޑުމެން ފަރުވާ ދެން،" އާސަންދަ އިން ހުރިހާ ހިދުމަތެއް ދޭ އެ ކްލިނިކާ ގުޅޭ ގޮތުން ލޫސީ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވާ ކްލިނިކުގެ ފަރާތުން މައުލޫމާތު ދެނީ-- ފޮޓޯ: އައިޖީއެމްއެޗް

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވާ ކްލިނިކުގެ ފަރާތުން މައުލޫމާތު ދެނީ-- ފޮޓޯ: އައިޖީއެމްއެޗް

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ އެކިއެކި ބަލިތަކަށް ފަރުވާ ހޯދާނެ ގޮތް އެ ކްލިނިކް މެދުވެރިކޮށް ގައިޑް ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 1:00 އިން 3:00 އަށް އެ ކްލިނިކުން ކައުންސެލިން ދޭއިރު ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޑޮކްޓަރުން ބެއްލެވުމަށް ވަނީ ނިންމާފަ އެވެ. އެކި ހަފުތާތަކުގައި ޑޮކްޓަރުން ފަރުވާ ދެނީ އެކި ދުވަސްތަކުގަ އެވެ. އެ ކްލިނިކުން ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ ދެ ނެމްބަރު ގޭޓުގައިވާ ކައުންޓަރުން އެޕޮއިންޓްމެންޓް ހެއްދެ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ދުންފަތުގެ އިސްތިއުމާލު ކުރާއިރު ގައިންގަޔަށް ނާރާބަލިތަކުގައި މަރުވާ މީހުންގެ ޕަސެންޓް ރާއްޖޭގައި ވަރަށް އިތުރެވެ. ދުންފަތުގެ އިސްތިއުމާލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.