Roadha Mihaaru
175 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި

175 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި

08 އެޕްރީލް 2018

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 175 މީހަކަށް ދީ، ވަކީލު ކަމުގެ ހުވާ މިިރޭ ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 175 މީހަކަށް ދީ، ވަކީލު ކަމުގެ ހުވާ މިިރޭ ކޮށްފި އެވެ.

ދަރުބާރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުކަމުގެ ހުވާ އެ ބޭޭފުޅުންނަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ވަކީލުކަމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ ވަކީލުންނަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ވަކީލުންްގެ މަސައްކަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން މުވައްކިިލުންގެ ހައްގުގައި ހެޔޮ ނިޔަތުގައި މަސައްކަތް ކުރުން ކަމަށެވެ. އެ ޒިންމާ އަދާ ކުރުމުގައި ވަކީލުންގެ ސުލޫކީ މިންގަނޑު ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުޥެ، ވަކީލުންގެ ޕްރޮފެޝަންގެ އަގު ވެއްޓޭ ފަދަ ކަންކަން ވަކީލުން ނުކުރަން ފަނޑިޔާރު އަރީފް އިލްތިމާސް ކުރެއްވި އެވެ.

"ކުށްވެރިންގެ ކުށް ފޮރުވުމަށްޓަކައި ޝަރީއަތަށް ހަގީގަތް އޮޅުވާލުމާއި ތިމާއަށް ހައްގު ނޫން ނުވަތަ ކަމެއް ލިބިގަތުމަށްޓަކައި އުޅޭ ފަރާތެއްގެ ހަގީގަތް އެނގިހުރެ، އެފަދަ ފަރާތަކަށް އެކަމުގައި އެހީތެރިވުމަށް އެއްވެސް ކަހަލަ ކަމެއް ކޮށްގެން ނުވާނެ،" ފަނޑިޔާރު އަރީފް ވިދާޅުވި އެވެ.

ވަކީލުކަމުގެ ހުއްދަ މިރޭ ބޭފުޅަކަށް ދެއްވަނީ:--މިހާރު ފޮޓޯ/ހުސައިން ވަހީދު

ވަކީލުކަމުގެ ހުއްދަ މިރޭ ބޭފުޅަކަށް ދެއްވަނީ:--މިހާރު ފޮޓޯ/ހުސައިން ވަހީދު

މީގެ އިތުރަށް ފަނޑިޔާރު އަރީފް ވިދާޅުވި ގޮތުގައި މުވައްކިލުންގެ އަތުން އެކަށީގެންނުވާ މިންވަރަށް ބޮޑު އަގު ނެގުން ފަދަ ކަންކަން ކުރުމުން ވަކީލުން ދުރުހެލިވާން ޖެހެ އެވެ. އަދި މާލީ ތަނަވަސްކަން ނެތް ފަރާތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް ވަކީލުންގެ ޒިންމާއެއް ކަމުގައި ދެކެންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އަރީފް ވިދާޅުވި ގޮތުގައި ވަކީލު ކަމަކީ ގާނޫނީ ދާއިރާއިން ފުރިހަމަ ކުރާ ހަތަރު އަހަރު ދުވަހުގެ ޑިގްރީއެއް ކޯހެއްގައި މިންވަރަށް ވުރެ ފުޅާ ދާއިރާއެއްގައި އޮންނަ ކަމެކެވެ. ވަކީލު ކަމުގެ ހުއްދަ ލިބުމަށް ފަހު ވެސް ވަކީލުންނަކީ ތަޖްރިބާ އާއި ތަމްރީނު ލިބެންޖެހޭ ބައެއް ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ސުޕްރީމް ކޯޓުން މިހާރު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖުޑިޝަލް އެކަޑަމީއެއް އުފައްދައި، ވަކީލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މި ނިޒާމު ގާއިމްކޮށްފައިވާ ސަބަބަކީ ވެސް މިއީ. އަޅުގަނޑު އުއްމީދު ކުރަނީ ތިޔަ ހުރިހާ ބޭފުޅުން ވެސް ރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުން ފައިދާ ހޯއްދަވަމުން ގެންދަވާނެ ކަމަށް،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަ ގޮތެއްގައި ހުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

ވަކީލުކަމުގެ ހުއްދަ މިރޭ 175 ބޭފުޅަކަށް ދިންއިރު ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.