Roadha Mihaaru
އިދިކޮޅުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް: ޕާޓީތައް

އިދިކޮޅުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް: ޕާޓީތައް

09 އެޕްރީލް 2018

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް "ވަގުތާއި ހާލަތު އައުމުން ފެންނާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ތައްޔާރަށް. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ޖަލުގެ ކުޑަގޮޅީގައިތޯ. ދުނިޔޭގެ ގައުމެއްގަތޯ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ދިވެހި ރާއްޖޭގަތޯ އެއީ މިވަގުތު އަޅުގަނޑުމެން ބަލަން ބޭނުންވާ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އިންތިހާބަށް އެއް ކެންޑިޑޭޓު ނެރުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވާހަކަ ދައްކަވަނީ--

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވާހަކަ ދައްކަވަނީ--

އިދިކޮޅު އެއް ކެންޑިޑޭޓް ނެރުމަށް އިދިކޮޅު ޕާޓީތަކުން ނިންމާފައި ވިޔަސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ ވަކިން އެ ދެ ޕާޓީގެ މެނިފެސްޓޯ ހަދަން ފަށައިފަ އެވެ.

ސަމީރު ވިދާޅުވީ އެކި ޕާޓީތަކުން ހަދާ މެނިފެސްޓޯ އެއްކޮށްލުމުން އިދިކޮޅު ފަރާތްތަކުން ބޭނުންވާ މެނިފެސްޓޯ ހެދޭނެ ކަމަށާއި އޭރުން އޭގައި ހުންނާނީ އެކި ޕާޓީތަކަށް ތާއީދުކުރާ މީހުން ބޭނުންވާގޮތް ކަމަށެވެ.

އިންތިހާބުގެ މިނިވަންކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު އިލެކްޝަން ކޮމިޝަންގައި ބައިތިއްބައިގެން މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިނިވަން އިންތިހާބެއް ބޭއްވެން އޮތީ އިލެކްޝަންގެ މެމްބަރުން ބަދަލުކޮށްގެން ކަމުގައިވާ ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ މަޝްވަރާކުރުމަށް ދައުވަތު ދީފައި ވިޔަސް ސަމީރު ވިދާޅުވި ގޮތުގައި ކޮމިޝަންގެ އިތުބާރު ނެތުމުން ޕާޓީތަކުން މަޝްވަރާތަކަށް އެއްބާރުލުމެއް ނުދޭނެ އެވެ.

އޭނާ ވަނީ ސަރުކާރު ހިންގާ ޕީޕީއެމް އަށް އިދިކޮޅު ޕާޓީތަކުގެ މައުލޫމާތު ހޯދައިދޭން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.

"އިލެކްޝަން ކޮމިޝަނުން ގާނޫނުން ބޭރުން އަންގާ އެއްގުމަށް އަޅުގަނޑުމެން މިތިބީ ތަބާވާގޮތަކަށް ނޫންކަމުގައި ދައްނަވަން. އެކޮމިޝަން ވާންޖެހޭނީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އެ ޒިންމާ އަދާކުރާ ބަޔަކަށް،" ސަމީރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދޭން ޖެހޭއިރު އަދިވެސް އެ ފައިސާ ދެވިފައި ނުވާތީ އިލެކްޝަން ކޮމިޝަން ލަދުގަންނަން ޖެހޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.