Roadha Mihaaru
ދެ ފަނޑިޔާރުންގެ ޝަރީއަތް ކޯޓުން ސިއްރުކޮށްފި

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް ސިއްރުކޮށްފި

12 އެޕްރީލް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ތަވާލްކޮށްފައި އޮތީ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތެވެ. މި ޝަރީއަތުގެ އަޑުއެހުމަށް ނަން ނޯޓު ކުރުމަށް ކްރިމިނަލް ކޯޓަށް ދިއުމުން، އެތަނުގެ މުވައްޒަފުން އެންގީ ސިއްރުކޮށްފައި އޮތް ޝަރީއަތަށް ނުވަދެވޭނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފަ އެވެ.

އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، އެ ބޭފުޅުން ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގަ އެވެ. އެކަމަކު އެ މައްސަލަތަކާ ގުޅިގެން އެ ބޭފުޅުންނަށް މިހާރު ދައުވާ އުފުލާފައިވާތީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، މިހާރު ސަސްޕެންޝަންގައި ތިއްބަވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށް، ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ދައުވާއެއް އުފުލައި، ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު މިދިޔަ މަހު ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.

ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.