Roadha Mihaaru
ދެ ފަނޑިޔާރުންގެ ޝަރީއަތް އާދީއްތަ ދުވަހު ބާއްވަނީ

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަނީ

19 އެޕްރީލް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ އެކު ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާތަކުގެ ތެރެއިން އާދީއްތަ ދުވަހު ބާއްވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިން އޮތީ ފަށައިފަ އެވެ.

އެ ދައުވާތަކުގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އޭގެ ތެރެއިން ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އަދި ނުފަށަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު އެ ބޭފުޅުން މިހާރު ތިއްބެވީ ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައި ވާތީ ފަނޑިޔާރުންގެ ގާނޫނު އޮތްގޮތުން އެ ބޭފުޅުންނަށް މިހާރު މުސާރަ ލިބިވަޑައެއްނުގަންނަވަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ އެ ބޭފުޅުން އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ އިތުރުން މަޖިލީހުގެ ހަތަރު މެމްބަރަކު ވެސް ވަނީ ހައްޔަރުކޮށް، ދައުވާ އުފުލައިފަ އެވެ. އެ ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.