Roadha Mihaaru
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ކުރި ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފި

17 މެއި 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލުމަށް އިއްވި ދެ ހުކުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމް އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލުމަށް އިއްވި ދެ ހުކުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމް އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު ޖަލަށް ލުމަށް ދެ ހުކުމެއް އަދި އަލީ ހަމީދަށް ޖަލު ހުކުމެއް މި މަހު ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރަށް އައިސްފައި ވަނީ ގަވަމެންޓް އީ ލެޓާ މެނޭޖްންޓްމަންޓް ސިސްޓަމް (ޖެމްސް) ސިސްޓަމް ސުޕްރީމް ކޯޓުގައި ޑައުން ކުރަން އެންގެވި މައްސަލާގައި އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށް ލުމުގެ ހުކުމެވެ.

ފަނޑިޔާރު އަލީ ހަމީދަށް އިއްވާފައި ވަނީ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމްތައް އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތުން ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރި ހުކުމުގެ އިސްތިއުނާފްގެ މަރުހަލާތައް ނިމޭއިރު އެ ދެ ބޭފުޅުންނަށް ކުރި ހުކުމް ދަމަހައްޓައިފި ނަމަ، އެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ އެވެ. އެ ދެ ބޭފުޅުން މިހާރު ވެސް ތިއްބެވީ މުސާރަ ނުލިބޭ ގޮތަށް ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށްފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް އިސްތިއުނާފް ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައެއް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އަދި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއް ސުޕްރީމް ކޯޓުން ވެސް ނިންމަންޖެހެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.