Roadha Mihaaru
ސިޔާސީ ޕާޓީތައް ތަޅު އެޅުވުމުގެ ވިސްނުމެއް ނެތް: އީސީ

ސިޔާސީ ޕާޓީތައް ތަޅު އެޅުވުމުގެ ވިސްނުމެއް ނެތް: އީސީ

12 އެޕްރީލް 2018

ސިޔާސީ ޕާޓީތައް "ތަޅު އެޅުވުމުގެ" އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުންނާއި ޚިޔާލު ތަފާތުވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީތައް "ތަޅު އެޅުވުމުގެ" އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުންނާއި ޚިޔާލު ތަފާތުވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމުގެ ދައުވަތު އިލެކްޝަންސް ކޮމިޝަނުން ދިން ނަމަވެސް ވެރިކަން ކުރާ ޕީޕީއެމާއި ސަރުކާރަށް ތާއީދުކުރާ އެމްޑީއޭ އާއި ޑީއާރުޕީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ބައްދަލުކުރަން ދެކޮޅުހަދައިފަ އެވެ.

ޖަމާލުއްދީން ސްކޫލްގެ ބައު އިމާރާ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ގާނޫނުގައި ފުށު އަރާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އީސީގެ މެމްބަރުންނާ އެކު އިއްޔެ އޮތް ބައްދަލުވުމަށް ފަހު، އެމްޑީއޭގެ އިސް ބައެއް ބޭފުޅުން އެ ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އީސީގެ މެމްބަރުންނާ އެކު އިއްޔެ އޮތް ބައްދަލުވުމަށް ފަހު، އެމްޑީއޭގެ އިސް ބައެއް ބޭފުޅުން އެ ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޝަރީފް ވިދާޅުވީ ސީޔާސީ ޕާޓީތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް އެކުލަވާލައި އަންނަ ހަފުތާގައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި އިސްލާހުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވީ އެންމެ އަވަހަކަށް ހަދައި ޕާޓީތައް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީތައް، ލަގަނެއް ނެތް އަހެއް ދޫކޮށްލާފައި އޮންނަ ފަދައިން ބޭނުން ދިމާލަކަށް ގޮސް، ދޫކޮށްލާކަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލެއް ނުކުރަން،" ކޮމިޝަންގެ ހުރިހާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ޕާޓީތައް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މެކޭނިޒަމެއް ގާއިމު ކުރަން ބޭނުންވަނީ ޕާޓީތައް ތަޅު އެޅުވުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި ޕާޓީތަކާ މަޝްވަރާ ކުރަން ބޭނުންވި ކަމަކީ، އިލެކްޝަންސް ކޮމިޝަނާ ހިޔާލު ތަފާތުވާ މައްސަލަތައް އޮޅުން ފިލުވުން ކަމަށެވެ. ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން ގޮވާލީ ވެސް އެ ސަބަބުތައް އޮޅުން ފިލުވަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އީސީގެ ރައީސް ޝަރީފް (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ

އީސީގެ ރައީސް ޝަރީފް (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ

މަޝްވަރާކުރުމަށް ދިން ދައުވަތު އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ގަބޫލު ނުކުރުމުން ހިތާމަކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭނުންވީ އިދިކޮޅު ޕާޓީތަކުން ގާނޫނަށް ގެންނަން ބޭނުންވާ ހިޔާލެއް އޮތްތޯ ބެލުން ކަމަށާއި އެކަމަކު، އެ ޕާޓީތަކުން ބައްދަލުނުކުރުމަކީ، މަޝްވަރާ ކުރުން ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގައި ޕާޓީތަކާއެކު މަޝްވަރާ ކުރާނެ އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމާ ބެހޭ ގޮތުން ޕާޓީތަކާ ދެން މަޝްވަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، އިންތިހާބުގެ ކަންކަން ރޭވުމާއި ޕާޓީތައް ރެގިއުލޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ބޭނުންވާ، އިދިކޮޅު ޕާޓީތަކުގެ މައުލޫމާތު ހޯދައިދޭން ކޮމިޝަނުން މަސައްކަތްކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ކުރާ ތުހުމަތު ޝަރީފް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުން ބޭރުން އެއްވެސް މައުލޫމާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ލަސްކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނާއިރު ޝަރީފް ވިދާޅުވި ގޮތުގައި ފައިސާ ދިނުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަނީ ގާނޫނާ އެއްގޮތަށެވެ. ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ގާނޫނުން ބޭރުން ހިފަހައްޓާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީން ފައިސާ ޖަމާކޮށްދިންހާ އަވަހަކަށް ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ޕާޓީތަކާ ފައިސާ ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.