Roadha Mihaaru
ރެއާލް ބަލިވިއިރު، ޗެމްޕިއަން ބަޔާނަށް ބޮޑު މޮޅެއް

ރެއާލް ބަލިވިއިރު، ޗެމްޕިއަން ބަޔާނަށް ބޮޑު މޮޅެއް

22 އޮކްޓޯބަރ 2020

މެޑްރިޑް (އޮކްޓޫބަރު 22) - ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިން ބަލިވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 4-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

މެޑްރިޑް (އޮކްޓޫބަރު 22) - ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިން ބަލިވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 4-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ކޮވިޑް-10ގެ ސަބަބުން ފުރަތަމަ ޓީމުގެ 13 ކުޅުންތެރިން ނުލައި ޝަހުތަރުން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއްނަގައިފަ އެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޯސް ނުލައި ކުޅުނު ރެއާލްގެ ފަހަތުން ރޭ ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ.

ރޭގެ މެޗުގެ 29 ވަނަ މިނިޓްގައި ޝަހުތަރުން ލީޑުނެގީ ޓެޓޭ ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ރެއާލްގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލުން ޝަހުތަރުން ލިޑުފުޅާކުރި އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޒުވާން ވިންގް މަނޯ ސަލްމޮން ވަނީ ޝަހުތަރަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މިއީ ޗެމްޕިއަންސް ލީގުގައި މިދިޔަ 16 އަހަރު ތެރޭގައި ފުރަތަމަ ހާފް ތެރޭގައި ރެއާލް ކޮޅަށް ތިން ގޯލު ވަން ފުރަތަަމަ ފަހަރެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ 2005 ވަނަ އަހަރު ފްރާންސްގެ ލިޔޯނުންނެވެ. އެންމެ ފަހުން ފުރަތަމަ ހާފުގައި ރެއާލް ދަނޑުގައި ތިން ގޯލު ޖެހީ 2000 ވަނަ އަހަރު ބަޔާން މިއުނިކް އެވެ.

ރެއާލުން ދެ ވަނަ ހާފަށް ނުކުތީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކަރީމް ބެންޒެމާ އަރުވައިގެންނެވެ. މެޗުގެ 54 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ޝޮޓަކުން ރެއާލްގެ ފުރަތަމަ ގޯލު ޖެހީ ލޫކަ މޮޑްރިޗް އެވެ. އޭގެ ފަސް މިނިޓް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 10 ވަރަކަށް ސިކުންތު ތެރޭ ރެެއާލްގެ ދެ ވަނަ ގޯލު ޖެހީ ޒުވާން ތަރި ވިނީޝިއުސް ޖޫނިއާ އެވެ. މެޗުގެ އިތުރު ވަގުތުގައި ފެޑޭ ވަލްވޭޑޭ ރެއާލަށް އެއްވަރުކޮށްދިން ނަމަވެސް އެ ގޯލު ބަލައިނުގަތީ ވިނީޝިއުސް އޮފްސައިޑްގައި ހުރުމުންނެވެ.

ރެއާލްގެ ލޫކަ މޮޑްރިޗް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ލޫކަ މޮޑްރިޗް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ 1986 ވަނަ އަހަރަށް ފަހު ރެއާލް ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ހަފްތާގައި ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯގެ ކުރިން ރެއާލް މި ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރޭގެ މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި މީގެ އަށް ހައްލެއް ހޯދުމުގެ ކަންތައްތައް ވީ އެންމެ ރަނގަޅަށް ކުރާނެ ކަމަށެވެ.

މި ގްރޫޕްގައި ދެން ކުޅުނު މެޗުން އިންޓަ މިލާން ވަނީ ފަހު ވަގުތު ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ 2-2 އިން އެއްވަރުކޮށްފަ އެވެ. އިންޓަ އަށް ފަހު ވަގުތު އެއްވަރުކޮށްދިނީ މެޗުގައި ދެ ގޯލު ޖެހި ރޮމެލޫ ލުކާކޫ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޯޗިން ކެރިއަރުގައި ޔޫރަޕްގައި ނުކުތް 100 ވަނަ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުމެ ބަޔާނުން ވަނީ ރޭގެ ފުރަތަމަ ހާފުގައި ވެސް ދެ ގޯލުގެ ލީޑެއް ނަގައިގަ އެވެ. ފުރަތަމަ ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. އަދި ދެ ވަނަ ގޯލު އޭރިއާތެރެއިން ކާމިޔާބުކުރީ ލެއޯން ގޮރެޓްޒްކާ އެވެ. ދެ ވަނަ ހާފްގައި އޭރިއާ ބޭރުން ޖެހި ބާރު ޝޮޓަކުން ބަޔާންގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ އެވެ. ބަޔާންގެ ފަހު ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯމަން އެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޖެހިޖެހިގެން ދެ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފްހޯދާފައިވަނީ ރެއާލްގެ އިތުރުން އިޓަލީގެ ގަދަބާރު އޭސީ މިލާން އެވެ. ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ އޭނާގެ ޓީމުގެ ކިބައިގައި އެ ފެންވަރު އެބަހުރި ކަމަށާއި ސުވާލު އުފެދެނީ އެ ލެވަލަށް އަނެއްކާ ވެސް ކުޅެވޭނެތޯ ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އާއި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.