Roadha Mihaaru
ފާރިސް، ވަހީދު މަޖިލީހުގެ ކޮމެޓީތަކުން ޑީމޯޓުކޮށްފި

ވިޕްލައިނާ ހިލާފުވި ފާރިސް އާއި ވަހީދު ބާރުގަދަ ކޮމެޓީތަކުން އާދައިގެ ކޮމެޓީއަކަށް ބަދަލުކޮށްފި

20 ޖުލައި 2016

ޕީޕީއެމްގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ތިއްބެވި މުހިއްމު ކޮމިޓީތަކުން ވަކިކޮށް، އާދައިގެ ކޮމިޓީއަކަށް މިއަދު ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން އަދި އަލީ ނާފިޒް

ޕީޕީއެމްގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ތިއްބެވި މުހިއްމު ކޮމިޓީތަކުން ވަކިކޮށް، އާދައިގެ ކޮމިޓީއަކަށް މިއަދު ބަދަލުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ބަދަލުކުރީ ގައުމީ ތަރައްގީގެ ކޮމިޓީން ޕެޓިޝަން ކޮމިޓީއަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަހީދު ވަނީ، އެނގިފައިވާ ގޮތުގައި، އެ ދެ ކޮމިޓީން ވެސް ވަކިކޮށް، ޕެޓިޝަން ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މި ގޮތަށް ނިންމީ މި ފަހުން މަޖިލީހުން ފާސްކުރި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓު ދިނުމަށް ޕީޕީއެމުން ނެރުނު ތްރީ ލައިން ވިޕާ އެ ދެ ބޭފުޅުން ވެސް ހިލާފުވެވަޑައިގެންފައި ވާތީ އެވެ. ފާރިސް އެ ބިލާ ދެކޮޅަށް ވޯޓު ދެއްވިއިރު، ވަހީދު ހުންނެވީ ތަޅުމުން ބޭރުގަ އެވެ.

ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި މަސްއޫލިއްޔަތު އަދާކުރާ މިންބަރު ބަލާ ކޮމިޓީ އަށް އާއްމުކޮށް ގިނަ ކަންތައްތަކެއް ހުށަހަޅައި ބަހުސް ކުރެ އެވެ. ގައުމީ ތަރައްގީގެ ކޮމީޓީގައި ވެސް އިމާރާތްކުރުމުގެ ކޯޑު ފަދަ މުހިއްމު މައްސަލަތައް އެބަހުއްޓެވެ. އެއާ ހިލާފަށް، ޕެޓިޝަން ކޮމެޓީއަކީ އާއްމުކޮށް ބާއްވާ ކޮމެޓީއެއް ވެސް ނޫނެވެ. އެ ގޮތުން، މަހަކު އެއް ފަހަރު ވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ނުބާއްވަ އެވެ.

ފާރިސްގެ ބަދަލުގައި ގައުމީ ތަރައްގީގެ ކޮމިޓީ އަށް ހަމަޖެއްސީ، އެނގިފައިވާ ގޮތުގައި، ކުރިން ޕެޓިޝަން ކޮމިޓީގައި ހުންނެވި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ. މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ވަހީދުގެ ބަދަލުގައި ހަމަޖެއްސީ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.

ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ވަހީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ވަހީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް

މަޖިލީހުގެ ކޮމެޓީތަކަށް ދޭތެރެ ދޭތެރެއިން ބަދަލު ގެނެ އެވެ. އެކަމަކު، މިއީ މަޖިލީހުގެ ޕީޕީއެމް މެމްބަރަކު ވޯޓު ދެއްވި ގޮތަކުން ކޮމެޓީ ބަދަލު ކުރި ފުރަތަމަ ފަހަރެވެ.

ފާރިސް އާއި ވަހީދަށް މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅާފައި ވާއިރު، ފާރިސް ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމް ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ދެ ފެކްޝަން ވަނީ އުފެދިފަ އެވެ. އެއީ ފާރިސް ޕާޓީން ވަކިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުންނާއި ސުލޫކީ ކޮމިޓީގެ ނިންމުން ސައްހަ ނޫން ކަމަށް ވަކާލާތު ކުރައްވާ ޕީޕީއެމްގެ ރައީސް މައުމޫންގެ ސަޕޯޓަރުންނެވެ.

އިއުލާނު ކުރުމެއް ނެތި ޓޫރިޒަމް ބޭނުމަށް ރަށްތައް ދެވޭ ގޮތަށް ހުށަހެޅި އެ އިސްލާހާ މައުމޫން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. މައުމޫންގެ ކޮޅު ވަހީދު އޭރު ހިޔާރު ކުރެއްވި ނަމަވެސް އޭނާ މިހާރު ހުންނެވީ ރައީސް ޔާމީންގެ ފެކްޝަންގަ އެވެ. ޕީޕީއެމުން ރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.