Roadha Mihaaru
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް

ތިން އަހަރު ކުރިން ފާރިސް ބަންދުކުރި މައްސަލަ ހައި ކޯޓުން ހުކުމާ ހަމައަށް

03 ޑިސެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޖުލައި، 2017 ގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅުވައިގެން މެމްބަރަކަށް އޭނާ ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ފަހު ހަ މަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.

އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފު ކުރުމުން، އަޑުއެހުންތައް ހައި ކޯޓުން ނިންމައިލިޔަސް، ހުކުމެއް ނީއްވަ އެވެ. މައްސަލަ ނުނިމި އޮއްވައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން އިޖުރައާތު ފުރިހަމަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެން ކަމަށް ވުމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުގައި ހުންނަތާ ހަ މަސް ފަހުން ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލީ ޖެނުއަރީ، 2018 ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި 15 ދުވަހަށް ބަންދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރާ ގުޅިގެން ފާރިސް ބަންދުން ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަނެއްކާވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދުން ދޫކޮށްލީ ރިޔާސީ އިންތިޚާބު ނިމުނު ފަހުން، ސެޕްޓެމްބަރު 2018 ގަ އެވެ.

ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް އުފުލުމަށް ފަހު، އެ ދައުވާތައް އަނބުރާ ގެންދިޔަ އެވެ. ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއް ދެއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.