Roadha Mihaaru
އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާއެއް

ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާ އާއި 160 ގަޑިއިރު މުޖުތަމައު ހިދުމަތް ކުރުމުގެ އަދަބެއް

21 ޖުލައި 2024

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން، މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން، މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑީޖޭއޭގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ތިން ދައުވާއެއް އުފުލީ 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައި، އެތަނުން އެއް ކުންފުންޏަކާ ހަވާލު ކުރުމުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދި ކަމަށް ބުނެ އެވެ.

ޑީޖޭއޭގެ މަސައްކަތް އެތަނުން އެއް ކުންފުންޏަށް ހަވާލު ކުރުމުން ދައުވާ ލިބޭ މީހާގެ އެކައުންޓަށް އެ ކުންފުނީގެ އެކައުންޓުން ފައިސާ ވެސް ޖަމާކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ.

އެހެންވެ، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑައެޅީ 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި 56،200ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ތިން ދައުވާއެއް އޭނާގެ މައްޗަށް ކުރީ އޭނާއާ ގުޅުން އޮންނަ އެހެން ވިޔަފާރިތަކަކަށް، އޭނާއަށް މަންފާ ލިބޭ ގޮތަށް ޑީޖޭއޭގެ މަސައްކަތްތައް ހަވާލުކުރި މައްސަލަތަކެއްގަ އެވެ. އެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ތިން ދައުވާއަށް ވަކިވަކިން އަދަބު ކަނޑައަޅާފައިވާއިރު، ޖުމްލަ އަދަބަކީ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

އެހެންކަމުން ޖުމްލަ 379،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.