Roadha Mihaaru
ފުރަތަމަ ކަނޑު އަޑީގެ ގެ ކޮންރެޑް ރިސޯޓުގައި ހަދަނީ

ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ގެ ކޮންރެޑް ރިސޯޓުގައި ހަދަނީ

17 އެޕްރީލް 2018

ދުނިޔޭގެ ކަނޑު އަޑީގައި ހަދާ އެންމެ ފުރަތަމަ ގެ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި ހަދަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުނިޔޭގެ ކަނޑު އަޑީގައި ހަދާ އެންމެ ފުރަތަމަ ގެ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި ހަދަން ފަށައިފި އެވެ.

އެ ރިސޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ރަންގަލީގެ ފަޅުތެރޭގައި ހަދާ ނުވަ މީހުންގެ ޖާގައިގެ ގޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ ކަމަށެވެ. އަދި އެތަން އަންނަ ނޮވެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް ކޮންރެޑުން ބުންޏެވެ.

"މުރަކަ" ނަމުގައި ތަރައްގީކުރާ ކަނޑު އަޑީގެ ގެއަކީ ރާއްޖެ އަންނަ ޓޫރިސްޓުން ހައިރާންވާ ފަދަ ތަނަކަށް ވެގެންދާނެ ކަމަށް އެ ރިސޯޓުން ދެކެ އެވެ.

މީގެ 20 އަހަރު ކުރިން ރާއްޖޭގައި ހުޅުވި ފުރަތަމަ އިންޓަނޭޝަނަލް ބްރޭންޑްގެ ހޮޓަލުގައި މީގެ ކުރިން ވަނީ "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުޅުވައިފަ އެވެ. މިއީ ދުނިޔޭގައި ހެދި އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ. މުރަކަ ރެސިޑެންސް ހަދަން ފެށީ، އިތާ ރެސްޓޯރަންޓް ހުޅުވިތާ މިމަހު 13 އަހަރު ފުރުމާ ދިމާކޮށެވެ.

ކޮންރެޑް މޯލްޑިވްސްގައި "މުރަކަ" ނަމުގައި ހަދާ ގޭ ކުރެހުމެއް. ފޮޓޯ: ޓެލެގްރާފް

ކޮންރެޑް މޯލްޑިވްސްގައި "މުރަކަ" ނަމުގައި ހަދާ ގޭ ކުރެހުމެއް. ފޮޓޯ: ޓެލެގްރާފް

"ކަނޑުއަޑީގެ ގެ ހަދަނީ ކަނޑުއަޑީގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ފެންނަ ގޮތަށް. އެގޮތުން މުރަކަ ޑިޒައިންކޮށްފައި ވާނީ އެނބުރޭ ކޮންމެ ދިމާލަކުން ވެސް އިންޑިއާ ކަނޑުގެ ރީތިކަން ފެންނަ ގޮތަށް،" ކޮންރެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮންރެޑްގައި އެ ގެ ހެދުމުގައި އިސްކޮށް އުޅުއްވަނީ އެ ރަށުގެ ވެރިފަރާތް ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ސަލީމާއި އެކުއޭރިމްތައް ހެދުމުގައި މަޝްހޫރު ނިއުޒިލޭންޑްގެ އެމް ޖޭ މާފީ ލިމިޓެޑްގެ ލީޑިން އިންޖިނިއަރު މައިކް މާފީއާ ދެ ބޭފުޅުންނެވެ.

ދެ ބުރިއަށް ހަދާ އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑުއަޑީގަ އެވެ. ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އަދި ފާޚާނާއެއް ކަނޑުއަޑީގައި ހުންނަ ސުއިޓްގައި ހުރެ އެވެ. ވަށް ސިޑިއަކުން ފައިބަން ޖެހޭ އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގަ އެވެ.

މުރަކަ ރެސިޑެންސްގެ މަތީ ފްލޯގައި ހިމެނެނީ ޓުވިން ސައިޒްގެ ބެޑްރޫމަކާއި ޕައުޑާ ރޫމް، ޖިމް، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި ގުޅިފައި ހުންނަ ލިވިން ރޫމަކާއި ބަދިގެއެއް އަދި ޑައިނިން އަކާއި ބާ އެކެވެ. އަދި އެ ވިލާގެ ފަހަތުގައި އިރު އަރައިގެން އަންނަ މަންޒަރު ރީތިކޮށް ފެންނަ ގޮތަށް ހަދާ ޑެކްގައި އިންފިނިޓީ ސުވިމިން ޕޫލެއް ވެސް ހަދަން ނިންމާފައިވެ އެވެ. އެ ފްލޯގައި އިތުރު ކިންގް ސައިޒުގެ ބެޑްރޫމަކާއި މޫދު ފެންނަ ގޮތަށް އޮވެވޭ ބާތުޓަބެއް ހިމެނޭ ފާޚާނާއެއް ވެސް އެތަނުގައި ހުރެ އެވެ.