Roadha Mihaaru
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ

އީޔޫ ރިޕޯޓުގެ ފައިދާ ނަގަން ނޫޅޭ، ލާދީނީ ޓެގެއް ނޭޅުވޭނޭ: އަމީން

20 އެޕްރީލް 2018

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓުގެ ފައިދާ ނަގަން ސަރުކާރުން ނޫޅުމަށާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓުގެ ފައިދާ ނަގަން ސަރުކާރުން ނޫޅުމަށާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 8-11 އަށް އީޔޫން ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު އިއްޔެ އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނުގެ އުސޫލާ ހިލާފު ކަންކަން ހިމެނޭތީ ދިވެހި ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން އަންނަނީ އެ ޖަމާއަތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިއުމެއް، ޕީޕީއެމުން އަމާޒުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީ އަށެވެ.

ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން މީގެ ކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ބޭރުގެ ޖަމާއަތަކުން ހުށަހެއް ނާޅަ އެވެ. އެކަމަކު ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާ ގުޅިގެން، އެކަން ހުޅުވާލުމަށް އެކި ސިފަސިފައިގައި އީޔޫ ފަދަ ޖަމާއަތްތަކުން އަބަދު ވެސް ރާއްޖެ އަށް ޕްރެޝަރު ކޮށް ފާޑުކިޔަ އެވެ.

އީޔޫގެ ރިޕޯޓާ ގުޅިގެން، އަމީން ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ "އައުވާނުން ދެބޯގެރި ދުއްވައި" އެ ރިޕޯޓުގެ ފައިދާ ނަގަން ނޫޅުއްވުމަށް ގޮވާލައްވައިފަ އެވެ. އަދި އިސްލާމް ދީނުގެ ހިމާޔަތުގައި ސާބިތުވި ލީޑަރުންނާއި އިލްމުވެރިންގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން މިއަދު ކުރެއްވި ޓުވީޓު.

"ރިޕޯޓުގައި ކުރިން ނުދައްކާ އާ ވާހަކައެއް ނެތް. ދިވެހިންގެ ދީނަކީ އިސްލާމް ދީން،" އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ އަމީން ވިދާޅުވި އެވެ.

އަމީން ކުރެއްވި ޓުވީޓު.

އަމީންގެ އެހެން ޓުވީޓެއްގައި ވަނީ ފަހުގެ ތާރީޚެއްގައި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލީ ކާކުތޯ ސުވާލު އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ބަދަލުކޮށް، ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތް ހަދައި، އެ މީހުން ރާއްޖޭގައި ވަޒަން ވެރިވުމުގެ ދޮރު ހުޅުވައިދިނީ ރައީސް ޔާމީން ކަމަށް އަމީން ވިދާޅުވި އެވެ. ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ފްރީޒްކޮށް" ބަންދުކޮށް، ގާނޫނުއަސާސީ ބަދަލުކުރީ ކޮން އެދުމެއްގައިތޯ ވެސް އަމީން ސުވާލު އުފައްދެވި އެވެ.

އީޔޫގެ ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުމަކީ މިނިވަން އިންތިޚާބެއް ބާއްވަން ހުރި ގޮންޖެހުންތަކެވެ. އެގޮތުން، ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް އިންތިޚާބުތައް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ ކަމަށާއި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ބޭފުޅުންނަށް ތަފާތު ކުރުމެއް ނެތި، އެއް ހަމަޔަކުން ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިކޮށްދީ، މަދަނީ ޖަމިއްޔާތަކާއި މީޑިއާއަށް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން މަސައްކަތް ކުރަން ހުށަހަޅައިފައިވެ އެވެ.

ނަމަވެސް ރާއްޖޭގައި ދީނީ މިނިވަންކަން ފަހިވާ ގޮތަށް އީޔޫން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން، ޚާއްސަކޮށް ދިވެހި ސަރުކާރާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ކޯލިޝަންގެ ފާޑުކިޔުން ވަނީ އީޔޫ އާއި އެ ޖަމާއަތާ ގުޅުން ބޮޑު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.