Roadha Mihaaru
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން

އީޔޫ އިން ބޭނުންވާ ކަންތައް ދިރިތިއްބާ ވިޔަކަ ނުދޭނަން: ނިހާން

19 އެޕްރީލް 2018

ދިވެއްސަކު، އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން ޔޫރިޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅިޔަސް، އެކަން ވިޔަ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެއްސަކު، އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން ޔޫރިޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅިޔަސް، އެކަން ވިޔަ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެމީހުންނަށް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ހުށަހެޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ނިހާން ކުރެއްވި ޓުވީޓު.

އީޔޫގެ ބަޔާނާ ހަވާލާދީ "މިހާރު" ގައި ޝާއިއު ކުރި ޚަބަރާ އެކު، ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ރަހްމަތްފުޅާ އެކު "އަހަރުމެން" ދިރިތިއްބާ އެ ކަންތައް މި ރާއްޖޭގައި ވިޔަކަ ނުދެއްވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އާއި 10 ވަނަ މާއްދާ ހިމާޔަތް ކުރުމަށް ޖާނާއިމާލުން ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ކުރެއްވި ޓުވީޓު.

ނިހާންގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އީޔޫގެ އެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ އިސްލާމް ދީނާއި ސަގާފަތާއި ގައުމީވަންތަކަމާ މެދު މަޝްވަރާ ކުރަން ޖެހޭ ފުރުސަތެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީޔޫގެ ހުށަހެޅުމަކީ ރާއްޖޭގައި މަޝްވަރާ ވެސް ކުރެވޭނެ ހުށަހެޅުމެއް ނޫން ކަމަށެވެ. މާތް ﷲ ގެ ރަހްމަތްފުޅާ އެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނީ 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓު.

މީގެއިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އުޅެނީ ކޮން ކަމެއްކަން މިހާރު ދިވެހިންނަށް އެނގިގެންދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ އިސްލާމް ދީނާ ދުރު ވިސްނުމަކަށް ރާއްޖެ ގެންދިއުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އަޑީގައި ތިބެގެން ހިންގާ ނުބައި ޖަރީމާ މި ގައުމަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ކުށްވެރި ކުރާނެ ކަމަށެވެ.

ހަލީލް މިއަދު ކުރެއްވި ޓުވީޓު.

"އީޔޫގެ މިއަދުގެ ގޮވާލުމަކީ ދިވެހި ގައުމުގެ އެއްބައިވަންތަކަމަށް، ދިން ހަމަލައެއް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އުޅޭނެ ދީނެއް ނިންމުމުގެ އިޚުތިޔާރު އީޔޫ އަކަށް ނޯންނާނެ ކަމަށެވެ. އަދި އީޔޫ އަށް ވާގިވެރިވާ ދިވެހިންނަށް ވެސް ރާއްޖޭގެ ރައްޔިތުން ތަބާވާނެ ދީން ދިވެހި ރައްޔިތުން ވަނީ މީގެ 900 އަހަރު ކުރިން އިޚުތިޔާރުކޮށްފައި ކަމަށް ޚަލީލް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ދިވެހިން އުޅެންވީ ދީނެއް އީޔޫ އަކަށް ނޭނގޭނެ ކަމަށެވެ. އަދި އީޔޫ އިން އުޅެނީ ޕޯޗުގީޒުން އުޅުނު ވައްތަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މުސްލިމުންގެ އަގީދާ ބަލިކަށި ކުރުމަށް ގޮވާލައި ރާއްޖޭގައި އޮތް އިސްލާމް ދީނަށް އިޚުތިރާމް ނުކުރާ ޖަމާއަތެއްގައި ދިވެހި ދައުލަތުން ބައިވެރިވެގެން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދެވިދާނެ ކަމަށް ވިސްނުމަކީ ކުށްހީއެއް ކަމަށާއި އެފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޔޫގެ ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅުކުރި ގިނަ މީހުން ބުނި ގޮތުގައި ރާއްޖޭގައި ކަންކަން ކުރަންވީ ގޮތް ނިންމާނީ ދިވެހިން އަމިއްލައަށެވެ. އެއީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތް ވެވިދާނެ ކަމަށް ގަބޫލު ކުރާނީ ނަޝީދު އެކަނި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހެޅީ، އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.