Roadha Mihaaru
ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބުމަކީ ދޭ އަނިޔާއެއް

ނަޖުމާ އާއި އަޒްމީ 80 ދުވަހު ބަންދުގައި ބޭތިއްބުމަކީ ދިން އަނިޔާއެއް: މައުމޫންގެ އޮފީސް

20 އެޕްރީލް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމް އަދި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ 80 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކީ ނުހައްގުން ދޭ އަނިޔާއެއް ކަމަށް މައުމޫންގެ އޮފީހުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމް އަދި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ 80 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކީ ނުހައްގުން ދޭ އަނިޔާއެއް ކަމަށް މައުމޫންގެ އޮފީހުން މިރޭ ބުނެފި އެވެ.

ނަޖުމާ އާއި އަޒްމީ ހައްޔަރު ކުރީ މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގަ އެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނުގެ ޕާސަނަލް ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ އަޒްމީ އަކީ ނުހަނު އިޚުލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި މައުމޫނާ އެކު ނަޖުމާ މަސައްކަތް ކުރާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަކީ ވަޒީފާ އަށް ކަމޭހިތާ ނަމޫނާ މުވައްޒަފެއް ކަމަށް ބަޔާނުގައި ވެ އެވެ.

ނަޖުމާ އާއި އަޒްމީގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމަށް އެދުމުން، ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ 15 ދުވަހު ބަންދުގައި ބަހައްޓަން ނިންމައިފަ އެވެ. މި އަމުރާ ގުޅިގެން، ނަޖުމާ ގޭބަންދުގައި ހުރިއިރު، އަޒްމީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.

މައުމޫންގެ އޮފީހުން ބުނިގޮތުގައި ނަޖުމާ އަކީ ގާތުންދޭ ނުވަ މަހުގެ ތުއްތު ކުއްޖަކާއި ސްކޫލްގެ ކުއްޖެއްގެ މަންމަ އަކަށް ވެފައި، ދަރިފުޅު ސްކޫލަށް ގެންދިއުމުގައި އިންތިހާ އަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި އުފުލިފައި ނުވާ ދައުވާއެއްގައި ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބެން ޖެހުމަކީ ދެ މީހުންނަށް ދޭ ނުހައްގު އަނިޔާއެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އެހެންވެ، މައުމޫންގެ އޮފީހުން ވަނީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ގާނޫނުއަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށާއި ހުވާގެ މަތިން އަމަލު ކުރުމަށް މުއައްސަސާތަކުގައި ތިބި މީހުންނަށް އިލްތިމާސްކޮށްފަ އެވެ.

"ރާއްޖޭގެ އެންމެހައި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ހަނދާން ކުރަން ޖެހެނީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތުގެ މަތިންނެވެ. ކުރައްވާފައިވާ ހުވާގެ މަތިންނެވެ. ދިވެހި ރައްޔިތުންގެ ހައްގުތަކުގެ މަތިންނެވެ. ދިވެހި ގައުމުގެ މަސްލަހަތުގެ މަތިންނެވެ،" މައުމޫންގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ކަޅުފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅުފޮށި ފެނުނީ ނަޖުމާ ގެ އިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.