Roadha Mihaaru
ފުރަތަމަ މެޗުން ބަލިވެ ރާއްޖެ އުނދަގޫ ހާލަތަކަށް

ފުރަތަމަ މެޗުން ބަލިވެ ރާއްޖެ އުނދަގޫ ހާލަތަކަށް

22 އެޕްރީލް 2018

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މެޗުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މިއާ އެކު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ރާއްޖެ އަށް ޖެހިފައިވަނީ މާދަމާ ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވާށެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖޭން ދިޔައީ ނޭޕާލަށް ބާރު ބޮޑުކުރަމުންނެވެ. އެހެން ނަމަވެސް މުހިއްމު ވަގުތުތަކުގައި ރާއްޖެ އަތުން ޕޮއިންޓްތައް ގެއްލުމުގެ ނަތީޖާ އަކަށްވީ ނޭޕާލުން 25-21 އިން ސެޓު ގެންދިއުމެވެ.

ދެ ވަނަ ސެޓުގައި އަރައި ރާއްޖެ އިން ކުޅެން ފެށި ނަމަވެސް މި ސެޓުގައި ވެސް އެންމެ ރަނގަޅަށް ކުޅެވޭ ގޮތެއްނުވި އެވެ. ނަތީޖާއަކަށްވީ ނޭޕާލް މި ސެޓު 25-17 އިން ގެންގޮސް މެޗުގެ އުއްމީދު ބޮޑުކުރުމެވެ. ފުރަތަމަ ދެ ސެޓާ ހިލާފަށް ތިން ވަނަ ސެޓުގައި ރާއްޖެ އަށް ވަރުބަލިވުމުގެ މައްސަލަތައް ދިމާވި އެވެ. އޭގެ ފައިދާ ނަގައި ނޭޕާލުން ވަނީ ތިން ވަނަ ސެޓު 25-15 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މާލޭގައި މާޗް މަހު އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލުން ރާއްޖެ ބަލިކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖޭން ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ. އެހެން ނަމަވެސް އެ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވި އެވެ.

މިއަދުގެ މެޗާ ބެހޭގޮތުން ގައުމީ ވޮލީ ބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) "މިހާރަ"ށް ބުނީ ކުޅުންތެރިންގެ މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް ބޭނުންވި ކަންތައްތައް ހާސިލްނުވި ކަމަށެވެ. އަދި ސެމީގެ ފުރުސަތު ކިތަންމެ ހަނިކޮށް އޮތް ނަމަވެސް އުއްމީދު ދޫކޮށްނުލާ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

"މި މެޗުން ސެޓެއް ވެސް ނުލިބުމަކީ މައްސަލައަކަށްވާނެ. އެކަމަކު އުއްމީދު ދޫކޮށްނުލަން. ބަންގްލަދޭޝާ ދެކޮޅަށް ވެސް މަސައްކަތްކުރާނަން،" ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޯންގޭ ބުންޏެވެ.

މި މެޗުގައި ފެނިގެންދިޔަ އަނެއް ކަމަކީ މުބާރާތަށް އާ ކުޅުންތެރިން ލައިގެން ކުޅެން ޖެހުމެވެ. އަދި ޕްރެޝަރު ވަގުތުތަކުގައި އެ ކުޅުންތެރިންނަށް އޭގެއާ ކުރިމަތިނުލެވުމުން މުހިއްމު ޕޮއިންޓުތަކެއް ގެއްލިގެން ދިޔަތަން ފެނުނެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ބަންގްލަދޭޝް އެވެ.

މި މުބާރާތުގައި ރާއްޖޭން ކުޅެނީ ދާދި ފަހުން ޓީމުން ރިޓަޔަކުރި އިޝާން މުހައްމަދު (ބަޓިސް)ގެ އިތުރުން މި ފަހަރު ސްކޮޑުގައި އަމިއްލަ ސަބަބެއްގެ ސަބަބުން ބާކީވި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ނުލަ އެވެ. މި ފަހަރުގެ ޓީމުގައި މުޅިން އަލަށް ޓީމުގައި ހިމެނުނު ކުޅުންތެރިން ވެސް އެބަތިއްބެވެ.