Roadha Mihaaru
17 އަހަރުގެ މާއިޝް، ޝާމިލް، ނާފިއު ސީނިއާ ޓީމަށް

17 އަހަރުގެ މާއިޝް، ޝާމިލް، ނާފިއު ސީނިއާ ގައުމީ ޓީމަށް

24 ނޮވެމްބަރ 2021

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ، ސެންޓްރަލް ޒޯން މެންސް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމުގައި އުމުރުން 17 އަހަރުގެ މާއިޝް އަހްމަދު ހިމަނައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ، ސެންޓްރަލް ޒޯން މެންސް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމުގައި އުމުރުން 17 އަހަރުގެ މާއިޝް އަހްމަދު ހިމަނައިފި އެވެ.

ތަޖުރިބާކާރު ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ގެ ބެލުމުގެ ދަށުން އެކުލަވާލި ޓީމުގައި ޒުވާން އިތުރު ދެ ކުޅުންތެރިޔަކު ވެސް ވަނީ ހިމަނައިފަ އެވެ. ސީނިއާ ގައުމީ ޓީމުގައި އަލަށް ހިމެނި ދެ ކުޅުންތެރިންނަކީ ޝާމިލް މުހައްމަދު އަދި އަހްމަދު ނާފިއު އެވެ.

މާއިޝް، ނާފިއު އަދި ޝާމިލް ވިދާލީ މި މަހު ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުންނެވެ. ގައުމީ ބީޗް ވޮލީގެ ތާރީހުގައި ޗެމްޕިއަން މެޑަލް ހޯދި އެންމެ ޒުވާން ކުޅުންތެރިޔަކީ ތ. މަޑިފުއްޓަށް ނިސްބަތްވާ މާއިޝް އެވެ. އޭނާގެ ދެބެންގެދެދަރި ބޭބެ، ހައިލަމް ހަސަންއާ އެކު ހިއްސާވެ، އެ ދެކުޅުންތެރިން ވަނީ ފިރިހެން ޑިވިޝަންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޝާމިލް، 20، އާއި ނާފިއު، 19، އަކީ ބީޗް ވޮލީ މުބާރާތުގެ 23 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ދެ ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ ކޯޗު ކާއްޓޭ ކުރިން ބުނިގޮތުގައި ވީއޭއެމްގެ ޓެކްނިކަލް ކޮމިޓީން ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި ކްރައިޓިރިއާއެއް އެކުލަވާލައިފަ އެވެ. ކްރައިޓީރިއާގައިވާ ގޮތުން ގައުމީ ފިރިހެން ޓީމުގެ ފައިނަލް ސްކޮޑް އެކުލަވާލާއިރު މަދުވެގެން ދެ ކުޅުންތެރިން ވާން ޖެހޭނީ ޒުވާން ކުޅުންތެރިންނަށެވެ.

ފައިނަލް ސްކޮޑް އެކުލަވާލިއިރު ކުޅުންތެރިންގެ ހާޒީރީ އަށް ރިއާޔަތް ކުރުމަށް ވީއޭއެމުން އޭނާ އަށް އަންގާފައިވާ ކަމަށް ވެސް ކާއްޓޭ ކުރިން ބުނެފައިވެ އެވެ. އޭނާ ބުނެފައި ވަނީ ވީއޭއެމްގެ ކްރައިޓީރިއާ އަށް ނުފެތޭ ކުޅުންތެރިޔަކު ގޮވައިގެން އޭނާ ނުދާނެ ކަމަށެވެ.

""ގާތްގަނޑަކަށް 80 ޕަސެންޓް ހާޒިރީ ހަމަނުވާ ކުއްޖެއް ނެގުމުގެ އިހްތިޔާރެއް މިހާރު އަޅުގަނޑަކަށް ނޯންނާނެ،" ވަގުތީ ކޯޗެއްގެ ގޮތުގައި ގައުމީ ޓީމާ ހަވާލުވި ކާއްޓޭ ބުނެފައިވެ އެވެ.

"ވީއޭއެމްގެ އެކްސްކޯ އަށް ވެސް އަދި ޓެކްނިކަލް ކޮމިޓީ އަށް ވެސް އަޅުގަނޑު ޔަގީންކަންދީފައި އޮންނާނެ 80 ޕަސެންޓް ހާޒިރީ ހަމަނުވާ ކުއްޖެއް ގޮވައިގެން އަޅުގަނޑު ކޯޗަކަށް ހުރެގެން ޓީމު ފުރައިގެން ނުދާނެ ކަމަށް."

އޭނާ އިތުރަށް ބުނެފައި ވަނީ ދެ އަހަރު ވަންދެން ވާދަވެރި ވޮލީ މުބާރާތެއް ނުކުޅެ ތިބުމަށް ފަހު އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވުމަކީ ކޯޗެއްގެ ގޮތުގައި އޭނާ ނަގަންޖެހޭ ބޮޑު ޗެލެންޖެއް ކަމަށެވެ. ސެންޓްރަލް ޒޯންގައި ރާއްޖެ ކުރިމަތިލާ މުބާރާތުގައި ސްރީ ލަންކާ އާއި ކިރިގިސްތާން އޮތުމަކީ ރާއްޖެ އަށް މުބާރާތް ފަސޭހަ ނުވާނެ ސަބަބެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ މަހު 7-13 އަށެވެ. ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ޑިސެމްބަރު 20-31 އަށް އޮންނާނެ އެވެ. އެ ދެ މުބާރާތް ބާއްވާނީ ވެސް ބަންގްލަދޭޝްގަ އެވެ. އަންހެން އަދި ފިރިހެން ސީނިއާ ޓީމަށް ވެސް ބިދޭސީ ކޯޗުން ގެނައުމަށް ވީއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ސީނިއާ ބީޗް ވޮލީ ޓީމަށް ވެސް ބިދޭސީ ކޯޗަކު ގެންނާނެ އެވެ. ކުރިއަށް އޮތް މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުންތާޒު އަލީ އެވެ.

ގައުމީ ވޮލީ ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ކާއްޓޭ މަސައްކަތް ކުރީ އޭރު ގައުމީ ޓީމުގައި މަސައްކަތް ކުރި ސާބިއާގެ ކޯޗު މިލޮރަޑް ކިޔާޗާގެ އެސިސްޓެންޓް ކޯޗަކަށެވެ.