Roadha Mihaaru
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި

ސަރަހައްދީ ވޮލީގެ އެންމެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި

27 ޑިސެމްބަރ 2021

ވޮލީބޯޅައިގެ ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ، ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވޮލީބޯޅައިގެ ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ، ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ނިންމައިފި އެވެ.

ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތް، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުބާރާތް ބާއްވައިފައެއް ނުވެ އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހަވާސާގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ކޮންގްރެސްގައި ވަނީ ރާއްޖޭގައި މުބާރާތް ބޭއްވުމަށް ފާސްކޮށްފަ އެވެ. ވީއޭއެމުން މިއަދު އާންމުކުރި ޕޯސްޓްގައި ބުނެފައި ވަނީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް ޗެލެންޖް ކަޕް އަންހެން އަދި ފިރިހެން މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެވޯޑް ކޮށްފައިވާ ކަމަށެވެ. މުބާރާތް ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރާއްޖެ އިން ވަނީ 2017 ގައި ސެންޓްރަލް ޒޯން ދެ މުބާރާތް ވެސް ބާއްވައިފަ އެވެ. މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯންގައި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ވެސް ވަނީ، އެއްވެސް މެޗަކުން މޮޅު ނުވެ މުބާރާތް ނިމިފަ އެވެ.

ފިރިހެން ޓީމު ކުޅުނު ފަހު މެޗުގައި މިއަދު ސްރީލަންކާ އަތުން ބަލިވީ 4-1 ސެޓުންނެވެ. ލަންކާއިން ފުރަތަމަ ސެޓް ގެންދިޔައީ 25-19 އިންނެވެ. މުބާރާތަށް ފުރުމުގެ ކުރިން ރާއްޖެ އިން ވަނީ ލަންކާއާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. އެ ތިން މެޗުން އެންމެ ސެޓެއް ވެސް ނުލިބުނަސް މިއަދު ކުޅުނު މެޗުގެ ދެވަނަ ސެޓް ރާއްޖެއިން ހޯދި އެވެ. ރާްޖެއިން ސެޓް ކާމިޔާބު ކުރީ 26-24 އިންނެވެ. ފަހު ދެ ސެޓް ލަންކާ ކާމިޔާބު ކުރީ 25-23 އަދި 25-19 އިންނެވެ.

ގައުމީ އަންހެން ޓީމުން، މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-17 އިންނެވެ. ދެން ޖެހިގެން އައި ދެ ސްޓް ގެންދިޔައީ ބަންގްލަދޭޝްއިންނެވެ. އެ ޓީމުން ސެޓްތައް ގެންދިޔައީ 25-18 އަދި 25-23 އިންނެވެ. ތިންވަނަ ސެޓް ރާއްޖެއިން ކާމިޔާބުކޮށް ހަމަހަމަ ކުރީ 25-23 މޮޅުވެގެންނެވެ. ފަހު ސެޓް ބަންގްލަދޭޝް ގެންދިޔައީ 17-15 އިންނެވެ.