24 އެޕްރީލް 2018
މިއީ ޓޫރިޒަމް ދާއިރާއާ ބެހޭ ދިރާސާ ރިޕޯޓްތަކާއި ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގެ ނޫސްވެރިޔާ ފައިޒަލް ސަމަދު ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.
މިއީ ޓޫރިޒަމް ދާއިރާއާ ބެހޭ ދިރާސާ ރިޕޯޓްތަކާއި ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގެ ނޫސްވެރިޔާ ފައިޒަލް ސަމަދު ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ އަސަރު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނަނީ ކުރަމުންނެވެ. އެއާ އެކު ރާއްޖޭގައި އާ އެތައް ރިސޯޓެއް ހުޅުވައި، ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ވުރެ އެނދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން އުފެދިފައިވަނިކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ދިމާވެދާނެ މައްސަލަތަކުން ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް އަޑިއަޅާލާނެ ކަމުގެ ކަންބޮޑުންތައް ދާއިރާގެ އިސް ބައެއް ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.
ދ. އަލުވިފުށީގައި ސަން އަކުއާ އިރުވެލީގެ ނަމުގައި ހަދާ ރިސޯޓުގެ ވިލާއެއް: ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުން އޮތީ ސިޔާސީ މަސްރަހުގެ ހަމަޖެހުމާ ގުޅިފައި. ފޮޓޯ: ސަން ސިޔާމް
ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ރިސޯޓު ހިންގާ ސްރީ ލަންކާގެ ޖޯން ކީލްސް ހޮލްޑިންގެ ޑެޕިއުޓީ ޗެއާމަން ކްރިޝާން ބަލެންދުރަ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ އަދި އަލަށް ހުޅުވާ ރިސޯޓުތަކުގެ އެނދުތައް ވެސް ފުރިދާނެ އެވެ. އެކަމަކު އެކަން ގުޅިފައި ވަނީ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުމާ އެވެ.
ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގާ ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދަ ވޯލްޑްގެ ވައިސް ޕްރެޒިޑެންޓް މާކްސް ވޮންގް ދެކެވަޑައިގަންނަވާ ގޮތުގައި 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްނުވެއްޖެ ނަމަ އޭގެ ސަބަބަކަށް ވާނީ ދާދި ފަހުން ހިނގި ސިޔާސީ ހަމަނުޖެހުންތަކެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެ، އެނދު ވިއްކާ އަގުތައް ދަށްކުރަން ޖެހޭނެ އެވެ. އެ އަގުތަކަށް ވިއްކޭނެ ގޮތަށް ޕްރޮމޯޝަންތައް ހިންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މިދިޔަ އަހަރު ގާތްގަނޑަކަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އޭގެ އިތުރުން ޓޫރިސްޓު އެނދުގެ އަދަދު ވަނީ 40،572 އަށް އިތުރުވެފަ އެވެ. ރާއްޖޭގައި 2015 ވަނަ އަހަރު ހުރީ 34،105 އެނދެވެ.
އަލަށް ހަދާ ނައުޓިލަސް މޯލްޑިވްސް ރިސޯޓްގެ ލެގޫން ސުއިޓްސްއެއް: ކުރިޔަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ޕަސެންޓް އެނދު އިތުރުވާނެ ކަމަށް ލަފާކުރެވޭ.
ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި 2020 އަދި 2021 އާ ހަމަޔަށް އިތުރު ރިސޯޓުތައް ހުޅުވި ރާއްޖޭގެ ޓޫރިސްޓު އެނދުގެ މިންވަރު 30 ޕަސެންޓް އިތުރުވާނެ އެވެ. އަގުހެޔޮ އެނދު ވިއްކާ 450 އަށް ވުރެ ގިނަ ގެސްޓް ހައުސް މިހާރު ހުރިއިރު ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ އަދަދު 650 އަށް އިތުރުވާނެ އެވެ.
ރާއްޖޭގައި ވިއްކާ އެނދުތައް، ސަޕްލައިއަށް ވުރެ އިތުރުވުމުގެ ބިރު އޮތް ނަމަވެސް މަތީ ފެންވަރުގެ ގިނަ ރިސޯޓުތައް ހިންގާ މީހުން އެކަމާ ކަންބޮޑެއްނުވެ އެވެ. އެމީހުން ދެކޭ ގޮތުގައި ރާއްޖޭގެ ލަގްޒަރީ މާކެޓް އެގޮތުގައި ދެމިއޮންނާނެ އެވެ.
ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތަކެއް ހިންގާ ތައިލެންޑްގެ މައިނާ ގްރޫޕްގެ ސީއީއޯ ދިލިޕް ރާޖަކަރިއަ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވަނީ އަގުބޮޑު މާކެޓްގައި ވަރަށް ވަރުގަދައަށް ވަކި ހިއްޕާލާފައި ކަމަށެވެ. އަދި އެ ކާމިޔާބުކަން މިވަނީ ފާއިތުވި އަހަރުތަކުގައި ދައްކައިދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގައި މިއަދު ވާދަވެރިކަން ކުރިމަތިވެފައި އޮތް މިންވަރުން އަޅުގަނޑުމެން އެބަ ޖެހޭ ކުރިއާލައި މަސައްކަތްތަކެއް ކުރަން،" ދިލިޕް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމި، އިތުރު އާ ފްލައިޓްތަކާއި ބަޖެޓް އެއާލައިންތައް އިތުރުވުމުން ޓޫރިސްޓުން އަންނަ މިންވަރު މައްޗަށް ދާނެ އެވެ. އެހެންވެ ތަފާތު އަގުތަކުގައި އެކި މާކެޓްތަކަށް ރާއްޖެ ވިއްކަން، މާކެޓިން ހަރަކާތްތައް ވަރުގަދަކުރަން ޖެހޭ ކަމަށް ގެޓްއަވޭ މޯލްޑިވްސްގެ ސީއީއޯ ސަނީ އުމަރު ދެކެވަޑައިގަންނަވަ އެވެ.
ސަން އައިލެންޑް ރިސޯޓުގައި ހިންގާ ސްޕާގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ: ރާއްޖެ އެކި ދިމާތަކަށް ވިއްކަން ވަރުގަދަ ކެމްޕޭންތަކެއް ހިންގަން ޖެހޭ.
ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ ވަނީ ކުރިޔަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވިކޭ މިންވަރަށް ވުރެ އެނދު ހުންނާނެ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރައްވަފައިފަ އެވެ.
"އޭގެ ސަބަބުން ރާއްޖެ އެހެން ދިމާތަކަށް ވިއްކަން އަމާޒުކޮށްގެން ވަރަށް ވަރުގަދަ ކެމްޕޭންތަކެއް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން މިހާރު ވެސް ގޮވާލަމުން އަންނަނީ ދުރާލައި ކެމްޕޭން ހަރަކާތްތަކެއް ހިންގާށެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް އިން ދެކޭ ގޮތުގައި އަގުތަކަށް އަންނަ ބަދަލާއި އެނދުތައް އިތުރުވަމުން އަންނާތީ ކެމްޕޭންތައް ވަރުގަދަކުރަން ޖެހެ އެވެ.
މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ކޮކޯ ކަލެކްޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އެންޑްރޫ އޭޝްމޯ ވިދާޅުވީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"ރާއްޖެއިން އަބަދު ދެކިގެންނުވާނެ ޒަމާންވީ ޔޫރަޕްގެ މާކެޓް އެގޮތުގައި ދެމިއޮންނާނެ ކަމަށް. އެހެން އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް