Roadha Mihaaru
ފެބްްރުއަރީ 1ގައި ރައީސް ގެންގުޅުއްވީ ނާސިރުގެ އުކުޅު

1 ފެބްރުއަރީގެ ބަޣާވާތް ނާކާމިޔާބުކޮށްލީ ނާސިރު ބޭނުންކުރެއްވި އުކުޅުތަކުން: އާދަމް ޝަރީފް

26 އެޕްރީލް 2018

މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތް ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުކޮށްލެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތަކުން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް ޔާމީނަށް ރޭ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތް ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުކޮށްލެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތަކުން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް ޔާމީނަށް ރޭ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އަމިއްލަ ފުރާނަފުޅަށް ބެއްލެވުމެއް ނެތި ގައުމަށްޓަކައި މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުން ގައުމަށް ކުރިމަތިވާ އެތައް ނުރައްކާތަކަކުން އެމަނިކުފާނު ގައުމު ސަލާމަތްކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ބަޣާވާތެއް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވި ގޮތުގައި އެ ބަޣާވާތް ނާކާމިޔާބުވީ ސިފައިން އިހްލާސްތެރިކަމާ އެކު ކުރި މަސައްކަތުންނާއި ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ވަރުގަދަ ކަމާއި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"އެމަނިކުފާނު (ރައީސް) ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ބޭނުންކުރެއްވީ އުތުރު ގަޑުބަޑުގައި މުހައްމަދު އަމީން ދޮށިމޭނާކަލޭފާނު ބޭނުން ކުރެއްވި ފަދަ ހިކުމަތްތެރި ކަންތައްތަކެއް. އެ ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ރައީސް ޔާމީން ބޭނުން ކުރެއްވީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތައް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުތައް ދިވެހި ތާރީހުގަ އާއި އަސްކަރީ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރަކީ ދިވެހި އަސްކަރިއްޔާ އަށް ކާމިޔާބު އަހަރެކެވެ. ސިފައިންގެ ސަފުތަކާއި ގާނޫނީ ވާޖިބު އަދާކުރުމުގައި ނަމޫނާ ދެއްކި އަހަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރަކީ ސިފައިންގެ ބަދަހި ސަފުތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެތައް ކަމަކުން ގައުމު ސަލާމަތްކޮށް ދިން، ވަރަށް ހިތްހަމަޖެހިގެން ސިފައިން މަސައްކަތް ކުރި އަހަރެއް ކަމަށާއި ސިފައިން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ނެރުއްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހަމަ އެ ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.