Roadha Mihaaru
އާސެނަލް ދޫކޮށްލާ ވާހަކަ ބުނީ ހިތާ ދެކޮޅަށް: ވެންގާ

އާސެނަލް ދޫކޮށްލާ ވާހަކަ ބުނީ ހިތާ ދެކޮޅަށް: ވެންގާ

26 އެޕްރީލް 2018

ލަންޑަން (އޭޕްރީލް 26) - ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ ހަފްތާގައި އިއުލާން ކުރީ އޭނާ ބޭނުންވެގެން ނޫން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޭޕްރީލް 26) - ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ ހަފްތާގައި އިއުލާން ކުރީ އޭނާ ބޭނުންވެގެން ނޫން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ވެންގާ ވަނީ ކުއްލި ގޮތަކަަށް މި ސީޒަނަށް ފަހު އޭނާ އާސެނަލް ދޫކޮށްލާނެ ކަން އިއުލާން ކޮށްފަ އެވެ. ވެންގާ އާސެނަލް ދޫކޮށްލަން ނިންމީ އެ ކްލަބާ އެކު އޭނާ ހެދި ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވަ އެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެންގާ ބުނީ އާސެނަލް ދޫކޮށްލާ ވާހަކަ ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ.

"ކްލަބް ދޫކޮށްލާ ވާހަކަ އިއުލާން ކުރި ވަގުތު ކަނޑައެޅީ އަހަންނެއް ނޫން. ހަގީގަތަށް ބުނަންޏާ އެކަން އިއުލާން ކުރަން އަހަރެން ބޭނުންވީ ފަހުން،" ވެންގާ ބުންޏެވެ.

ބޭނުންވި ގޮތަށް އެކަން ނުދިޔަ ނަމަވެސް ވެންގާ ހުރީ އާސެނަލަށް މިއީ ކާމިޔާބީ ސީޒަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.

"އެކަންތައް އަހަރެން ބޭނުންވި ގޮތަށް ނުދިޔަސް އަހަރެން ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ. ބޭނުމީ އެންމެ ރަނގަޅު މަސައްކަތެއް ފަހު ވަގުތު ވެސް ކޮށްދޭން،" އާސެނަލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ވެންގާ ބުންޏެވެ.

ފަަހަކަށް އައިސް އާސެނަލް ދަނޑުގައި ކުޅޭ މެޗުތަކުގައި ދަނޑުގެ ބައެއް ދިމަ ދިމާ ހުސްކޮށް އޮންނައިރު، އެއީ ވެންގާއާ މެދު ހިތްހަމަ ނުޖެހިގެން ސަޕޯޓަރުން ނާންނަނީ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. ވެންގާ ކްލަބް ދޫކޮށްލާކަން އިއުލާންކުރި ފަހުން އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނުއިރު، ސަޕޯޓަރުންގެ އަދަދު ކޮންމެވެސް ވަރަކަށް ގިނަވި އެވެ.

އާސެނަލާ ދެން ހަވާލުވާނެ ކޯޗެއް ނިންމުމުގެ އިހުތިޔާރު ކްލަބްގެ ވެރިންނަށް ދޫކޮށްލަން ޖެހޭ ކަމަށާއި އެކަމަށް އޭނާ ނުފޫޒު ފޯރުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެންގާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ވެންގާ ވަނީ ނުސީދާ ގޮތަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަށް ތައުރީފް ކޮށްފަ އެވެ.

އާސެނަލް ދަނޑުގައި މިރޭ އެތުލެޓިކޯއާ އެކު ނުކުންނައިރު އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ މެޗުގައި ކުޅެވޭ ވަރަށް ފިޓްވެފައިވާ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ބުނެފަ އެވެ.

އާސެނަލާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:05 ގަ އެވެ.