Roadha Mihaaru
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް

ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް

10 މާޗް 2023

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ރެއާލް ބެޓިސް އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން، މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 7-0 އިން ބަލިވި ލަދުވެތި ނަތީޖާ ހަނދާން ނައްތާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ރެއާލް ބެޓިސް އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން، މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 7-0 އިން ބަލިވި ލަދުވެތި ނަތީޖާ ހަނދާން ނައްތާލައިފި އެވެ.

އަމިއްލަ ދަނޑުގައި މި ހޯދި ބޮޑު މޮޅާ އެކު، އަންނަ ބުރާސްފަތި ދުވަހުގެރޭ ބެޓިސްގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު، ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ޔުނައިޓެޑަށް މިވަނީ ވަރަށް ބޮޑަށް ދޮރު ހުޅުވިފަ އެވެ.

ރޭގެ މެޗުގެ 6 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މިވަގުތު ފޯމުގައި ހުރި މާކަސް ރަޝްފޯޑެވެ. އެކަމަކު 32 ވަނަ މިނެޓުގައި ބެޓިސްގެ އަޔޯޒޭ ޕެރޭޒް ނަތީޖާ ހަމަހަމަކޮށް ޔުނައިޓެޑް ހާސްކޮށްލި އެވެ. ޔުނައިޓެޑުން އަލުން ލީޑު ނަގައި ތަފާތުބޮޑުކޮށްލީ ދެ ވަނަ ހާފުގަ އެވެ. ގޯލްތައް ޖަހައިދިނީ އެންޓޮނީ އާއި ބްރޫނޯ ފެނާންޑޭޒް އަދި ވައުޓް ވެހޯސްޓެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން ހޯދުނީ ޕޮއިންޓެވެ. އެކަމަކު ދެ ވަނަ ލެގު އޮތީ އަމިއްލަ ދަނޑުގައި ކަމަށް ވުމުން އާސެނަލަށް ހިތްހަމަޖެހުމެއް އެބައޮތެވެ.

ލިޒްބަންގެ އެސްޓޭޑިއޯ ހޯސޭ އަލްވަލަޑޭގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ވިލިއަން ސަލީބާ ވަނީ އާސެނަލަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮންކާލޯ އިނާސިއޯ ލަނޑު ޖަހައި ސްޕޯޓިން އަށް އެއްވަރުކޮށްދިނެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ޕައުލީނިއޯ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އާސެނަލް ބަލިނުވެ ސަލާމަތްވީ 62 ވަނަ މިނެޓުގައި ސްޕޯޓިންގެ ހިޑެމަސާ މޮރިޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ އިޓަލީގެ ޔުވެންޓަސް ވަނީ ޖަރުމަނުގެ ފްރީބާގް އަތުން އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ގޯލް 53 ވަނަ މިނެޓުގައި ޖަހައިދިނީ އެންހެލް ޑި މަރިއާ އެވެ.

ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ އިޓަލީގެ ރޯމާ ވަނީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މޮޅުވެފަ އެވެ. ގޯލްތައް ޖަހައިދިނީ ސްޓެފަން އައް ޝާރަވީ އާއި ކުމްބުލާ އެވެ.

ޔޫރަޕުގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުތައް ވެސް ވަނީ ރޭ ކުޅެފަ އެވެ.

ރޭ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ސައިޕްރަސްގެ އޭއީކޭ ލަނާސާ އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ގޯލް ވެސް ޖަހައިދިނީ މިހައިލް އެންޓޯނިއޯ އެވެ. އަމިއްލަ ދަނޑުގައި ތުރުކީގެ ސިވަސްޕޯރް އަތުން އިޓަލީގެ ފިއޮރެންޓީނާ 1-0 އިން މޮޅުވިއިރު ގޯލް ޖަހައިދިނީ ބަރަކް އެވެ.