Roadha Mihaaru
އާސެނަލް އާ ފެށުމަކުން ފަށަން ޖެހޭ: އާޓެޓާ

އާސެނަލް އާ ފެށުމަކުން ފަށަން ޖެހޭ: އާޓެޓާ

28 އޮކްޓޯބަރ 2022

ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން 2-0 އިން ބަލިވެ ގްރޫޕުގެ އެއް ވަނަ ކަށަވަރުކުރަން ލިބުނު ފުރުސަތު މިވަގުތަށް ގެއްލުމުން އާސެނަލުން އާ ފެށުމަކުން ފަށަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން 2-0 އިން ބަލިވެ ގްރޫޕުގެ އެއް ވަނަ ކަށަވަރުކުރަން ލިބުނު ފުރުސަތު މިވަގުތަށް ގެއްލުމުން އާސެނަލުން އާ ފެށުމަކުން ފަށަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އާސެނަލަށް ގްރޫޕުގެ އެއް ވަނަ ލިބި ގަދަ 16 ޓީމުގެ ބުރުން ޖާގައެއް ލިބެން އޮތެވެ. އެ ފުރުސަތު ހޯދަން ދެން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ސްވިޒަލެންޑުގެ ޒިއުރިކާ ދެކޮޅަށް ނަތީޖާ ނެރޭށޭވެ. އެކަމަކު މިހާރު އޮތް ގޮތުން ވެސް އާސެނަލަށް ދަށް ވެގެން ގްރޫޕުގެ ދެ ވަނަ ލިބޭނެ އެވެ. އެކަމަކު އޭރުން ގަދަ 16 ޓީމުގެ ބުރުގެ ކުރިން ޕްލޭއޮފް ބުރެއްގައި ކުޅެން ޖެހޭނެ އެވެ.

އާސެނަލް ގްރޫޕުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ރުޑް ވެން ނިސްޓެލްރޫއީ ކޯޗުކޮށްދޭ ޕީއެސްވީ އޮތީ 10 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ނޯވޭގެ ބޯޑޯ/ގްލިމްޓް އެވެ. އަދި ފުލުގައި ތިން ޕޮއިންޓާ އެކު އޮތީ ޒިއުރިކެވެ.

ރޭގެ މެޗަކީ، މި ސީޒަނުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ. ދެން ބަލިވީ ޕްރިމިއާ ލީގުގަ އެވެ. އެކަމަކު ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ 28 ޕޮއިންޓް ހަމަކޮށް އާސެނަލް އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި އޮތީ 26 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އެވެ.

އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މި ނަތީޖާގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ.

"އަހަރެމެންގެ ފެންވަރާ ގާތަށް ވެސް ނުކުޅެވޭ. އަހަރެމެންނަށް އެނގޭ ޔޫރަޕުގައި މޮޅުވާން ކުޑަކޮށް އުނދަގޫވާނެކަން ވެސް. ބޯޅަ ފަހާ މާބޮޑަށް ދުވެން ހަދައިގެން ބައެއް ކުޅުންތެރިން ވަރުބަލިވެފައި ތިބި މަންޒަރު ވެސް ފެނުނު،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ނިމުމަކަށް މިއައީ ގިނަ މެޗުތަކަކުން މޮޅުވުމުގެ ސިލްސިލާއަކަށް ކަމަށާއި ދެން އޮތީ އަނެއްކާ ވެސް އާ ފެށުމަކުން ފެށުން ކަމަށެވެ.

އަމިއްލަ ދަނޑުގައި އާސެނަލް އަތުން މޮޅުވި މެޗުގައި ޕީއެސްވީ އަށް ގޯލް ޖަހައިދިނީ 55 ވަނަ މިނެޓުގައި ޖޮހަނެސް ވީރްމަން އާއި 63 ވަނަ މިނެޓުގައި ލޫކް ޑި ޔޮން އެވެ.