Roadha Mihaaru
ފަސްކުރި ޔޫރޮޕާ ލީގު މެޗު އާސެނަލް ކާމިޔާބުކޮށްފި

ފަސްކުރި ޔޫރޮޕާ ލީގު މެޗު އާސެނަލް ކާމިޔާބުކޮށްފި

21 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު ދެވަނަ ގެ ޖަނާޒާއާ ގުޅިޔެން ފަސްކުރި ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖު މެޗު އާސެނަލް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު ދެވަނަ ގެ ޖަނާޒާއާ ގުޅިޔެން ފަސްކުރި ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖު މެޗު އާސެނަލް ކާމިޔާބު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލް އިން ޖެހި ހަމައެކަނި ލަނޑު 70 ވަނަ މިނިޓްގައި ޖަހައިދިނީ ގްރޭނިޓް ޒާކާ އެވެ.

ފުރަތަމަ ހާފުގައި ގެބްރިއެލް ޖީސުސް އަށް އާސެނަލް އަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެޓީމުގެ ފަބިއޯ ވިއޭރާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަދި މި ހާފުގައި ވިއޭރާ ފޮނުވާލި ނުރައްކާތެރި ހިލޭޖެހުމެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން އިރުކޮޅެއް ތެރޭ އާސެނަލްގެ ބުކަޔޯ ސަކާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ޕީއެސްވީގެ ކީޕަރު ވޯލްޓާ ބެނިތޭޒް ދިފާއު ކުރި އެވެ. އަދި ރީބައުންސް ވި ބޯޅަ ޖީސުސް އަށް ލިބުނު ނަމަވެސް އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

އޭގެ ފަހުން ވެސް ޖީސުސް އަށް ވަނީ ލީޑު ނަގަން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ޕީއެސްވީގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ވެސް ދިފާއު ކުރީ ކީޕަރު ބެނިތޭޒް އެވެ.

އާސެނަލް އިން ލީޑު ނެގި ލަނޑު ޒާކާ ޖަހައިދިނީ، ޓަކެހީރޯ ޓޮމިޔާޝޫ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.

ޒާކާގެ ލަނޑަށް ފަހު ވެސް ލީޑު ފުޅާ ކުރަން އާސެނަލް އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ހަމަލާއަކާއި، ސަކާ ފޮނުވާލި ދެ ހަމަލާއެއް ޕީއެސްވީގެ ކީޕަރު ބެނިތޭޒް ދިފާއު ކުރި އެވެ.

މި ނަތީޖާއާ އެކު އާސެނަލް ވަނީ ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވައި، މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅު ވެގެން، 12 ޕޮއިންޓާ އެކު ނޮކައުޓް ބުރުގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ދެވަނައިގައި އޮތް ޕީއެސްވީ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި އޮތް ނޯވޭގެ ބޯޑޯ/ގްލިމްޓް އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ސްވިޒަލެންޑްގެ ޒިއުރިޗަށް ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕް ސްޓޭޖުގައި އާސެނަލް އަށް ދެން އޮތީ ވެސް ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗެވެ. ނެދަލެންޑްސްގައި ކުޅޭ އެ މެޗު ތާވަލް ކުރެވިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއަށެވެ. އަދި ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަމިއްލަ ދަނޑޫގައި ޒިއުރިކާ ދެކޮޅަށް ކުޅޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ މެދުތެރޭގައި ކުޅޭ މެޗުތަކުގެ ތެރޭގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅެން ކުރިން ތާވަލް ކުރެވުނު ނަމަވެސް، ޔޫރޮޕާ ލީގް މެޗު ކުޅެން ޖެހޭތީވެ، އެ މެޗް ވަނީ ފަސް ކޮށްފަ އެވެ.

ނެދަލެންޑްސް ގައި ޕީއެސްވީއާ ދެކޮޅަށް ކުޅުމުގެ ކުރިން އަންނަ އާދިއްތަ ދުވަހު އާސެނަލް އިން ޕްރިމިއާ ލީގުގައި، ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭނެ އެވެ.

ލީގުގައި އާސެނަލް މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ކާމިޔާބު ކުރި އިރު، އެއް މެޗުން ވަނީ ބަލި ވެފަ އެވެ. ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. ލީގު ތާވަލްގެ އެއްވަނައިގައި އާސެނަލް މިވަގުތު އޮތީ، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.