Roadha Mihaaru
ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ

ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ: ޗައިނާ

26 އެޕްރީލް 2018

ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު އަސްކަރީ އެއްވެސް ކަމަކަށް ބޭނުން ނުކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު އަސްކަރީ އެއްވެސް ކަމަކަށް ބޭނުން ނުކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ލަންކާ އަށް ކަނޑައަޅާފައި ހުންނަ ޗައިނާ ސަފީރު ޗެން ޝުއެންޔުއަން ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަންކަމަށް ބޭނުން ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން މިދިޔަ އަހަރު ފަހުކޮޅު ވަނީ ޗައިނާގެ މާޗަންޓްސް ޕޯޓް ހޯލްޑިންސް ކޮމްޕެނީއާ 99 އަހަރަށް ހަވާލުކޮށްފަ އެވެ. ބަނދަރު ހަވާލު ކުރުމުގެ ކުރިން ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ދިނުމުގެ އެއްބަސްވުން ގާއިމް ކުރުން ލަސްވީ ވެސް އެ ބަނދަރު ޗައިނާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ ހުރި ކަންބޮޑުވުންތައް ހައްލު ކުރަން ކަމަށެވެ.

"ލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަންނާނެ. އެކަމަކު ލަންކާގެ އިގްތިސާދީ ތަރައްގީގައި އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް،" ބޮޑު ވަޒީރު ރަނިލްއާ އެކު ޗައިނާ ސަފީރު ބޭއްވި ބައްދަލުވުމަށް ފަހު ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރަނިލް ވިދާޅުވެފައި ވަނީ ހަމްބަންޓޯޓާ ބަނދަރުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާނީ ލަންކާގެ ކަނޑުގެ ސިފައިން ކަމަށެވެ.

ޗައިނާ ސަރުކާރުގެ ކުންފުންޏަކުން މިހާރު ދަނީ ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ކޮލަމްބޯ ފައިނޭންޝަލް ސިޓީ ނުވަތަ ޕޯޓް ސިޓީ ތަރައްގީ ކުރަމުންނެވެ.