Roadha Mihaaru
ކޮލަމް ށަވިޔަނި: ހާދަ ފަލައޭ! މައްސަލައަކީ ކޮބާ؟

ކޮލަމް ށަވިޔަނި: ހާދަ ފަލައޭ! މައްސަލައަކީ ކޮބާ؟

24 ޖުލައި 2016

ދަންނަ މީހަކާ މަގުމަތިން ދިމާވާ އިރަށް "ހާދަ ފަލައޭ" ނުވަތަ "ހާދަ ހިއްކޭ" ބުނުން ވަރަށް އާއްމެވެ. މިއީ ހަމައެކަނި ރާއްޖޭގައި ހިނގާ ކަމެއް ކަމަށް ވެސް ވެދާނެ އެވެ. ބަރުދަނާ ބެހޭގޮތުން އެއްޗެއް ބުނެނުލާ ދޫކޮށެއް ނުލާނެ އެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ފަހަކަށް އައިސް ސޯޝަލް މީޑިއާ އިން އެންމެ ފާހަގަކުރެވޭ އެއް މައުލޫއަކީ މި އެވެ. އެއް ބަޔަކު ސިފަކުރާގޮތުގައި ދިވެހިން އެކަކު އަނެކަކާ ބައްދަލުވާ އިރު ކުރާ "ސަލާމަކީ" ވެސް "ހާދަ ފަލަވެއްޖޭ" ނުވަތަ "ހާދަ ހިކިއްޖޭ" ކަމަށް ވެއްޖެ އެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކުރާ މީހުން ގިނަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދަންނަ މީހަކާ މަގުމަތިން ދިމާވާ އިރަށް "ހާދަ ފަލައޭ" ނުވަތަ "ހާދަ ހިއްކޭ" ބުނުން ވަރަށް އާއްމެވެ. މިއީ ހަމައެކަނި ރާއްޖޭގައި ހިނގާ ކަމެއް ކަމަށް ވެސް ވެދާނެ އެވެ. ބަރުދަނާ ބެހޭގޮތުން އެއްޗެއް ބުނެނުލާ ދޫކޮށެއް ނުލާނެ އެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ފަހަކަށް އައިސް ސޯޝަލް މީޑިއާ އިން އެންމެ ފާހަގަކުރެވޭ އެއް މައުލޫއަކީ މި އެވެ. އެއް ބަޔަކު ސިފަކުރާގޮތުގައި ދިވެހިން އެކަކު އަނެކަކާ ބައްދަލުވާ އިރު ކުރާ "ސަލާމަކީ" ވެސް "ހާދަ ފަލަވެއްޖޭ" ނުވަތަ "ހާދަ ހިކިއްޖޭ" ކަމަށް ވެއްޖެ އެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކުރާ މީހުން ގިނަ އެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން ގާތް މީހުންނަށް ކިޔައިދޭންވީ އެވެ. އޭރުން އެ ވެދެވެނީ އެހީތެރިކަމެކެވެ. ފެންނަ ކޮންމެ ފަހަރަކު "ހާދަ ފަލައޭ" ކިޔަސް މީހަކަށް ލިބޭނެ ފައިދާއެއް ނެތެވެ.

މީހާގެ ސިފައާ އެހެން މީހުން ބެހުމަކީ އެކަކު ވެސް ރުހޭނެ ކަމެއް ނޫނެވެ. ފަހަރެއްގައި "ހާދަ ހިއްކޭ" ބުނެފިއްޔާ އުފާވެދާނެ އެވެ. އެކަމަކު "ހާދަ ފަލައޭ" ބުނީމާ އެކަން ނެގެނީ ފާޑުކިޔުމެއްގެ ގޮތުގަ އެވެ. އޭގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް އޮވެ އެވެ. އެއީ، ރީތި ހުތުރު ކަނޑައެޅުމުގައި ޒަމާނުއްސުރެ ގެންގުޅޭ މައިގަނޑު މިންގަނޑަކީ މި އެވެ. ވަކިން ހާއްސަކޮށް އަންހެނުންނާ މެދުގަ އެވެ. ރީތިވަނީ ލޫޅާފަތިވީމަ އެވެ. ފަލަ މީހުން ހުތުރެވެ.

މި ވިސްނުމަށް ގޮންޖަހަން ދިވެހިން މަސައްކަތްކުރާ މަންޒަރު ފަހަކަށް އައިސް ސޯޝަލް މީޑިއާ އިން ފެނެ އެވެ. ފަލަ މީހުންނަކީ ވަކި ހުތުރު ބައެއް ނޫންކަން ދައްކާލަން މޭކަޕް އާޓިސްޓަކު މިދިޔަ އަހަރު ފޮޓޯ ކެމްޕެއިނެއް ވެސް ހިންގި އެވެ. ޒުވާން އަންހެނުންތަކެއް ރީތި ހެދުން ލައްވައި ނަލަކޮށްފައި ފޮޓޯ ނަގައި ފޭސްބުކްގައި ޝެއާކުރަން އޭނާ ބޭނުންވީ އަމިއްލަ ތަޖުރިބާގެ ސަބަބުންނެވެ. އޭނާ އަޅުގަނޑު ގާތު އޭރު ބުނިގޮތުގައި ފަލަވީމާ، ފާޑުކިޔުމުގެ އިތުރުން މަލާމާތާއި ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހެ އެވެ.

އާއްމުކޮށް ގަބޫލުކުރެވިފައި އޮންނަ ގޮތުން އަންހެނަކު ރީތިވުމުގެ ފުރަތަމަ "ޝަރުތަކީ" ލޫޅާފަތިވުމެވެ. ފަހަރެއްގައި މީގެ އަސްލަކީ، ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ޖެނިފާ އެނިސްޓަން ދާދި ފަހުން ލިޔުނު ފަދައިން، މަޝްހޫރު މީހުންގެ ބުރުސޫރަ އަށް މީޑިއާ އިން ދޭ އާދަޔާޚިލާފު ސަމާލުކަމާ އެކު ރީތިކަން މާނަކުރެވެމުންދާ ގޮތެވެ. އެއީ، "ވަރަށް ހިކިކޮށް ހުރެގެން ނޫނީ އަންހެންކުއްޖަކު ރީއްޗެއް ނުވާނެ އެވެ. ސުޕަމޮޑެލްއެއް ނުވަތަ މެގަޒިނެއްގެ ބޭރުގަނޑުން ފެންނަ އެކްޓްރެސްއަކާ ވައްތަރު ނޫނިއްޔާ، އަންހެންކުދިންނަކީ އެހެން މީހުންގެ ސަމާލުކަން ހައްގުވާ ފަދަ އަގެއް ހުރި ބައެއް ނޫނެވެ." އެނިސްޓަން ބުނާގޮތުގައި މީޑިއާ އިން އަންހެނުން ތަމްސީލްކޮށްދެނީ މި ވިސްނުމުގެ ތެރެއިންނެވެ. އަދި މިއީ އަހަރެމެން އެންމެން ހިތުން ރުހުމުން ބަލައިގެންފައިވާ ވިސްނުމެއްކަން އޭނާ ފާހަގަކުރެ އެވެ.

މީގެ ނަތީޖާއަކީ އަންހެންކުދިންނާއި އަންހެނުން ވެސް އަމިއްލަ އަށް މި ގޮތަށް ގަބޫލުކުރުމެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ހިކެން ބޭނުންވެ އެވެ. އަދި އެކަން ނުކުރެވިއްޖެއްޔާ އަމިއްލަ ނަފްސަށް ނަފްރަތުކުރެވެ އެވެ. ދިރިއުޅުމުގެ ބައެއް ކަންކަން މަތިން ފޫހިވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ބައެއް މީހުންނަށް، ބޭނުންވާ ކަންކަން ހާސިލްކުރުމުގައި ބަރުދަން ހުރަހަކަށްވެ އެވެ. އެހެންވީމާ މިއީ އެހާ އާދައިގެ މައުލޫއެއް ނޫނެވެ. މީހަކާ ބައްދަލުވާ ކޮންމެ ފަހަރަކު ޖެހިލުމެއް ނެތި ބުނެލާ ވަރަށް ވުރެ ނާޒުކު ވާހަކައެކެވެ.

ފެންނަ ކޮންމެ މީހަކާ ދިމާލަށް "ހާދަ ފަލަވެއްޖޭ" ބުނެލެވެނީ މާ ބޮޑު ވިސްނުމަކާ ނުލައި ކަމަށް ވެދާނެ އެވެ. މީހަކު ދެރަކޮށްލުމުގެ ނިޔަތެއް އޭގައި ނޯވެދާނެ އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ކޮށްލާ "ސަލާމަކަށް" ވުން އެކަށީގެންވެ އެވެ. ފަހަރެއްގައި، ބުނާނެ އިތުރު އެއްޗެއް ދުލަށް ނާންނަނީ އެވެ. އެކަމަކު އެ ޖުމްލަ ނިސްބަތްވާ ކޮންމެ މީހަކަށް، އެއީ އެހާ އާދައިގެ ވާހަކައެއް ނޫނެވެ. ރައްދުގައި އެއްޗެކޭ ނުބުންޏަސް ބައެއް މީހުން ހިތްހަމައެއް ނުޖެހޭނެ އެވެ. ރުޅިއަންނާނެ އެވެ. ދެރަވާނެ އެވެ. އަބަދު އެކަމާ ފިކުރުކުރަން މަޖުބޫރުވެފައި ވެސް ތިބެދާނެ އެވެ.

35 އަހަރުން މަތީގެ ދިވެހި އަންހެނުންގެ ދެބައިކުޅަ އެއްބައި މީހުން ފަލަ

35 އަހަރުން މަތީގެ ދިވެހި އަންހެނުންގެ ދެބައިކުޅަ އެއްބައި މީހުން ފަލަ

ފަލަވުމަކީ މީހަކު ގަސްދުގައި ކުރާނެ ކަމެއް ނޫނެވެ. ފަހަރެއްގައި ބައެއް މީހުން ފަލަވަނީ މާ ބޮޑު އުޒުރެއް ނެތި އެ މީހެއްގެ ފަރުވާކުޑަކަމުން ކަމަށް ވެދާނެ އެވެ. އެކަމަކު އެ ހާލަތުގައި ވެސް، އެއީ އެ މީހެއްގެ ޒާތީ ކަމެކެވެ. އެހެން މީހުންނާ ބެހޭ ކަމެއް ނޫނެވެ. މީހަކު ފަލަވެދާނެ ތަފާތު ސަބަބުތައް ހުރެދާނެ އެވެ. ބަލިވުމެވެ. މާބަނޑުވުމާއި ވިހެއުމެވެ. ދިރިއުޅުމުގެ ތަފާތު ގޮންޖެހުންތަކެވެ. އެހެންވީމާ މީހުންގެ އިހުސާސްތަކާއި ހާލަތު ރަނގަޅަށް ނޭނގި އޭނާގެ ސިފަ އާއި އެ ނޫން ވެސް ޒާތީ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ވަރަށް ބޮޑު ގޯހެކެވެ.

އެކަމަކު ފަލަވުން މިހާ ބޮޑު "މައްސަލައަކަށް" ވެގެން އުޅޭ ސަބަބާ މެދު ވިސްނާލަން ޖެހެ އެވެ. ފަހަކަށް އައިސް ފަލަ މީހުން އިތުރުވަމުންދާތީ އެ ވާހަކަ ދެއްކުން އާއްމުވީ ކަމަށް ވެދާނެ އެވެ. މިއީ، ތަރައްގީއާ އެކު ދިރިއުޅުމަށް އައި ކުރިއެރުންތަކާއި ބަދަލުތަކާ އެކު، މުޅި ދުނިޔެ މި ވަގުތު ކުރަމުންދާ ތަޖުރިބާއެކެވެ. އެހެންވީމާ ފަލަވުމުގެ އަނެއް ފަރާތަށް ވެސް ބަލައިލަން ޖެހެ އެވެ.

ބަރުދަން އިތުރުވުމާއި "ފަލަ ބަލި" ނުވަތަ އޮބީސިޓީއަކީ ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ސިއްހީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ހުންނަން ޖެހޭ ވަރަށް ވުރެ މީހާ ބަރުވުމަކީ ބޮޑެތި ބަލިތަކަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި ހިތާއި ފުއްޕާމެ އާއި ލޭހޮޅިތަކުގެ ބަލިތަކާއި ކެންސަރު ހިމެނެ އެވެ. ދަރިން ނުލިބުމަށް މަގުފަހިވާ ސަބަބަކަށް ވެސް އޮބީސިޓީ ވެ އެވެ. އެހެންވީމާ ފަލަވުމަކީ މީހާގެ ބުރުސޫރައާ ގުޅުވަންވީ ކަމެއް ނޫނެވެ.

ފަލަވުމަކީ މީހާއަށް ނުރައްކާވާ ވަރަށް ހަށިގަނޑުގައި ސަރުބީ ޖެހުމެވެ. ފަލަތޯ ކަނޑައަޅަނީ އިސްކޮޅާ އަޅާބަލާ އިރު ބަރުދަން ހުންނަ މިންވަރަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނާގޮތުގައި ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ފަލަމީހުންގެ އަދަދު ފަތުއަޑުކިޔާފައި ދަނީ އިތުރުވަމުންނެވެ.

އަންހެނުން ފަލަވުމަކީ "މައްސަލައެއް" ކަމަށް ދެކެންޏާ ދައްކަންވީ ހަމައެކަނި ސަބަބު މި އޮތީ އެވެ؛ ރާއްޖޭގައި ފަލަ މީހުން ވަރަށް ގިނަ އެވެ. ޚާއްސަކޮށް އަންހެނުންނެވެ. ތަންކޮޅެއް ކުރީގެ ސާވޭއަކުން އެނގިފައިވާ ގޮތުގައި ފިރިހެނުންގެ ނުވަ ޕަސެންޓް މީހުން ފަލަ ބަލި ނުވަތަ އޮބީސިޓީ ތަޖުރިބާކުރާ އިރު އަންހެނުންގެ ތެރޭގައި އެ އަދަދު 17 ޕަސެންޓަށް އަރަ އެވެ. އަދި 35 އަހަރުން މަތީގެ ދިވެހި އަންހެނުންގެ ދެބައިކުޅަ އެއްބައި މީހުން ފަލަ އެވެ. މިއީ ވަރަށް މަތީ އަދަދެކެވެ. ފަހަރެއްގައި މިހާރު މި ނިސްބަތް މައްޗަށް ގޮސްފައި ހުރުން ވެސް އެކަށީގެންވެ އެވެ.

އެކަމަކު ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ، ހިކިކޮށް ހުރުމަކީ ދުޅަހެޔޮކަން ކަށަވަރުވާނެ ކަމެއް ނޫނެވެ. ހިކި މީހުންނަށް ވެސް ހަކުރުބައްޔާއި ހިތުގެ ބަލި ޖެހެ އެވެ. ހިކި މީހަކަށް ވުރެ ފަލަ މީހެއްގެ ސިއްހަތު މާ ރަނގަޅު ވެސް ވެދާނެ އެވެ. ފަހުގެ ދިރާސާތަކުން މިކަން އަދި ވަކިން ބޮޑަށް ދަނީ ކަށަވަރު ވަމުންނެވެ. އަނެއްކޮޅުން، މާ ބޮޑަށް ހިކިއްޖެއްޔާ ވެސް ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

ފަލަވުމަކީ މީހަކު ގަސްދުގައި ކުރާނެ ކަމެއް ނޫނެވެ. ފަހަރެއްގައި ބައެއް މީހުން ފަލަވަނީ މާ ބޮޑު އުޒުރެއް ނެތި އެ މީހެއްގެ ފަރުވާކުޑަކަމުން ކަމަށް ވެދާނެ އެވެ. އެކަމަކު އެ ހާލަތުގައި ވެސް، އެއީ އެ މީހެއްގެ ޒާތީ ކަމެކެވެ. އެހެން މީހުންނާ ބެހޭ ކަމެއް ނޫނެވެ.

ސިއްހީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު، އާދައިގެ ބަރުދަނެއްގައި ތިބޭ މީހުންނަށް ވުރެ ބޮޑީ ފަލަ މީހުންނަށް ކަމަށް ވަންޏާ އެކަމާ މެދު ހޭލުންތެރިކަން އިތުރުކުރަން ޖެހެ އެވެ. އެއީ އާއްމު ސިއްހަތާ ގުޅިފައިވާ ކަމަކަށް ވާތީ ގައުމީ ފެންވަރުގައި ވެސް އެކަން ކުރުން މުހިއްމެވެ. މީހުންނަށް އަމިއްލަ އަށް ވެސް މިހާރު އެކަން ވިސްނެ އެވެ. ކަސްރަތަށް ދޭ ސަމާލުކަން ބޮޑުވެއްޖެ އެވެ. ފަލަވާ ޒާތުގެ އެއްޗެހި ދޫކޮށްލާފައި ފައިދާހުރި ކާނާ ކާން ބޭނުންވާ މީހުން ވެސް ގިނަ އެވެ. މިފަދަ ދުޅަހެޔޮ އާދަތައް ގެންގުޅެން އެކަކު އަނެކަކަށް ހިތްވަރުދެވިދާނެ އެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން ގާތް މީހުންނަށް ކިޔައިދޭންވީ އެވެ. އޭރުން އެ ވެދެވެނީ އެހީތެރިކަމެކެވެ. ފެންނަ ކޮންމެ ފަހަރަކު "ހާދަ ފަލައޭ" ކިޔަސް މީހަކަށް ލިބޭނެ ފައިދާއެއް ނެތެވެ.