20 އޯގަސްޓް 2016
ފުރަތަމަ ބައްދަލުވާ އިރު ފަހަރެއްގައި އޭނާއާ ދޭތެރޭ ވަރަށް ގޯސް އެއްޗެހި ހިތަށް އަރާފާނެ އެވެ. ސަބަބުތަކެއް ވެސް ހުރީމަ އެވެ. ކުޑޫ ނިކަން އަނގަގަދަވާނެ އެވެ. ވާހަކަ ދައްކާނީ ވެސް ރުޅި ގަދަވެފައި ހުރެގެން ވަރަށް ބާރަށެވެ. މަޖާ އެއްޗެހި ވެސް ކިޔާނެ އެވެ. އެކަމަކު ވަކި ހިސާބަކުން ބޮލަށް އުނދަގޫވެގެން ގޮސް، "މީނަ ދެން ހުއްޓާލާނެ ނަމަ"އޭ ހިތަށް އަރާ ވަރުކޮށްލާނެ އެވެ. ބައެއް ފަހަރު ހީވާނީ އޭނަހާ މޮޅު، އޭނަ އަށް ވުރެ ރަނގަޅަށް ކަންކަން ދަންނަ މީހަކު ނޫޅެޔޭ ހިތަށް އަރައިގެން އުޅޭހެންނެވެ. ނުވަތަ، ކުޑޫ އަށް ކަމުދާ ހަމަ އެއް ކަމެއް ވެސް ނެތީ އެވެ!
ފުރަތަމަ ބައްދަލުވާ އިރު ފަހަރެއްގައި އޭނާއާ ދޭތެރޭ ވަރަށް ގޯސް އެއްޗެހި ހިތަށް އަރާފާނެ އެވެ. ސަބަބުތަކެއް ވެސް ހުރީމަ އެވެ. ކުޑޫ ނިކަން އަނގަގަދަވާނެ އެވެ. ވާހަކަ ދައްކާނީ ވެސް ރުޅި ގަދަވެފައި ހުރެގެން ވަރަށް ބާރަށެވެ. މަޖާ އެއްޗެހި ވެސް ކިޔާނެ އެވެ. އެކަމަކު ވަކި ހިސާބަކުން ބޮލަށް އުނދަގޫވެގެން ގޮސް، "މީނަ ދެން ހުއްޓާލާނެ ނަމަ"އޭ ހިތަށް އަރާ ވަރުކޮށްލާނެ އެވެ. ބައެއް ފަހަރު ހީވާނީ އޭނަހާ މޮޅު، އޭނަ އަށް ވުރެ ރަނގަޅަށް ކަންކަން ދަންނަ މީހަކު ނޫޅެޔޭ ހިތަށް އަރައިގެން އުޅޭހެންނެވެ. ނުވަތަ، ކުޑޫ އަށް ކަމުދާ ހަމަ އެއް ކަމެއް ވެސް ނެތީ އެވެ!
މީގެ ހައެއްކަ އަހަރު ކުރިން މުހައްމަދު އިބްރާހީމް (ކުޑޫ)އާ ފުރަތަމަ ދިމާވި އިރު އަޅުގަނޑުގެ ހިތަށްއެރީ މިކަހަލަ އެއްޗެހިތަކެކެވެ. އެކަމާ މިހާރު ދެރަވެ އެވެ. ކުޑޫގެ ކިބައިން މައާފަށް އެދެމެވެ. އަބަދު އެއްކަހަލަ ވާހަކަތަކެއް ކުޑޫ ދައްކަނީ ހަގީގަތުގައި ވެސް ކަންބޮޑުވާތީކަން މިހާރު ވިސްނިއްޖެ އެވެ.
ފޭސްބުކުން "މުހައްމަދު ކުޑޫ" ހޯދާލާށެވެ. މި ކިޔަނީ ކީކޭކަން އެނގޭނެ އެވެ. އަހަރެމެން ސެލްފީތަކާއި އަމިއްލަ ވާހަކަތަކައިގެން ހޭބޯނާރާ އުޅޭ އިރު ކުޑޫ އަވަދިނެތި އުޅެނީ މުޅިން އެހެން ކަމެއްގަ އެވެ. އޭނާގެ ވޯލްގައި މުޅިން ވެސް ހުންނާނީ މަގުމައްޗާއި އެ ނޫން ވެސް އާއްމު ތަންތަނުން ފެންނަ މަންޒަރުތަކެވެ. އެކި މައްސަލަތަކުގެ ފޮޓޯތަކާއި އެ ކަންކަން އިސްލާހުކުރަން ބާރުއަޅާ މެސެޖުތަކެވެ. އެންމެ ފަހުގެ ޕޯސްޓްތަކަށް ބަލައިލަންޏާ، އަލިފާނުން ރައްކާތެރިވުމާއި ކުޑަކުދިންނާ މެދު އިހުމާލުވުމާއި ފެރީ ދަތުރުތަކުގެ ސަލާމަތީ ކަންކަން ފަދަ މައުލޫތައް އެބަހުއްޓެވެ.
ކުޑޫގެ ފޭސްބުކް ޕޯސްޓެއް: ސައިކަލު މައްޗަށް މި ގޮތަށް ކުޑަކުދިން ދޫކޮށްލާފައި ތިބޭ މަންޒަރު އޭނާ އަށް ގިނައިން ފެނޭ.
އެހެން މީހުން ވެސް މި ކަހަލަ އެއްޗެހި ސޯޝަލް މީޑިއާގައި ޖަހާ އުޅެ އެވެ. އެކަމަކު ކުޑޫހެން އުޅޭ މީހަކު އަޅުގަނޑު ނުދެކެމެ އެވެ. މެދުނުކެނޑި އަޕްޑޭޓްކުރަމުން އެ އަންނަ ސްޓޭޓަސްތައް ބަލައިލީމާ ހީވާނީ އޭނާ ކާންބޯން ކުރާ މަސައްކަތަކީ ވެސް އެއީ ހެންނެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުޑޫގެ ސިކުނޑީގައި މި ވިސްނުންތައް އަބަދުވެސް އެނބުރެ އެވެ. އެހެން މި ބުނަނީ، މި ކޮލަމް ލިޔަން ގުޅާލީމާ އޭނާ ދެއްކި ވާހަކައިންނެވެ.
އަޅުގަނޑާ ވާހަކަދެއްކި ބައިގަޑިއެއްހާ އިރު ތެރޭގައި ވެސް، ދެތިން ކަމެއްގެ ވާހަކަ ބުންޏެވެ. އޭގެ ފަހުން ލަހެއް ނުވި އެވެ. ޖެހިގެން އައި ދުވަހު އެއް މައްސަލަ ފޭސްބުކްގައި ފާހަގަކޮށްފައި ހުއްޓެވެ. މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ބާ ވެހިކަލްތަކުގެ ވާހަކަ އެވެ. އެ މައްސަލައާ ބެހޭ ގޮތުން ލިޔެފައި ހުރީ ނުވަ އުޅަނދެއްގެ ފޮޓޯ ނަގައި ބޮޅުއަޅާފަ އެވެ.
ކުޑޫ ބުނަނީ ފޭސްބުކްގައި މިކަހަލަ އެއްޗެހި ޖަހަނީ "އޭގެ އިމްޕެކްޓް ބޮޑުކޮށްލަން" ކަމަށެވެ. ތެދެކެވެ. އެތައް ބައިވަރު ބަޔަކަށް އޭނާގެ ޕޯސްޓްތައް ފެންނާނެ އެވެ. ކޮމެންޓްކޮށް އެ އެއްޗެހި ޝެއާކުރާ މީހުން ވެސް އެހާ ގިނަ އެވެ. އެކަމަކު ކުޑޫ ފޭސްބުކްގައި އެއްޗެއް ޖަހާލާފައި އެ ހިސާބުން ދޫކޮށްލަނީއެއް ނޫނެވެ. ސަރުކާރުގެ އެންމެ އިސް މީސްމީހުންނަށް ވަކިން ވެސް އެ ކަންބޮޑުވުންތައް ފޮނުވަ އެވެ. އޭނާ ދެކޭގޮތުގައި މިކަހަލަ ކޮންމެ ކަމަކާ ދޭތެރޭ ވެސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މިސާލަކަށް، ކުޑޫގެ އެއް ވިސްނުމަކީ، ސްޓާޓްކޮށްފައި ހުންނަ ސައިކަލެއްގެ މަތީގައި ކުޑަކުއްޖަކު ބައިންދާފައި ދާ މީހާ ޒިންމާދާރުކުރުވަން އިހުމާލުގެ ގާނޫނެއް ބޭނުންކުރަންވީ ނޫން ހެއްޔެވެ؟
"ފޭސްބުކަށް ލާފައި ހަމަ ވަގުތުން ވައިބާ އިން އެބަ ފޮނުވާލަން މިނިސްޓަރުން ކަހަލަ މީސްމީހުންނަށް ވެސް. އެ މައްސަލައެއް ދާން ޖެހޭ މީހުންނާ ހިސާބަށް ގެންދިޔައިމާ ބަދަލުތައް އަންނާނެ،" އާއްމުކޮށް ވާހަކަދައްކާ ގޮތަށް ވަރަށް ޖޯޝާއި ފޯރީގައި ކުޑޫ، 40، ބުނެލި އެވެ.
އޭނާ ބުނީ އެކަން ޔަގީންވާ ކަމަށެވެ. ގައިމު ވެސް ދެ ކަމެއް އިސްލާހުވީ ކުޑޫ އެ މައްސަލަތައް ފާހަގަކުރީމާ ކަމަށް ބެލިދާނެ އެވެ. އެއް ކަމަކީ ޖުމްހޫރީ މައިދާނުގައި ރާނާފައި ހުރި ތަންތަނުން މަގުމައްޗަށް ނުކުމެފައި ހުރި "ކަންތައް" އެތެރެއަށް ޖެއްސުމެވެ. އަނެއް ކަމަކީ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅީގައި ބަހައްޓާފައި ހުރި ކޮންކްރީޓް ބުޑުތައް ނެގުމެވެ. ކުޑޫ އަށް މި ވަރު ކަމެއް ނުކުރެވޭނޭ ހީނުކުރާށެވެ. އޭނާއަކީ ރާއްޖެ އަށް "ސްޓާވޯޒް" ގެނައި މީހާ އެވެ.
ރާއްޖޭގެ އިގްތިސާދަށް އާ ހިދުމަތްތަކާއި މަސައްކަތްތައް ތައާރަފްކޮށް ތަރައްގީކޮށް ކުރިއެރުވުމުގެ ރޮނގުން މިދިޔަ އަހަރު ކުޑޫ ވަނީ ގައުމީ އިނާމް ހޯދާފަ އެވެ. ކުޑޫއަކީ އެކި ކަހަލަ ޝޫޓިންތަކަށް ބޭރު މީހުން ރާއްޖެ ގެންނަ އޭޖެންޓެކެވެ. އޭނާގެ ބަހުން ނަމަ ޕްރޮޑަކްޝަން ކޯޑިނޭޓަރެކެވެ. އޭނާ އެ މަސައްކަތް ކުރާތާ 10 އަހަރު ވަނީ އެވެ. މިހާތަނަށް ރާއްޖޭގައި ހިންގި އެފަދަ އެންމެ ވަރުގަދަ ޕްރޮޖެކްޓްގެ މުގުލުގައި ހުރީ ވެސް ކުޑޫ އެވެ.
"ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ"ގެ ޕޯސްޓަރެއްގައި ލ. އަތޮޅުގެ މަންޒަރެއް: މި ފިލްމުގެ ރާއްޖޭގެ ޝޫޓިންގެ ހުރިހާ ކަމެއް ހަމަޖައްސައި ބެލެހެއްޓީ ކުޑޫ.
ލ. އަތޮޅުގައި މިދިޔަ އަހަރު ނެގި އެންމެ ފަހުގެ "ސްޓާވޯޒް" ފިލްމު "ރޯގް ވަން"ގެ ކާސްޓް އާއި ކްރޫ ރާއްޖެ ގެނެސް އެ މީހުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނީ ކުޑޫ އާއި އޭނާގެ އަންހެނުން ހިއްސާވާ "ބްލޫ އެންޑް ވައިޓް" ކުންފުނިންނެވެ. ކުންފުންޏެކޭ ބުންޏަސް އެ ތަނުގައި ދާއިމީ މުވައްޒަފުންނެއް ނޫޅެ އެވެ. ރައްޓެއްސެއްގެ އޮފީހުން ކުޑޫ އަށް މޭޒެއް ދީފައި ހުންނަކަން އެކަންޏެވެ. ކުޑޫ ބުނީ ކޮންމެ ޕްރޮޖެކްޓަކަށް ވަކިން މީހުން ނަގާ އިރު، މުޅިން ވެސް ނަގަނީ ދިވެހިން ކަމަށެވެ.
"ރޯގް ވަން"ގެ ޝޫޓިންއަކީ ރާއްޖޭގައި މިހާތަނަށް ކުރި އެފަދަ އެންމެ ބޮޑު މަސައްކަތެވެ. ތަފާތު ހަ ލޮކޭޝަނެއްގައި ތިން ސަތޭކަ އަށް ވުރެ ގިނަ މީހުންނާއި 180 ޓަނުގެ އިކުއިޕްމެންޓާއި ހަ ސަފާރީ އުޅަނދާއި 16 ލޯންޗާއި ހެލިކޮޕްޓަރެއް ވެސް ބޭނުންކުރި ވަރުގަދަ އޮޕަރޭޝަނެކެވެ. ހޮލީވުޑްގެ އެންމެ މަތީ ފެންވަރުގެ ބަޔަކު ގެނެސް އެ މީހުންގެ މަސައްކަތް ކުޑޫ ފުރިހަމަކޮށްދިނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮއްވަ އެވެ. "ސްޓޭޓް އޮފް އިމަޖެންސީ"އޭ ބުނީމާ އެކަހަލަ ބަޔަކު ބިރުގަންނާނެ ވަރު ވިސްނާލާށެވެ. އެހެންވީމާ ދެ ކުދިންގެ ބައްޕަ، ކުޑޫއަކީ އާދައިގެ މީހެއް ނޫނެވެ.
އެކަމަކު ސޯޝަލް މީޑިއާގައި "ރޯގް ވަން"ގެ ވާހަކައެއް ކުޑޫ މާ ބޮޑަކަށް ނުދައްކަ އެވެ. އޭނާ އުޅެނީ ރަށު ތެރެއިން ފެންނަ މައްސަލަތައް ހައްލުކުރެވޭތޯ އެވެ. މިކަހަލަ އެހެން މީހުންނާއި ކުޑޫގެ ތަފާތަކީ އޭނާ މިކަމަށް ބަހައްޓާ އާދަޔާހިލާފު ފަރުވާތެރިކަމެވެ. އިޖުތިމާއީ މައްސަލަތަކާ ދޭތެރޭ ފިކުރުކޮށް އެ ކަންކަން އިސްލާހުކުރަން ކުޑޫ އެދޭ މިންވަރު އަޅުގަނޑަށް ވެސް މިހާރު އެބަ ވަޒަންކުރެވެ އެވެ. ކުޑޫއަކީ އިޚްލާސްތެރިއެކެވެ.
ކުޑޫގެ ފޭސްބުކް ޕޯސްޓެއްގައި، ޓްރެކް ސަރަހައްދުގެ ފެންވަރާ ތަން ބަންދުކޮށްފައި ހުންނަ މައްސަލަ އަށް ފާޑުކިޔާފައި
ދިގު ދުވުންތަކުގައި ބައިވެރިވާ ކުޑޫ އާއްމުކޮށް ދުވަން ނުކުމެ އުޅޭތީ ލޮލުގައި މާ ގިނަ ކަންކަން އަޅައިގަންނަނީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ކުޑޫ އަށް މިހާ ގިނައިން މިކަހަލަ މަންޒަރުތައް ފެންނާތީ އަޅުގަނޑު ހައިރާނެއް ނުވެ އެވެ. އިޖުތިމާއީ ކަންކަމަށް އޭނާ ދޭ ސަމާލުކަން އެހެން މީހުންނަށް ވުރެ މާ ބޮޑީ އެވެ.
ބައެއް މީހުން ކުޑޫގެ ވާހަކަތަކާ ދޭތެރޭ ހިތްހަމަނުޖެހިދާނެ އެވެ. ފެންނަ ކޮންމެ ކަމެއްގެ ފޮޓޯ ނަގާފައި ފޭސްބުކަށް ލާން ޖެހޭތޯ ސުވާލު ވެސް ކޮށްފާނެ އެވެ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ކުޑޫ އެ ކުރަނީ ވަރަށް މުހިއްމު ކަމެކެވެ. މުޖުތަމައު އަމާން، ރައްކާތެރި އަދި އުފާވެރި ތަނަކަށް ހަދަން އަމިއްލަ އަށް ކުރެވެން ހުރި ކަމެއް ކުރަނީ އެވެ. ކުޑޫ އެ ގަބޫލުކުރަނީ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއެއް ކަމެވެ. އެ ނަމޫނާ އިން އަޅުގަނޑުމެންނަށް ވެސް ހިތްވަރު ހޯދިދާނެ އެވެ.
ވެބްސައިޓެއް ނުވަތަ އެޕަކުން ކުޑޫގެ ޕޯސްޓްތައް ފެންނާނެ ގޮތް ހަދާނެ ނަމައޭ ހިތަށް އަރަ އެވެ. ފަހަރެއްގައި އޭނާ އެކަން ވެސް ކޮށްފާނެ އެވެ.
ކޮލަމް ށަވިޔަނި: ފޭސްބުކްގައި ދައްކާ މޫނު
"އަހަރެމެން ނޫން އެންމެން ގޯސް"
އުގެއިލްގެ އެ ސްޓޭޓަސް، ކިހިނެއް އައި ހިޔާލެއް؟
ކޮލަމް ށަވިޔަނި: ހާދަ ފަލައޭ! މައްސަލައަކީ ކޮބާ؟
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
އަހަރެމެން ތަހުޒީބު ވަނީ އަނގައިން، އަމަލުން ސުމެއް
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ