Roadha Mihaaru
އައިއެސްއާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް މަރުގެ އަދަބު

އައިއެސްއާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް މަރުގެ އަދަބު

30 އެޕްރީލް 2018

ބަޣުދާދު (އެޕްރީލް 30) - އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްޔެ އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އެޕްރީލް 30) - އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްޔެ އިއްވައިފި އެވެ.

ސެންޓްރަލް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އައިއެސްއާ ގުޅުނު ރަޝިޔާގެ އަންހެނުން ކުށްވެރިވެފައިވާ ކަމަށެވެ. އައިއެސްއާ ގުޅުނު އަންހެނުން ވަނީ ތަރުޖަމާނަކު މެދުވެރިކޮށް ކޯޓުގައި ވާހަކަ ދައްކައިފަ އެވެ. ތަރުޖަމާނަކަށް މަސައްކަތް ކުރީ ބަޣުދާދު ޔުނިވާސިޓީގެ ރަޝިޔާ ބަހުގެ ޕްރޮފެސަރެކެވެ. ތަރުޖަމާން ހޯދައިދިނީ ރަޝިޔާ އެމްބަސީންނެވެ.

ޝަރީއަތަށް ހާޒިރުވި ރަޝިޔާގެ ޑިޕްލޮމެޓަކު ވިދާޅުވީ ހުކުމުގެ މައުލޫމާތު އެ މީހުންގެ އާއިލާތަކަށް އަންގާނެ ކަމަށެވެ.

މަރަން ހުކުމް ކުރި މީހުންގެ އިތުރުން އަޒަބައިޖާނުގެ ހަ އަންހެނަކާއި ތަޖިކިސްތާނުގެ ހަތަރު އަންހެނަކަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ގިނަ އަންހެނުން ބުނެފައި ވަނީ އެ މީހުން އިރާގަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށެވެ.

"އަހަންނަކަށް ނޭނގޭ އިރާގަށް ގެންދިޔަ ގޮތެއް ވެސް. އަހަރެން ދިޔައީ ފިރިމީހާއާ އެކު ތުރުކީގައި ދިރިއުޅެން. ދެން ކުއްލިއަކަށް އެނގުނީ އިރާގަށް ގެންދިޔަކަން،" އެއް އަންހެނަކު ކޯޓުގައި ބުންޏެވެ.

އިރާގުން އައިއެސް ބަލިކޮށްލި ފަހުން މިހާތަނަށް ވަނީ އެ ޖަމާއަތާ ގުޅިފައިވާ 560 އަންހެނުންނާއި އެ މީހުންގެ ދަރިންގެ ގޮތުގައި ބެލެވިފައިވާ 600 ކުދިން ހައްޔަރުކޮށްފަ އެވެ. އައިއެސްއާ ގުޅުނު މީހުންގެ ތެރޭން އިރާގުން މިހާތަނަށް ވަނީ 300 އަށް ވުރެ ގިނަ މީހުންނަށް މަރުގެ ހުކުމް އިއްވައިފަ އެވެ.