Roadha Mihaaru
ލިޔެލާ ޖަހަން ދަސްކޮށްދޭން ތުޅާދޫ ކައުންސިލުން ފަށަނީ

ލިޔެލާ ޖަހަން ދަސްކޮށްދޭން ތުޅާދޫ ކައުންސިލުން ފަށަނީ

30 އެޕްރީލް 2018

ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފި އެވެ.

ލިޔެލާ ޖެހުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ، އެ މަސައްކަތް ދަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އެދެމުން އަންނަ ކަމަށެވެ. އެހެންވެ، ތުޅާދޫ ކައުންސިލަށް އެއް ލައްކަ ރުފިޔާ ދިނުމުން، އެ ރަށަކަށް ގޮސް ކޯސް ހިންގައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މަސް ދުވަހަށް ހިންގާ ކޮންމެ ކޯހަކުން 30 މީހުންނަށް ލިޔެލާ ޖަހަން ދަސްކޮށްދޭނެ ކަމަށެވެ.

"އެއް ލައްކަ ރުފިޔާ ދިނުމުން، އެ މަސައްކަތަށް ބޭނުންވާ 10 މެޝިނާއި އިންސްޓްރަކްޓަރަކު ފޮނުވައިދޭނެ. އެ ވަރުގެ ފީއެއް ނަގަނީ އިންސްޓްރަކްޓަރަށް މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހޭތީވެ،" އަހުމަދު ވިދާޅުވި އެވެ.

"ކެއުމާއި ހުރުމާއި ދަތުރުގެ ހަރަދުތައް ވެސް އެ ކައުންސިލަކުން ކޮށްދޭން ޖެހޭނެ. ލިޔެލާ ޖަހަން ދަސްކުރާ ލަކުޑި ހޯދުމަކީ ވެސް އެ ކައުންސިލެއްގެ މަސައްކަތެއް."

ތުޅާދޫގެ 30 އަކަށް އާއިލާ އިން މިހާރު ވެސް އާމްދަނީ ހޯދުމަށްޓަކައި ލިޔެލާ ޖެހުމުގެ މަސައްކަތް ކުރެ އެވެ. އަދި އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް ކައުންސިލުން ބުނެ އެވެ.

ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް އާންމުކޮށް ދެއްވަަމުން ގެންދަވަނީ ވެސް ތުޅާދޫގެ ހުނަރުވެރިންގެ އުފެއްދުންތަކެވެ. އޭގެ ތެރޭގައި ލިޔެލާ ޖަހާފައި ހުންނަ މާވަށިގަނޑު ފަދަ ތަކެތި ހިމެނެ އެވެ.