Roadha Mihaaru
ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ ފައިސާ ނުލިބޭތީ ކަމަށް

ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ މަސައްކަތް ހަވާލުކުރި ކުންފުނިން ފައިސާ ނުދޭތީ ކަމަށް

03 ޖުލައި 2020

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓު ހަދާ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވެ، ބޮޑު ހަޅުތާލަކަށް އެ ބިދޭސީން މިހާރު ނުކުމެފައިވާއިރު، މުސާރަ ދެވޭ ގޮތް ނުވީ، ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެ، އެ ރަށުގައި މަސައްކަތް ކުރާ ކުންފުނިން މިރޭ ދިފާއަށް ނުކުމެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓު ހަދާ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވެ، ބޮޑު ހަޅުތާލަކަށް އެ ބިދޭސީން މިހާރު ނުކުމެފައިވާއިރު، މުސާރަ ދެވޭ ގޮތް ނުވީ، ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެ، އެ ރަށުގައި މަސައްކަތް ކުރާ ކުންފުނިން މިރޭ ދިފާއަށް ނުކުމެއްޖެ އެވެ.

ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ސީލް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސްއާ އެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

ރިޒާ، މިރޭ "މިހާރު އަށް ވިދާޅުވި ގޮތުގައި، މުސާރަ ނުދެވި ވަނީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ.

ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން، އިއްޔެ ވަނީ އެ ރަށުގައި ބޮޑު ހަޅުތާލެއް ފަށައިފަ އެވެ. އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެ، ހާލަތު ވަނީ ވަރަށް ބޮޑަށް ސީރިއަސް ވެފަ އެވެ. އެ ރަށަށް އަރަން ދިޔަ ފުރަތަމަ ފުލުހުންނަށް އެކަން ނުވުމުން މާލެ އިން ފުލުހުންގެ ބޮޑު ފައުޖެއް މިހާރު ވަނީ ދަތުރު ފަށައިފަ އެވެ.

ރިޒާ ވިދާޅުވި ގޮތުގައި، އޭނާގެ މުވައްޒަފުންގެ މުސާރަ ނުދެވި ވަނީ ގާތްގަނޑަކަށް ހަތަރު މަހަށެވެ.

ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ފުލުހުންތަކެއް، ތުޅާދޫ ކައިރީގައި ހަރަކާތްތެރިވަނީ.-- ފޭސްބުކް ފޮޓޯ: ބަނީ

ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ފުލުހުންތަކެއް، ތުޅާދޫ ކައިރީގައި ހަރަކާތްތެރިވަނީ.-- ފޭސްބުކް ފޮޓޯ: ބަނީ

"ހަ މަހެއް ނޫން އިނގޭތޯ. އެއީ އޮޅުމެއް. ތިން މަސް ދުވަސް ނުވަތަ ހަތަރު މަސް. ބައެއް ބޭފުޅުން ހުންނާނެ ހަތަރު މަސް. އަނެއްބައި ބޭފުޅުން ހުންނާނެ ތިން މަސް. އަނެއްބައި ބޭފުޅުން ހުންނާނެ ދެ މަސް ވެސް. ގާތްގަނޑަކަށް އެހާކަށް ވަރުގެ އަދަދެއް،" ރިޒާ ވިދާޅުވި އެވެ.

ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު އެ ރަށުގެ ބޮޑު ބައި ވެސް ވަނީ ނިންމައިފަ އެވެ.

އެތަނުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރެ އެވެ.

ރިޒާ ވިދާޅުވީ، ސީލް މޯލްޑިވްސްގެ ފަރާތުން ލިބެންޖެހޭ ފައިސާ މިދިޔަ ޖެނުއަރީ މަހާ ހަމައަށް ބަރާބަރަށް ލިބުނު ކަމަށެވެ. އެހެންވެ، އޭރު އައީ މުވައްޒަފުންނަށް ވެސް ބަރާބަރަށް މުސާރަ ދެމުން ކަމަށް ވިދާޅުވި އެވެ.

"ރަށުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ވީހާ ވެސް އަވަހެއް ކުރެވޭތޯ، މި ހުރިހާ ދުވަހެއް ވެސް މި ދިޔައީ އެ ބޭފުޅުންނާ އެކީގައި މަޝްވަރާ ކުރުމުގައި. ސީދާ މާދަމާއޭ ބުނާކަށް ނުކެރޭނެ. ވީހާ އަވަހަކަށް ހައްލުކުރަން މަސައްކަތް އެބަ ކުރަން،" މުސާރަ ދެވޭނެ ދުވަހަކާ ގުޅޭ ގޮތުން ރިޒާ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެ ބިދޭސީންނާ މިރޭ ވެސް ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ، މުސާރައިގެ މައްސަލައިގައި ބިދޭސީން މަސައްކަތް ހުއްޓާލާފައިވާތާ 43 ދުވަސް ވެއްޖެ ކަމަށާއި އެހާ ދުވަސްވިއިރު ވެސް ސީލް މޯލްޑިވްސްގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން އަދި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. އެ މީހުންގެ ހަމައެކަނި މައްސަލައަކީ މުސާރަ ކަމަށާއި އެކަން ހައްލުކުރަން ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"[މުސާރަ ނުދެވުނީ] ބެކަޕް ވެސް އެ ވަރަށް ނެތީމާ ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ ސީލް މޯލްޑިވްސްގެ ފަރާތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މުސާރައާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި، ބޮޑުފިނޮޅުގައި ތިބި ދިވެހިންތަކެއް ރަހީނުކުރި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ރިޒާ ވިދާޅުވީ އެ މީހުންގެ ތިބީ ގަދަވެ ސަލާމަތުން ކަމަށެވެ.

"ޖެނުއަރީގެ ފަހުން، ޖެނުއަރީ، މާޗު، ދެން މި ކޮވިޑްގެ އެންމެ ހާޑު ދުވަސްކޮޅު ތެރޭގައި މި ދިމާވި ޑިލޭއެކޭ މި އުޅެނީ. އެ ޑިލޭ ސަސްޓެއިންކޮށް ނުލެވި އުޅެނިކޮށް އަސްލު މި ކަންތައް ދިމާވީ،" ރިޒާ ވިދާޅުވި އެވެ.

މުސާރަ ނުދެވި ލަސްވި ކަމުގައި ވިއަސް މުވައްޒަފުންގެ ކެއުންބުއިމުގެ ކަންކަން އަމިއްލަ އަށް ހަމަޖައްސާފައިވާ ކަން ރިޒާ ފާހަގަކުރެއްވި އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ސިފައިން ވެސް ވަނީ އެ ރަށަށް ދިއުމަށް ދަތުރު ފަށައިފަ އެވެ.

މަސައްކަތް ކުރުވާފައި މުސާރަ ނުދޭ މައްސަލައިގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ތިން ބުރެއްގެ މަތިން އެކި ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން މީގެ ކުރިން ހަޅުތާލު ކޮށްފައި ވެ އެވެ.