Roadha Mihaaru
ފެބްރުއަރީ 1ގައި އަމުރު ނެރުނީ ގާނޫނީ އުސޫލުން ބޭރުން

ފެބްރުއަރީ 1 ގައި އަމުރު ނެރުނީ ގާނޫނީ އުސޫލުން ބޭރުން: ދައުލަތް

30 އެޕްރީލް 2018

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ އުސޫލުން ބޭރުން ނެރުނު އަމުރެއް ކަމަށް ދައުލަތުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ އުސޫލުން ބޭރުން ނެރުނު އަމުރެއް ކަމަށް ދައުލަތުން މިރޭ ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ އަމުރު ނެރުނީ ރަނގަޅަށް ނޫން ކަން އެނގުނީ ފެބްރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުންނާއި އަމުރަށް ފަހު ހިނގައިދިޔަ ކަންކަން ފުލުހުން ތަހުގީގު ކުރުމުން ކަމަށެވެ.

ފަޒްނާގެ ވާހަކަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަކަށްވާއިރު، އެއްވެސް ތުހުމަތެއް ނުކުރެވޭ ތިން ފަނޑިޔާރުން ސުޕްރީމް ކޯޓުގައި މިވަގުތުގައި އެބަތިއްބެވި ކަމަށެވެ.

ނޫރުއްސަލާމް އެ އިޝާރާތް ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފްގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީއަށެވެ. އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ފާހަގަކުރުމުން، މި ތިން ފަނޑިޔާރުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީގައި ބުނާ ގޮތުންނަމަ، އެންމެ ފަހުގެ ނިންމުން ކަމާއި އެ ނިންމުންތަކަށް އިހްތިރާމް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަޒްނާ ވިދާޅުވީ ފެބްރުއަރީ 1 ގެ އަމުރަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރު ކަނޑުވާލައި، އަސާސީ ހައްގުތައް ނިގުޅައިގެން ދިޔަ އަމުރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ސިޔާސީ ޕާޓީން ވަކިވުން، ވަކިކުރުން، އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، މިދިޔަ އަހަރުގެ ޖުލައި 13 ގައި ނެރުނު ހުކުމް، އެ އަމުރުން ބާތިލް ކުރިކަން ފަޒްނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސިޔާސީ ބައެއް ބޭފުޅުން މިނިވަންކޮށް، އެބޭފުޅުންގެ ޝަރީއަތް އަލުން ބެލުމަށް އަމުރު ކުރީ ގާނޫނީ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ. އޭގެތެރެއިން، ބައެއް ބޭފުޅުންގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި، ނިންމާފައި ހުރި ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.

ދައުލަތުން ދައްކަމުން އަންނަ ވާހަކަތައް، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުންނަށް ރައްދުވޭތޯ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ފަޒްނާއާ ސުވާލު ކުރެއްވުމުން ވިދާޅުވީ އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައި، މަގާމުގެ ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ރިޝްވަތު ނަންގަވައިގެން ދެ ބޭފުޅުން ފްލެޓު ގަތުން ފަދަ މުއާމަލާތްތައް ހިންގާފައިވާ ކަމަށާއި މިއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް އަހުލާގީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ނެރުއްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހަމަ އެ ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އަމުރުގައި ހުރި ބައެއް ބައިތައް ބާތިލްކޮށް، އެހެން ބައިތަކަށް އަމަލު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.