Roadha Mihaaru
ނަތަންޔާހޫގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް: އީރާން

ނަތަންޔާހޫގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް: އީރާން

01 މެއި 2018

ތެހެރާން (މެއި 1) - އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ދެއްވި ބަޔާނަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އީރާނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މެއި 1) - އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ދެއްވި ބަޔާނަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އީރާނުން ބުނެފި އެވެ.

ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން ދަނޑިވަޅު ބަލާފައި ޖާސޫސީ ރިޕޯޓެއް ތައްޔާރުކޮށްލީ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާ އިން މި މަހު 12 ގައި ގޮތެއް ނިންމާ ތާރީޚަށެވެ.

އީރާނުގެ ރަސްމީ ޓީވީން ބުނީ ނަތަންޔާހޫގެ ވާހަކަތަކަކީ ޕްރޮޕަގެންޑާއެއް ކަމަށެވެ.

"އެއީ އާ ކަމެއް ނޫން. ނަތަންޔާހޫގެ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް،" އީރާނުގެ ރަސްމީ ޓީވީން ބުނެފައިވެ އެވެ.

ތެލް އަވީވުގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ މައުލޫމާތު ތެހެރާނުގައި ރައްކާކޮށްފައި ހުރި ތަނުން އިޒްރޭލުގެ ޖާސޫސީ އެޖެންސީން ވަނީ ހުރިހާ މައުލޫމާތު ހޯދައިފައި ކަމަށެވެ. އޭގެ ތެރޭގައި 55،000 ސަފުހާގެ ހެކި އަދި 183 ސީޑީގައިވާ 55،000 ފައިލް ހިމެނޭ ކަމަށް ވިދާޅުވި އެވެ. މި ހުރިހާ އެއްޗިއްސަކީ ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި އެއްޗެހި ކަމަށް ވިދާޅުވި އެވެ.

ނަތަންޔާހޫ ދެއްވި ބަޔާނާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު ކުރީކޮޅު ނެރުނު ރިޕޯޓާ ވަރަށް ބޮޑަށް ފުށުއަރަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކޮށްފައި ކަމަށެވެ.