Roadha Mihaaru
ޔުމްނާ، ޕޮލިހަށް ހާޒިރުވާ ގަޑި ބަދަލެއް ނުކުރި

ޔުމްނާ، ޕޮލިހަށް ހާޒިރުވާން ޖެހޭ ގަޑި ބަދަލެއް ނުކުރި

07 މެއި 2018

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވާ ޔުމްނާ މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުވާން ޖެހޭ ގަޑި ބަދަލުކޮށްދޭން އެދުނު ނަމަވެސް ފުލުހުން ގަޑި ބަދަލުކޮށް ނުދިން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވާ ޔުމްނާ މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުވާން ޖެހޭ ގަޑި ބަދަލުކޮށްދޭން އެދުނު ނަމަވެސް ފުލުހުން ގަޑި ބަދަލުކޮށް ނުދިން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ މިއަދު ހަވީރު 4:00 އަށެވެ.

ނަމަވެސް ހާލަތު ހުރި ގޮތުން، ފުލުސް އޮފީހަށް މިއަދު ހާޒިރުވުމަށް ދަތި ކަމަށް ވިދާޅުވެ ޔުމްނާ ވަނީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ޔުމްނާ ވިދާޅުވީ، ކުޑަދަރިފުޅުގެ ކަންކަން މިހާރު ބަލަހައްޓަވަނީ އޭނާ އެކަނި ކަމަށާއި ދަރިފުޅުގެ ގާތުގައި އެހެން މީހަކު ބެހެއްޓުމުގެ އިންތިޒާމް މިއަދަށް ހަމަޖެހެން ނެތް ކަަމަށެވެ. އަދި ދޮށީ ދަރިފުޅު މިރޭ މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުމްނާ އެދިވަޑައިގަތީ، އޭނާ ފުލުސް އޮފީހަށް ހާޒިރުވުން މާދަމާގެ ވަގުތަކަށް ހަމަޖައްސައި ދިނުމަށެވެ. އެކަމަކު އެގޮތަށް ހަމަޖައްސައި ނުދިނުމުން، ޗިޓު ފޮނުވާފައިވާ ގަޑި އަށް ފުލުސް އޮފީހަށް ދާން އޭނާ ވަނީ ނިންމައިފަ އެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާ އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ވެރިކަން ވައްޓާލުމުގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. މައުމޫނާއި ނަދީމް ބަންދުކުރިތާ އިއްޔެ އަށް ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.