Roadha Mihaaru
ވަކީލަކާއެކު މާދަމާ ފުލުހަށް ހާޒިރުވާން ޔުމްނާއަށް އަންގައިފި

ވަކީލަކާ އެކު މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޔުމްނާ އަށް އަންގައިފި

07 މެއި 2018

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލަކާ އެކު ފުލުހުންގެ އިދާރާ އަށް މާދަމާ ހާޒިރުވާން މިއަދު އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލަކާ އެކު ފުލުހުންގެ އިދާރާ އަށް މާދަމާ ހާޒިރުވާން މިއަދު އަންގައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ފަހު، ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުން ކަމަށެވެ.

އަދި އެ މައްސަލާގައި، ގާނޫނީ ވަކީލަކާ އެކު މާދަމާ އަނެއްކާ ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި އެންމެ ދުވަހެއްގެ ތެރޭގައި ގާނޫނީ ވަކީލަކު ހަމަޖެއްސުމަކީ ދަތި ކަމެކެވެ.

"އަޅުގަނޑު ދެންނެވިން އެއް ދުވަހުން އަޅުގަނޑަށް ގާނޫނީ ވަކީލެއް ހަމަނުޖެއްސިދާނެއޭ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުގެ އާއިލާގެ ތިން ބޭފުޅުން މިހާރު ތިއްބެވީ ބަންދުގައި. ގާނޫނީ ވަކީލުން ވަރަށް ބިޒީކޮށް އުޅުއްވަނީ،" ވަކީލުން ހޯދުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވަމުން ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވަނީ އޭނާގެ ދަރިފުޅު ބަލާނެ މީހަކު ނެތުމުން ފުލުހުންގެ އިދާރާ އަށް މިއަދު ހަވީރު ހާޒިރުވުން މާދަމާ އަށް ފަސްކޮށް ދިނުމަށް ވެސް ފުލުހުންގެ ކިބައިން ކުރިން އެދިފަ އެވެ. ނަމަވެސް ފުލުހުން އެންގީ އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ޔުމްނާގެ މައްޗަށް ކުރާ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އަދި މައުމޫން މިހާރު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށް އާއިލާ އިން ބުނެ އެވެ.