Roadha Mihaaru
"ވަކި ދައުލަތެއްގެ މަޝްވަރާއަކީ ބަޣާވާތުގެ ރޭވުމެއް"

ވަކި ދައުލަތެއް އުފެއްދުމާ ގުޅޭ މަޝްވަރާއަކީ ބަޣާވާތުގެ ރޭވުމެއް: ހޯމް މިނިސްޓްރީ

08 މެއި 2018

އައްޑޫގައި ވަކި ދައުލަތެއް އުފައްދުމަށް މަޝްވަރާ ކުރުމަކީ ބަޣާވާތުގެ ރޭވުމެއް ކަމަށާއި އެކަމަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައްޑޫގައި ވަކި ދައުލަތެއް އުފައްދުމަށް މަޝްވަރާ ކުރުމަކީ ބަޣާވާތުގެ ރޭވުމެއް ކަމަށާއި އެކަމަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އައްޑޫގައި ވަކި ދައުލަތެއް އުފައްދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާއެކު އެމަނިކުފާނަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެކަމަކު ލީކުވި އޯޑިއޯއާ ގުޅިގެން ނަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މީގެ ކުރިން، އިނގިރޭސިން އައްޑޫގައި ތިބިއިރު 1959 ވަނަ އަހަރު ޔުނައިޓެޑް ސުވަދީބް އައިލެންޑްސްގެ ނަމުގައި އައްޑު އާއި ފުވައްމުލައް އަދި ގދ. އަތޮޅު ހިމެނޭ ގޮތަށް ވަކި ދައުލަތެއް އިއުލާން ކުރި އެވެ. އެކަމަކު އޭގެ ތިން އަހަރު ފަހުން އޭރުގެ ރައީސް އިބްރާހިމް ނާސިރު ސިފައިންނާ އެކު ވަޑައިގެން އެ ދައުލަތް އުވާލައްވައި، ދެކުނުގެ ތިން އަތޮޅު ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އަނބުރާ ގެންދެވި އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީއަކީ ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް ކުރި މަޝްވަރާއާ ގުޅިގެން އެ މިނިސްޓްރީން ކަންބޮޑުވާ ކަމަށެވެ. އެކަމަކީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި އަދި ބިރުވެރި ޣައިރު ގާނޫނީ އަމަލެއް ކަމަށް ބަޔާނުގައިވެ އެވެ.

މަޝްވަރާތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނީ އެ އަމަލަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކާއި އަހްވަންތަކަމަށް ލޮޅުން އަރާ ފަދަ ހިންގި ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެކަން ކުރައްވާފައި ވަނީ ކުރީގެ ރައީސެއް އިސްކޮށް ހުންނަވައިގެން ކަމަށްވާތީ އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

"މި އަމަލުން އެނގިގެން ދަނީ އެކަން ކުރި މީހުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ ލޯތްބެއް ނެތް ކަމެވެ. މި އަމަލަކީ މާތްވެގެންވާ އިސްލާމް ދީނާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ،" ބަޔާނުގައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި އެ އަމަލު ހިންގާފައި ވަނީ އަމިއްލަ އެދުމުގައި ޒާތީ ކަންކަން ހާސިލުކުރުމަށް ކުރުމަށެވެ. އަދި ގާނޫނު އަސާސީގެ ބާރު ކަނޑާލުމަށާއި ރާއްޖެ ފޮތިފޮތިކޮށް ވަކިވެގަތުމުގެ އަމަލެއް ހިންގުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ގައުމުގެ އެތެރެއިންނާއި ބޭރުން އުފަން ކުރާ އެއްވެސް ހިޔާލަކަށް ޖާގަ ނުދިނުމަށާއި ޣައްދާރުންގެ ހީލަތްތެރި ރޭވުންތަކާއި އަމަލުތަކުން އެއްބާރުލުން ނުދިނުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. ވަކި ދައުލަތެއްގެ މަޝްވަރާއަކީ ބަޣާވާތުގެ ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނިއިރު، ވެރިކަން ވައްޓާލަން ބަޣާވާތް ކުރި ކަމަށް ބުނެ ސިޔާސީ ގިނަ ބޭފުޅުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެތެރެއިން ބައެއް ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވަނީ ފަށައިފަ އެވެ.