Roadha Mihaaru
އަލީ ހުސައިނަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވަނީ

މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި އަލީ ހުސައިނަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު

10 މެއި 2018

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ އަލީ ހުސައިންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ އަލީ ހުސައިންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އަލީ ހުސައިނާ އެކު 12 މެމްބަރެއްގެ މައްޗަށް ކުރެ އެވެ. އެ ހުރިހާ ބޭފުޅުންގެ ބައި ވެސް ކުރިއަށް ގެންދިޔައީ އެއް ދައުވާއެއްގެ ގޮތުގައި ކަމަށްވިޔަސް، އެހެން މެމްބަރުންނާ ޚިލާފަށް އަލީ ހުސައިނަށް ވަކީލަކު ހަމަޖެހިފައި ނެތުމުން މިދިޔަ ޖެނުއަރީ މަހު ވެސް އަލީ ހުސައިންގެ ބައި ކުރިއަށް ގެންދިއުމަށް އަޑުއެހުމެއް ބޭއްވި އެވެ.

އާދިއްތަ ދުވަހު ވެސް ތާވަލްކޮށްފައި ވަނީ އަލީ ހުސައިންގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް އަލީ ހުސައިނަށް ގާޒީ ދެއްވި އެވެ. އަދި އަލީ ހުސައިންގެ ފަރާތުން ވަކީލަކު ހަމަޖެއްސުމުން އޭނާގެ ބައި ވެސް އެހެން މެމްބަރުންނާ އެކު ކުރިއަށް ގެންދަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.