Roadha Mihaaru
ސިއްހީ މައްސަލަތަކާ ގުޅިގެން އަލީ ހަމީދުގެ ޝަކުވާތައް

ބޮލުގެ އެއްފަޅި އައްސިވެފައިވާ ކަމަށް ވިދާޅުވެ އަލީ ހަމީދުގެ ޝަކުވާތައް ގާޒީއަށް

14 މެއި 2018

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޝަކުވާތައް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްއާ އޭނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޝަކުވާތައް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްއާ އޭނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރު އަލީ ހަމީދަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ގޮނޑީގައި އިށީނދެ އިންނަވައި ވިދާޅުވީ ބޮލުގެ އެއް ފަޅި އާއި އުނަގަނޑުން ތިރި އަދި ފައިގެ ފަލަމަސްގަނޑު ވެސް އައްސި ވެފައިވާ ކަމަށެވެ.

މި މައްސަލަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ ހިއްސާ ކުރެއްވުމުން، އެކަން ބަލަމުން އަންނަ ކަމަށް އެ އޮފިސަރުން އޭނާގެ އަރިހުގައި ބުނާ ކަމަށް ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ. އަދި އެންމެ ފަހުން ބެއްލެވި ޑޮކްޓަރު ވެސް އެމްއާރުއައިއެއް ހަދަން ލަފާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

މައިބަދައިގެ ހާލަތު ދަށްކަން ފާހަގަ ކުރައްވައި ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ، ފުރިހަމަ ވެންޓިލޭޝަންގެ ނިޒާމެއް، އޭނާ ބަހައްޓާފައިވާ މާފުށީ ޖަލު ގޮޅީގައި ނެތުމުން އެކަމުގެ ކަންބޮޑުވުން އެތަނުގެ އޮފިސަރުންނާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ. އެކަމަކު، އެކަމަށް ވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި އަލީ ހަމީދުގެ ސިއްހީ ހާލަތު ގޯސްވަމުންދާއިރު، އޭނާ ޖަލުގައި ހުންނަވަނީ އެކަހެރިކޮށެވެ.

"މީގެ ކުރިން ބަންދުކޮށްފައި ހުރި ގޮޅީގައި އަލީ ހަމީދު ހުންނަވަނީ. ހަމައެކަނި ބޯޑު ބަދަލުކުރީ، އެހެންވެ މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުން އެދެން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ސިއްހީ ހާލަތު ހުރި ގޮތުން، އޭނާ އެކަހެރިކޮށްގެން ނުގެން ގުޅުމަށާއި އެހެން މީހުންނާ އެކު ބެހެއްޓުމަށް އަލީ ހަމީދު ބެއްލެވި ނަފްސާނީ ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް ވަކީލް އެވެ. އެކަހެރިކޮށްގެން މީހުން ބައިތިއްބުމަކީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވަނީ ފަނޑިޔާރު އަލީ ހަމީދު ބައްލަވާ ޑޮކްޓަރުންގެ ލިޔުންތައް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ހިއްސާ ކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި، އެ ލިޔުންތައް ވަކީލުންންނަށް ލިބޭނެ ގޮތް ހައްދަވައި ދިނުމަށް ގާޒީ ހައިލަމްގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އަލީ ހަމީދު އެކަހެރި ކުރީ އަމިއްލަ ރައްކަލަކަށް

ދިފާއީ ވަކީލުން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ، ފަނޑިޔާރު އަލީ ހަމީދު ގޮޅީގައި އެކަހެރިކޮށްފައި ބަހައްޓަނީ އަމިއްލަ ރައްކަލަކަށް ކަމަށެވެ. އެކަމަކު، އަލީ ޒާހިރު ވިދާޅުވީ ބުއްދީގެ ހަމަތަކަށް ބަލާއިރު، އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، އަލީ ހަމީދުގެ އަރިހަށް ކޮންމެ ދުވަހަކު ނަރުހަކު ގޮސް ފަރުވާދެމުން އަންނަ ކަމަށް ފަޒްނާ ވިދާޅުވި އެވެ. އެކަމަކު، އަލީ ހަމީދާ ހަވާލާ ދެއްވައި، އަލީ ޒާހިރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މިދިޔަ ދެ ހަފްތާ ތެރޭގައި ނަރުހަކު ފަނޑިޔާރު އަލީ ހަމީދުގެ އަރިހަށް ދިޔައީ އެންމެ ފަހަރަކު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ހައިލަމް، ދައުލަތުގެ ވަކީލާ ފަޒްނާއާ ސުވާލު ކުރެއްވުމުން ޖަވާބުގައި ވިދާޅުވީ، ނަރުހަކު ކޮންމެ ދުވަހަކު އަލީ ހަމީދު ކައިރިއަށް ފޮނުވާކަން އެނގިވަޑައިގަތީ ކަރެކްޝަނަލް ސާވިސް އިން ހިއްސާ ކޮށްފައި އޮތް ލިޔުމުން ކަމަށެވެ.

ފަޒްނާގެ ވާހަކަތަކާ ގުޅިގެން، ފަނޑިޔާރު އަލީ ހަމީދު ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު، ކޯޓު ރޫމަށް ވަޑައިގަތުމުގެ ކުރިން ނޭވާ ހާސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ގޮތް ތަފްސީލްކޮށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޮކްސިޖަން ދަށް ވާތީ ބޭރަށް ނެރެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގާތު ވިދާޅުވި ކަމަށެވެ. އަލީ ހަމީދުގެ ވާހަކައިގައި އޭނާ ހުންނެވީ ކޮން ތަނެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

"ބޭރަށް ނެރެދޭށޭ ބުނި ފަހުން ވެއްޓުނީ. [ފުރަތަމަ] ބެއްލެވި ޑޮކްޓަރެއް ނޫން އައީކީ. އެއްވެސް ފަރުވާއެއް ނުލިބި ދިޔައީ ވެސް. ޕެއިން ކިލާއެއް ދިނީ ފުރަތަމަ. އެކަމަކު އަޅުގަނޑު އެ ބޭނުން ނުވީ. ފަހުން ޖެހީ އިންޖެކްޝަނެއް. އެއާ އެކު ވަރަށް ބޮޑަށް ހާސްވެގެން ދިޔައީ،" ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ.

"މެންދުރު އެއްޗެއް ނުކައި ހުރީ އަވަހަށް ޝަރީއަތް ނިމިގެން އާދެވޭނެ ކަމަށް ހީކޮށް. އެހެން ހުރީމަ، ހޮޑު ވެސް ލެވުނު. އަނެއްކާ ވަރަށް [ކަނޑު] ގަދަ ދުވަހެއް އެއީ."

ތިން މަހަށް ބޭހެއް ބޭނުން ކުރަން ވަނީ ދީފައި

ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުން އޭނާ ދޫކޮށްލި ފަހުން މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ނަފްސާނީ ޑޮކްޓަރަކަށް ދެއްކި އެވެ. އެކަމުގެ މައުލޫމާތު ލިބިފައިވޭތޯ ގާޒީ ހައިލަމް ފަޒްނާ އާ ސުވާލު ކުރެއްވުމުން، ވިދާޅުވީ އެ މައުލޫމާތު ކަރެކްޝަނަލް ސާވިސް އިން ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި ގޮތުގައި ނަފްސާނީ ޑޮކްޓަރު އިރުޝާދު ދެއްވީ އައިޖީއެމްއެޗުން އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށެވެ. އަދި ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރާ ހަވާލާދީ އަލީ ހަމީދު ވިދާޅުވި އެވެ.

"އެއީ ފުރުގާން ނަމަކަށް ކިޔާ ދިވެހި ޑޮކްޓަރެއް. އުމުރުން ދުވަސްވީ މީހެއް. ގާތްގަނޑަކަށް 60 އަހަރުގެ މީހަކު އެއީ،" ޑޮކްޓަރުގެ ތަފްސީލް ދެއްވަމުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތިން މަސް ދުވަސް "ނަފްސާނީ ބޭހެއް" ބޭނުން ކުރަން ޑޮކްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި ރޭ ތިން ބޭހެއް ބޭނުން ކުރެއްވި ކަމަށް ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ހައިލަމް ވަނީ ފަނޑިޔާރު އަލީ ހަމީދު ބެލި ޑޮކްޓަރުންގެ ލިޔުންތައް ދެއްވުމަށް ދައުލަތުގެ ވަކީލުންނަށް އަންގަވައިފަ އެވެ. އަދި ދިފާއީ ވަކީލުންގެ ވާހަކަތަކާ ގުޅިގެން، ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ޖަވާބުދާރީވުމަށް ގާޒީ އެންގެވި އެވެ.