Roadha Mihaaru
ގިސްލައި ރޮމުން އަލީ ހަމީދު އިހުސާސްތައް ބޭރުކޮށްލައިފި

ގިސްލައި ކީރިތިކުރައްވަމުން އަލީ ހަމީދު ހުރިހާ ވާހަކަތަކެއް ވިދާޅުވެއްޖެ!

06 މެއި 2018

މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަކީ އެހެން ނިޔަތެއް އޮވެގެން ނެރުނު އަމުރެއް ނޫން ކަން މާތް ﷲ ދެނިވޮޑިގެންވާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަރަށް އަސަރާ އެކު ކީރިތިކުރައްވައިފި އެވެ.

މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަކީ އެހެން ނިޔަތެއް އޮވެގެން ނެރުނު އަމުރެއް ނޫން ކަން މާތް ﷲ ދެނިވޮޑިގެންވާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަރަށް އަސަރާ އެކު ކީރިތިކުރައްވައިފި އެވެ.

ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އޭނާ ވަނީ އެ އަމުރު ނެރެން ޖެހުނު ސަބަބު ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފަ އެވެ. ދައުލަތުން ފާހަގަކުރާ ގޮތުން ނަމަ، އެ އަމުރަކީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ނެރުނު އަމުރެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އަލީ ހަމީދު އެންމެ ފުރަތަމަ ވަނީ ކޮޅަށް ތެދުވެ ހުންނަވައި، ވާހަކަ ދައްކަވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، ކޮޅަށް ހުންނަވަން އުނދަގޫވުމުން، ގާޒީ އަހުމަދު ހައިލަމް ވަނީ އިށީނދެވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ފަނޑިޔާރު އަލީ ހަމީދަށް ދެއްވައިފަ އެވެ. އެއާ އެކު، އަލީ ހަމީދު ފެއްޓެވީ ކީރިތި ކުރައްވާށެވެ.

އަލީ ހަމީދު ވިދާޅުވީ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ އުމުރުން 25 އަހަރުގައި ކަމަށާއި އޭނާއަކީ ޝަރީއަތުގެ މަޖިލީހުގައި އިންނެވި އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށެވެ. އަލީ ހަމީދު ވިދާޅުވި ގޮތުން ނަމަ، އޭނާގެ އުމުރުން މިހާރު 54 އަހަރުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށާއި ރިޝްވަތު ހިފައި ނުފޫޒު ފޯރުވި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވުމުން ވަރަށް ބޮޑަށް ހިތްދަތިވެއްޖެ އެވެ.

ފެބްރުއަރީ 1 ގައި ނެރުނު އަމުރަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާތީ ނެރުނު އަމުރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައްގުތައް ގެއްލޭ ކޮންމެ ފަހަރަކާއި ދެރަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، ސުޕްރީމް ކޯޓަށް ފާޑު ކިއުންތައް އަމާޒުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިސްލަ ގިސްލާފައި ކީރިތި ކުރައްވަމުން އަލީ ހަމީދު ވިދާޅުވީ ޝަރީއަތް ކުރުމުގެ އުސޫލާ އެއްގޮތަށް ކުރި އަށް ނުދާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ގިނަ ސިޓީތަކެއް ހުށަހަޅާ ކަމަށެވެ.

"ސުޕްރީމް ކޯޓަށް މީހުން 50 އިން 100 އިން ދިޔައީ ޝަކުވާ ހުށަހަޅަމުން. ވަކިވަކި ފަނޑިޔާރުންނަށް ވެސް ދިޔައީ ސިޓީތައް ފޮނުވަމުން،" މާޔޫސްވެވަޑައިގެން އިންނަވައި އަލީ ހަމީދު ވިދާޅުވި އެވެ.

އަލީ ހަމީދު ވިދާޅުވި ގޮތުގައި 1 ފެބްރުއަރީގެ އަމުރު ނެރުނީ ރައްޔިތުން ކުރަމުން ދިޔަ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އަމުރު ނެރުނީ ހުރިހާ ފަނޑިޔާރުން އެއްބަސްވެވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި ޝައްކުތައް ހުރި ޝަރީއަތްތައް އަލުން ހިންގުމަށް އެންގީ އެ ޝަރީއަތްތައް ކުރިއަށް ދަނީ އުސޫލުތަކާ އެއްގޮތަށް ކަން ރައްޔިތުންނަށް ޔަގީންވުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ދައުލަތަށް ގެއްލުންވާ ފަދަ ކަމެއް އޭނާ ނުކުރައްވާނެ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ.

އަލީ ހަމީދުގެ ވާހަކަތަކާ ގުޅިގެން އޭނާގެ ވަކީލުން ވަނީ، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެއްގެ މައްސަލައިގައި ހަމައެކަނި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތު ނަންގަވައިގެން އަމުރު ނެރުނު ކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ. އަދި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން ދެ ފަނޑިޔާރުން އުޅުއްވި ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ދައުވާ އަށް އަލީ ހަމީދު އިންކާރު ކުރެއްވުމުން، ދައުލަތުން ވަނީ މައްސަލަ އޭނާގެ މައްޗަށް ސާބިތު ކުރުމަށް 32 ހެއްކެއް ހުށަހަޅައިފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި ދިފާއީ ހެކިން ހުށަހެޅުމެވެ. އެ ހުށަހެޅުންތައް ހުށަހަޅަން ގާޒީ ހައިލަމް ވަނީ ދެ ފަރާތަށް ތިން ދުވަސް ދެއްވައިފަ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަލީ ހަމީދަށް އަންނާނެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރެ އެވެ.