Roadha Mihaaru
އަލީ ހަމީދުގެ ދެބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރި

ސުޕްރީމް ކޯޓުގެެ ފޯނަކުން އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާ ކުރި: ދައުލަތް

28 މެއި 2018

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާ ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާ ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަށް ބޭނުން ކުރެއްވި ކަމަށް ބުނެ، ދައުލަތުން ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ މޮބައިލް ނަންބަރަކުން އޭނާގެ ދެ ބޭފުޅުންނަށް ޑިސެމްބަރު 2010 އިން ފެށިގެން އޭޕްރީލް 2011 ގެ ނިޔަލަށް 2،200ރ. ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދަށް މި ދައުވާ ސާބިތުވެއްޖެ ނަމަ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދެވޭނެ އެެންމެ ބޮޑު އަދަބަކީ ތިން އަހަރުގެ ޖަލު ހުކުމެއް ނުވަތަ، ގޭބަންދަށް ނުވަތަ އަރުވާލުމެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ މައްސަލައިގެ ލިޔުންތައް ފަނޑިޔާރު އަލީ ހަމީދަށް ލިބިވަޑައިގެންފައިވޭތޯ އާއި ދައުވާ ސާފުތޯ ސުވާލު ކުރައްވައިފަ އެވެ. އަލީ ހަމީދު އިށީނދެވަޑައިގެެން އިންނަވައި، ވިދާޅުވީ ލިޔުންތައް ލިބިވަޑައިގެންފައިވާ ކަމަށާއި ދައުވާ "ވަރަށް ސާފު" ކަމަށެވެ.

މީގެ އިތުރުން، ވަކީލަކު އައްޔަން ކުރުމަށް ކިހާ ދުވަހެއް ބޭނުންތޯ ސުވާލު ކުރުމުން އަލީ ހަމީދު ވިދާޅުވީ، މިދުވަސްކޮޅު މޫސުން ވަރަށް ގޯސްވެފައި، ކަނޑުދަތުރުފަތުރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ، ވަކީލަކު އައްޔަން ކުރަން 10 ދުވަސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވީ މާޗް 16، 2016 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިން ބަޔާނުގައި ވަކީލަކު އައްޔަން ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ފަނޑިޔާރު އަލީ ހަމީދު ބަޔާން ދެއްވާފައިވާ ކަމަށެވެ. އެެކަމަކު، ގާޒީ ހައިލަމް ވަނީ ވަކީލަކު އައްޔަން ކުރަން އަލީ ހަމީދަށް 10 ދުވަސް ދޭން ނިންމަވައިފަ އެެވެ.

މި މައްސަލައިގެ އަޑުއެެހުން ގާޒީ ހައިލަމް ނިންމާލެއްވީ، ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކާ އެކު، ވަޑައިގަންނަވާއިރު، ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް އެދިވަޑައިގެެންފަ އެވެ.

ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އަލީ ހަމީދަށް އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. އަލީ ހަމީދަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރުމާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.