Roadha Mihaaru
ނަޝީދުގެ ޖަލު ހުކުމާ މެދު މާދަމާ ގޮތެއް ނިންމަނީ

ނަޝީދުގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަނީ

25 ނޮވެމްބަރ 2018

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މާދަމާ ގޮތެއް ނިންމަން އެ ކޯޓުން ތާވަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މާދަމާ ގޮތެއް ނިންމަން އެ ކޯޓުން ތާވަލްކޮށްފި އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އެ މަނިކުފާނުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލައިގަ އެވެ.

ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އެ ކޯޓުގައި ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. މިދިޔަ ހޯމަ ދުވަހު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ދެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައި ނިންމައި، މައްސަލަ އޮތީ ހުކުމަކާ ހަމައަށް ގޮސްފަ އެވެ.

އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެ އަށް، ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ހައްޔަރުކޮށް ގަދަކަމުން ގިރިފުއްޓަށް ގެންގޮސް ފޮރުވި ކަމަށް ބުނެ، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކްރިމިނިލް ކޯޓުން ހުކުމް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅެވެ.

ދައުލަތުން ވަނީ ނަޝީދުގެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.

ނަމަވެސް، ނަޝީދުގެ މައްޗަށް އިއްވި ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ފަހު އެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން ދައުލަތުގެ ތަންފީޒީ އިދާރާތަކަށް އަމުރު ކޮށްފައިވަނީ، އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން، ނަޝީދުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ޖިނާއީ ދައުވާއެއް ކޮށް ހުކުމެއް ކުރާނެ ކަމަށް ފަނޑިޔާރުން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން ކަމަށް ނަޝީދު ވިދާޅުވި އެވެ.