Roadha Mihaaru
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް

ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް

25 އެޕްރީލް 2018

އޭއެފްސީ ކަޕްގައި މިއަދު ހަވީރު މާލޭގައި އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ގްރޫޕް އީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. މިއީ ރާއްޖޭގެ ކްލަބަކަށް ބެންގަލޫރު އަތުން ހޯދުނު ފުރަތަމަ މޮޅެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި މިއަދު ހަވީރު މާލޭގައި އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ގްރޫޕް އީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. މިއީ ރާއްޖޭގެ ކްލަބަކަށް ބެންގަލޫރު އަތުން ހޯދުނު ފުރަތަމަ މޮޅެވެ.

ބެންގަލޫރުން ވަނީ މީގެ ކުރިން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ. އެއީ މާޒިޔާ އަތުން ހަތަރު ފަހަރު، ޓީސީ އަތުން ދެ ފަހަރު އަދި ނިއު އަތުން އެއް މެޗުންނެވެ.

މީގެ 15 ދުވަސްކުރިން އިންޑިއާަގައި ބެންގަލޫރު އަތުން ފަހު ވަގުތު ވަން ގޯލުން ނިއު ބަލިވެފައިވުމުން މިއަދުގެ މެޗުން މޮޅުވުން ނިއު އަށް އޮތީ މަޖުބޫރުވެފަ އެވެ. އެއީ މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބެން އޮތީ ގްރޫޕްގެ އެއް ވަނަ ހޯދައިގެން ކަމަށްވާތީ އެވެ.

ނިއު އެއް ވަނަ އަށް އެރީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ނިއު އަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ.

ތިން ވަނައިގައި އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ. އަބަހާނީ ވަނީ މިއަދު ކުޅުނު މެޗުން އައިޒޯލްއާ އެއްވަރުކޮށްފަ އެވެ. އަބަހާނީ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް އިންޑިއާގެ އައިޒޯލަށް ލިބިފައިވަނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި މެޗަށް ނުކުތްއިރު ނިއުގެ ސްޕެއިން ޑިފެންޑަރު ޖޯޖް ގޯތޯރް ސަސްޕެންޑްވެފައި ހުރުމުން އޭނާގެ ބަދަލުގައި ޑިފެންސަށް ހުރީ އަފްގާނިސްތާންގެ ހާރޫން އަމީރީ އެވެ. އަދި އަމީރީ ކުޅެމުން އައި ކަނާތު ފުލްބެކުގެ މަގާމަށް ކުޅެމުން އައީ ރިލްވާން ވަހީދު (ރިލޭ) އެވެ. އަދި ސްޕެއިނުގެ ފޯވާޑް ގުއިލެމް މާޓީގެ ބަދަލުގައި ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އަށް ވަނީ ފުރުސަތު ދީފަ އެވެ.

ބެންގަލޫރުން މި މެޗަށް ނުކުތީ މި ފަހަރު އޭއެފްސީ ކަޕްގެ މެޗެއްގައި އެ ޓީމުން ނެރުނު އެންމެ ވަރުގަދަ ފުރަަތަމަ އެގާރައާ އެކު އެވެ. ކެޕްޓަން ސުނިލް ޗެތުރީ އާއި ސްޕެއިންގެ މިޑްފީލްޑަރު ވިކްޓަ ޕެރޭޒް އަދި މިޑްފީލްޑަރު ލެނީ ރޮޑްރިގޭޒަށް ވަނީ މި މުބާރާތުގައި މި ފަހަރު ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

އަދި އެ ޓީމުގެ ކޯޗު އަލްބާޓް ރޮކާ އެންމެ ފަހުން ކުޅުނު މެޗުގައި ބެންޗުން ފޮނުވާލުމުން މި މެޗަށް ވަނީ ސަސްޕެންޑްވެފަ އެވެ. އޭނާގެ ބަދަލުގައި ޓީމުގެ ބެންޗުގައި އިނދެ ޓީމަށް އިރުޝާދުދިނީ ގޯލްކީޕިން ޓްރެއިނަރު އެޑޫ ގޭސޯލް އެވެ.

މެޗުގެ ފުރަތަމަ ހަަމަލާ އުފެއްދީ ހަ ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި ނިއު އަށް ލީޑުނަގައިދޭން ދަގަނޑޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބެންގަލޫރު ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ދަގަނޑޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ 25 މިނިޓްގައި ނިއު އިން ދިޔައީ ބެންގަލޫރު ހާފު ތެރެއިން ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 30 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ނިއު އަށް ލީޑުނަގައިދިނުމެވެ. ހާފުގެ މެދުތެރެއިން ދަގަނޑޭ ދިން ބޯޅަ ބެންގަލޫރުގެ އޮފްސައިޑް މަޅިން ސަލާމަތްވެ ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ސެންޓޭ އެ ބޯޅަ ގޯލުގެ ދުރު ކަނަށް ވައްދާލީ ބެންގަލޫރުގެ ކީޕަރު ލަލްތުއަމާވިއާ ރަލްޓޭ އަށް ފުރުސަތެއް ނުދީ އެވެ.

ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ (ކ) އާއި އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ (ކ) އާއި އުމެއިރު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބެންގަލޫރަށް ނަތީޖާ ހަމަހަމަ ކޮށްދޭން މެޗުގެ 36 ވަނަ މިނިޓްގައި ޗެތުރީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ޗެތުރީ ޖެހި ބޯޅަ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި ނިއުގެ ބޮބީ ދިން ބޯޅަ އަކުން އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަޑަށެވެ.

ނިއުގެ ލީޑުފުޅާކޮށްދޭން މެޗުގެ 41 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ސެންޓޭ ހުސްކޮށްލާފައި އޭރިއާ ތެރެއިން ހަމްޕު އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބެންގަލޫރުގެ ކީޕަރު ލަލްތުއަމާވިއާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފަށް ބެންގަލޫރުން ނުކުތީ ދެ ބަދަލަކާ އެކު އެވެ. އެ ދެ ބަދަލު ގެނެސް އެ ޓީމުގެ އެޓޭކުގައި ކުޅުންތެރިން ގިނަ ކުރި އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފު ފެށިތާ ފުރަތަމަ މިނިޓް ތެރޭ ދަގަނޑޭ ވަނީ ނިއުގެ ލީޑުފުޅާކޮށްދީފަ އެވެ. ބެންގަލޫރުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ދަގަނޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ނިއު އިން ލީޑުފުޅާ ކުރުމާ އެކު ބެންގަލޫރުން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރަން ފެށި އެވެ. އޭގެ ތެރެއިން އެ ޓީމު އަތުން ގެއްލޭ ބޯޅަތަކުގައި ކައުންޓަ އެޓޭކުގައި ނިއު އިން ދިޔައީ ނުރައްކާކުރަމުންނެވެ. އެ ގޮތުން މެޗުގެ 61 ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ނިއުގެ ސެންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ނިއުގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ފަހަތުން ފަށައިގެން ހިފައިގެން ދިޔަ ބޯޅަ އޭރިއާ ތެރެއިން ގޯލަށް ފޮނުވާލަން ލިބުނު ވަގުތު ބެންގަލޫރުގެ ކީޕަރު ލަލްތުއަމާވިއާ ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ދިހަ މިނިޓް ފަހުން ސެންޓޭ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅައެއްގައި އޭނާ ފަސޭހަކޮށް ފޮނުވާލަން މަސައްކަތްކުރުމުން ލަލްތުއަމާވިއާ ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

އޭގެ ފަހުން ނިއު އަށް އިތުރު ލަނޑެއް ޖަަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ސެންޓޭ އަށެވެ. އޭގެ ތެރެއިން އެއް ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ދެން ޖެހި ހަމަލާ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ބެންގަލޫރުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވުނުއިރު، މެދުތެރެއިން ގިނަ ޕާސްތަކެއް ވަނީ ގެއްލިފަ އެވެ.

މި މެޗު ބެލުމަށް ދަނޑަށް 3312 މީހުން ވަންއިރު މިއީ ފަހަކަށް އައިސް ކްލަބްގެ މެޗެއް ބަލަން އެންމެ ގިނަ މީހުން ވަން ފަހަރެވެ.