Roadha Mihaaru
ޖެމްސް ހުއްޓުވި މައްސަލާގެ އިސްތިއުނާފް މާދަމާ ނިންމަނީ

ޖެމްސް ހުއްޓުވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް މާދަމާ އިއްވަނީ

06 ޖޫން 2018

ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައި ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައި ކޯޓުން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެ ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވަން ހައި ކޯޓުން ނިންމާފައި ވަނީ މާދަމާ ހެނދުނެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ޖެމްސް ހުއްޓުވި މައްސަލައިގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރުުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެ މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމަށް މި ހަފުތާގައި ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.

އެ ދެ މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.