Roadha Mihaaru
ވެމްކޯ އިން ކާއްޓާއި ކުރުނބާ އަދި ގަބުޅި ވިއްކަނީ

ވެމްކޯ އިން ކާއްޓާއި ކުރުނބާ އަދި ގަބުޅި ގެނެސް ވިއްކަނީ

17 މެއި 2018

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރ. ވަންދޫން ކާއްޓާއި ކުރުނބާ އަދި ގަބުޅި މާލެ ގެނެސް ވިއްކަން ފަށައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރ. ވަންދޫން ކާއްޓާއި ކުރުނބާ އަދި ގަބުޅި މާލެ ގެނެސް ވިއްކަން ފަށައިފި އެވެ.

ކުނި އުކާލުމާއި ނައްތާލުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވީ ބާޒާރުގައި ކާއްޓާއި ކުރުނބާ އަދި ގަބުޅީގެ އަގު މަތިވިޔަ ނުދިނުމަށް ރޯދައާ ދިމާކޮށް ގިނަ އަދަދަކަށް އެ ބާވަތްތައް ގެނައީ ފިޝަރީޒް މިނިސްޓްރީން އެދިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓުގައި 12،000 ކާއްޓާއި 5،000 ކުރުނބާ އަދި 5،000 ގަބުޅި ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. ވަންދުއަކީ ކުނި ނައްތާލުމުގެ މަސައްކަތަށް ވެމްކޯ އަށް ދޫކޮށްފައިވާ ރަށެކެވެ.

ވެމްކޯ އިން ކާއްޓެއް ވިއްކަނީ ފަސް ރުފިޔާ އަށެވެ. ކުރުނބާ އާއި ގަބުޅިއެއްގެ އަގަކީ 12ރ. އެވެ.

އެ ކުންފުނިން ގެންނަ މި ބާވަތްތައް މާލޭގައި ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ ސައިޓުންނާއި، ލޯކަލް މާރުކޭޓުން އެގްރިކަލްޗަ މިނިސްޓްރީއަށް ނަގާފައިވާ އޭ2 އަދި އޭ3 ގޮޅިންނެވެ.

ޝިފާއު ވިދާޅުވީ ރޯދަ މަސް ނިމެންދެން ކޮންމެ ހަފުތާއަކު އެއް ފަހަރު ވަންދޫން ކާއްޓާއި ކުރުނބާ އަދި ގަބުޅި ގެންނަން ނިންމާފައިވާ ކަމަށެވެ.

"ރޯދަ މަސް ނިމެންދެން އެއް އަގެއްގައި ހިފެހެއްޓުމަށް މިގެންނަނީ. ބާޒާރުގައި ތަކެތީގެ އަގުތައް ހަމައަކަށް އެޅުމުން ހޯސޭލްކޮށް ވެސް ވިއްކާނަން،" އޭނާ ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ރޯދައަށް ބޭނުންވާ ވަރަށް ކާއްޓާއި ކުރުނބާ އަދި ގަބުޅި ގެންނަން އެގްރިކަލްޗާ މިނިސްޓްރީން ވަނީ ހައެއްކަ ރަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ. އެކަމަކު ވަންދޫ ފިޔަވައި އެހެން ރަށަކުން އެ ބާވަތްތައް ގެންނަން އަދި ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.