Roadha Mihaaru
ކައިވެނީގެ ކުރިން ދިން ފައިސާ އަނބުރާ ދޭން ޖެހިއްޖެ

ކައިވެނީގެ ކުރިން ފިރިހެން މީހާ އަށް އަންހެން މީހާ ދިން ފައިސާ އަނބުރާ ދައްކަން ޖެހިއްޖެ

17 މެއި 2018

ކައިވެނީގެ ކުރިން، ފިރިހެން މީހާ އަށް އަންހެން މީހާ ދިން 50،000ރ. އަނބުރާ އަންހެން މީހާއަށް ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކައިވެނީގެ ކުރިން، ފިރިހެން މީހާ އަށް އަންހެން މީހާ ދިން 50،000ރ. އަނބުރާ އަންހެން މީހާއަށް ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ދެ ދިވެއްސެއްގެ ދެމެދުގައި ޖެހުނު މި މައްސަލާގައި ދައުވާކޮށްފައި ވަނީ ކައިވެނި ރޫޅުނު ފަހުންނެވެ. އަންހެން މީހާގެ ފަރާތުން ފިރިހެން މީހާއާ ދެކޮޅަށް ދައުވާކުރީ ކައިވެނި ކުރުމުގެ ކުރިން ފިރިހެން މީހާގެ އެކައުންޓަށް އޭނާ ޖަމާކުރި 50،000ރ. އަނބުރާ ހޯދުމަށެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2016 ގައި ފިރިހެން މީހާއަށް އެންގީ އެ ފައިސާ އަނބުރާ ދެއްކުމަށެވެ.

އެ ހުކުމް ފިރިހެން މީހާގެ ފަރާތުން އިސްތިއުނާފް ކުރަމުން ބުނެފައިވަނީ އެ ފައިސާ ޖަމާކުރީ އަންހެން މީހާގެ އަމިއްލަ ބޭނުންތަކަށް ބައެއް ތަކެތި ގަންނަން ކަމަށާއި އެ ފައިސާ އޭނާ ޚަރަދުކުރީ އެކަމަށް ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ އެ ދެ މީހުން ކައިވެނި ކުރުމުގެ ކުރިން ކަން ވެސް ފިރިހެން މީހާގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.

އެކަމަކު އެ މައްސަލަ ބެލުމަށް ފަހު މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ އެކައުންޓަށް ޖަމާވި ކަމަށް ފިރިހެން މީހާގެ ފަރާތުން އެއްބަސްވެފައިވާއިރު، އެ ފައިސާ ޚަރަދުކުރީ އަންހެން މީހާ ބޭނުންވި ތަކެތި ގަތުމަށްޓަކައި ކަމަށް ފިރިހެން މީހާ ބުނާ ބުނުން ސާބިތުކޮށް ދިނުމަކީ އޭނާގެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެ ފައިސާ ޚަރަދުކުރީ އަންހެން މީހާ ބޭނުންވި ތަކެތި ގަތުމަށްޓަކައި ކަން ސާބިތު ކުރުމަށް ފިރިހެން މީހާގެ ފަރާތުން ދެ ހެއްކަކު ހުށަހެޅުމުން އެ މީހުންގެ ހެކިބަސް ދަށު ކޯޓުން ނަގާފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ބަހަށް ބަލާއިރު ވެސް، އެ ފައިސާއަކީ އަންހެން މީހާގެ ބޭނުންތަކަށް ތަކެތި ގަތުމަށް ޖަމާކުރި ފައިސާއެއް ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހަސަން އަލީގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މީގެކުރިން ދެ ދިވެއްސަކު ކައިވެނި ކޮށްގެން އުޅުނުއިރު އަންހެން މީހާ ލައްވައި، ފިރިހެން މީހާ ކުރުވި ޚަރަދު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ. އަދި ޖަރުމަނު އަންހެނަކާ ކައިވެނި ކުރާނެ ކަމަށް ބުނެ ދިވެއްސަކު އޭނާގެ އަތުން އަތުލި 170،000ރ. އަނބުރާ ދައްކަން ކުރި ހުކުމެއް ވެސް ހައި ކޯޓުން ދެމެހެއްޓި އެވެ.