Roadha Mihaaru
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި

މަރުގެ އަދަބު ފަސްކުރަން ކުރި އަމުރާއި އެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

25 ޖުލައި 2016

މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ އަމުރުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ އަމުރުކޮށްފި އެވެ.

ދެ މީހަކަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައި ކޯޓުން އިއްޔެ ހަވީރު އެ އަމުރު ނެރުނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން އަމިއްލަ ޖަމްއިއްޔާއަކުން ހުށަހެޅި މައްސަލައިގަ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަންޖެހޭނެ ކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ.

އެހެން ނަމަވެސް، އެ އަމުރު ބާތިލްކޮށް ރޭ ދަންވަރު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަދަބު ދޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ދެ ހުކުމެއް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެހެންވެ ހައި ކޯޓުން ކުރި އަމުރަކީ "އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާ މެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ގޮންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެހެންވެ، އެ ގަވާއިދާ މެދު ޗެލެންޖުކޮށް، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެ، އެ ގަވާއިދުގެ ބައެއް ތަންފީޒު ކުރުން ހުއްޓުވި ހުއްޓުވުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

"... ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ހައި ކޯޓުގެ 2016/HC-DM/01 ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، އެކަން ހައި ކޯޓަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެކު ހައި ކޯޓުން ބަލަމުން ގެންދިޔަ މައްސަލަ ހުއްޓޭނެ އެވެ. ދެން އެ މައްސަލަ ނުވަތަ އެއާ ގުޅުން ހުރި މައްސަލައެއް ވެސް އެ ކޯޓަކަށް ނުބެލޭނެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ ނިންމުން ބާތިލްކޮށްފައި މި ވަނީ އެފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށް ބުނެ، ގަވާއިދުގެ ދިފާއުގައި ދައުލަތުން އިއްޔެ ހައި ކޯޓުގައި ވަކާލާތުކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ މައްޗަށެވެ. އޭގެ ތެރެއިން ހުމާމް މެރުން ފަސްކުރަން އދ. އިން ވަނީ އަންގާފަ އެވެ.