Roadha Mihaaru
ޝަރީއަތް ބޭއިންސާފު، އެކަކު ވެސް ނުމަރާތި: އެމްނެސްޓީ

ބޭއިންސާފު ޝަރީއަތުން މަރުގެ އަދަބު ދިނުމަކީ ނުހައްގުން މީހުން މެރުން، މަރުގެ ހުކުމް އުވާލާ: އެމްނެސްޓީ

12 ޖުލައި 2016

ޝަރީއަތުގެ އިންސާފުވެރިކަން ކަށަވަރު ނުކޮށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ޣައިރު ގާނޫނީ ގޮތުން މީހަކު މެރުން ކަމަށް ބުނެ، މަރުގެ އަދަބު ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޝަރީއަތުގެ އިންސާފުވެރިކަން ކަށަވަރު ނުކޮށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ޣައިރު ގާނޫނީ ގޮތުން މީހަކު މެރުން ކަމަށް ބުނެ، މަރުގެ އަދަބު ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.

އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދާއި މަރުގެ ހުކުމް އިއްވާފައިވާ އެހެން މީހުންގެ ޝަރީއަތްތައް ވެސް ކުރި އަށް ގެންދިޔައީ ބޭއިންސާފުން ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. އެކަމަކު، އެއިން އެއްވެސް ރިޕޯޓެއް ކަމާ ބެހޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުން ވެގެން ދާނީ، އެމްނެސްޓީން ސިފަކުރި ގޮތުގައި، އާއްމުންގެ އިންސާނީ ހައްގުތައް ފަނާކުރަނިވި ބޮޑު ފިޔަވަޅަކަށެވެ. މަރުގެ އަދަބުން ކުށް ކުރުން މަދު ކުރެވޭކަން އެއްވެސް ދިރާސާއަކުން ސާބިތު ކޮށްދެވިފައިވާ ނުވާކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

"މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ގާނޫނުގެ އަމުރު ނެގެހެއްޓުމަށް ލާޒިމް ކަމެއް ކަމަށް ރައީސް [އަބްދުﷲ] ޔާމީން ވިދާޅުވެފައި ވުމަކީ ސިހުން ލިބިގެންދާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

މުއްރަތު ކޯޓުން ނެރެގެން ގެންދަނީ: އޭނާ މަރަން ވެސް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މުއްރަތު ކޯޓުން ނެރެގެން ގެންދަނީ: އޭނާ މަރަން ވެސް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީގެ އިތުރުން، ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައި ތިބި ޖުމްލަ 17 މީހުންގެ ތެރެއިން މަދުވެގެން ފަސް މީހުންނަށް އެ ހުކުމް އައީ، އެމްނެސްޓީން ބުނި ގޮތުގައި، އުމުރުން 18 އަހަރު ނުފުރެނީސް ކުރި ކުށްތަކަކަށެވެ. ގާނޫނީ ގޮތުން ކުޑަކުދިން ކުރާ ކުށަކަށް މަރުގެ އަދަބު ކަނޑައެޅުމަކީ ބައިނަލްއަގުވާމީ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާއަކުން މަނާ ކަމެއްކަން އެ ޖަމާއަތުން ހަނދާން ކޮށްދިނެވެ.

އެހެންވެ، ހަތަރު ކަމެއް ވަގުތުން ވަގުތަށް ކުރަން އެމްނެސްޓީން ރާއްޖެ އަށް ގޮވާލި އެވެ. އެއީ:

- މަރުގެ އަދަބު ތަންފީޒު ކުރަން މިހާރު ކުރަމުން ދާ މަސައްކަތް ހުއްޓާލުން.

- މަރުގެ އަދަބު ތަންފީޒު ނުކުރުމަކީ ރަސްމީ ސިޔާސަތު ކަމަށް ކަނޑައެޅުން.

- މަރުގެ ހުކުމް އިއްވާފައިވާ އެންމެންނަށް ލުއި އަދަބެއް ހަމަޖައްސައި ދިނުން.

- ހުމާމަށް އަލުން ޝަރީއަތް ކުރަން ވިސްނުން. އެއީ އިންސާފުވެރި އަދި މަރުގެ އަދަބު ނުހިމެނޭ ޝަރީއަތަކަށް ހެދުން.

- އެއްވެސް ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް އަދި މަރުގެ އަދަބު އުވާލަން ގާނޫނުތައް ބަދަލު ކުރުން.

އެމްނެސްޓީން ވަނީ ހުމާމުގެ މައްޗަށް ކުރި ޝަރީއަތުގައި ހުރި ކަމަށް އެހެން ފަރާތްތަކުން ވެސް ބުނާ މައްސަލަތައް ތަކުރާރުކޮށްފަ އެވެ. އޭގެ ތެރޭގައި މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމް އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާން ޝަރީއަތަށް ބަލައިގަތުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުން އަދި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން ހިމެނެ އެވެ.

"ހުމާމްގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަކީ ރާއްޖޭގައި މަރުގެ އަދަބު ބޭނުން ކުރާ ގޮތާ މެދު އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެހެނިހެން ޖަމިއްޔާތަކުން ޔައުމިއްޔާ ކުރަމުން ގެންދާ ކަންބޮޑުވާންޖެހޭ ކަންތައްތައް ރަމްޒުކޮށްދޭ މިސާލެކެވެ،" ބަޔާނުގައިވެ އެވެ.

ހުމާމް ކޯޓަށް ވައްދަނީ: އޭނާ މަރަން ވެސް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުމާމް ކޯޓަށް ވައްދަނީ: އޭނާ މަރަން ވެސް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މަރުގެ ހުކުމް އިއްވާފައިވާ ދެ މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެ މީހުން މަރަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެއީ ހުމާމްގެ އިތުރުން، ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތެވެ. އެ ދެ މީހުންނަށް އިއްވި މަރުހެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި ހުރި މަރުގެ މައްސަލަތައް ބާރު ސްޕީޑެއްގައި ކުރި އަށް ގެންދަން ފެށީ އެ މައްސަލަތައް އަވަހަށް ނިންމައި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ފަހުންނެވެ. އެ މަނިކުފާނު މިދިޔަ ހަފުތާގައި ވެސް ވަނީ މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވާފަ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭއިރު، މަރުގެ އަދަބު ދޭން ހަމަޖައްސާފައިވާ ދުވަހު ވެސް މަރުވި މީހާގެ ވާރިސަކު ގާތިލަށް މާފުކޮށްފި ނަމަ އެ މީހަކު މަރުގެ އަދަބުން ސަލާމަތް ވާނެ އެވެ. އެކަމަކު އެ ހާލަތުގައި ތައުޒީރީ އަދަބެއް އެ މީހަކަށް ދެވި ދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.