Roadha Mihaaru
މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި

މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި

21 ޖުލައި 2017

މީހުން މެރުމުގެ ކުށް ސާބިތުވެގެން ސުޕްރީމް ކޯޓުން ހަތަރު މީހަކު މެރުމަށް އިއްވާފައިވާ ހުކުމްތައް އަލުން ދިރާސާ ކުރުމަށް އިނގިރޭސިި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮންޓެމްޕަރަރީ ސްޓަޑީސްގެ ޕްރޮފެސަރު އަދި މަޝްހޫރު ދިނީ އިލްމުވެރިޔާ ތޯރިގް ރަމަޟާން ގޮވާލައްވައިފި އެވެ.

މީހުން މެރުމުގެ ކުށް ސާބިތުވެގެން ސުޕްރީމް ކޯޓުން ހަތަރު މީހަކު މެރުމަށް އިއްވާފައިވާ ހުކުމްތައް އަލުން ދިރާސާ ކުރުމަށް އިނގިރޭސިި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮންޓެމްޕަރަރީ ސްޓަޑީސްގެ ޕްރޮފެސަރު އަދި މަޝްހޫރު ދިނީ އިލްމުވެރިޔާ ތޯރިގް ރަމަޟާން ގޮވާލައްވައިފި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ރާއްޖެވަޑައިގެން ދީނީ ތަގުރީރެއް ވެސް ދެއްވާފައިވާ ތޯރިގް، ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރެއްވުމަށް ވެސް ތޯރިގު ގޮވާލައްވާފައިވެ އެވެ.

އޭނާ ވަނީ އެކަމަށް އެހީތެރިވުމަށް ރާއްޖެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ފަސްދޮޅަސް އަހަރަށް ފަހު ރާއްޖޭގައި މަރުގެ ހުކުމް އަލުން ތަންފީޒު ކުރަން ނިންމުމާ ގުޅިގެން، އޭނާގެ ހުރި ކަންބޮޑުވުންތައް މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ރައީސާ ހިއްސާކުރެެއްވި އެވެ. އެކަމަކު އަނެއްކާ ވެސް މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑަށް މީޑީއާތަކުން އެނގިފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަނީ އާއްމު ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށް. އެކަމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އަދި އިންސާފު ގާއިމުކުރަން ޝަރީއަތަށް އަމަލުކުރަން ޖެހޭ. އެއީ އިސްލާމީ ހަމަތަކުގެ މަތިން ރައްކާތެރިކަން ވެސް ލިބެން އޮތް ގޮތަކީ. އެ ކަން ކުރުމުގެ ކުރިން ލިބެން ޖެހޭ ހައްގުތަކެއް ވެސްވޭ،" ތޯރިގް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން މަރާލާ މީހާ އަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ރާއްޖޭގައި ކަށަވަރުކޮށްދީފައި ނެތް ކަމަށެވެ. އަދި އެފަދަ މަރުގެ ހުކުމް މި ވަގުތަށް ތަންފީޒުކުރުން މަޑުޖައްސާލަން ތޯރިގު އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ތޯރިގުގެ ސިޓީގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުތަކުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ވަރަށް ބޮޑަށް ގެއްލިފައިވާކަން މަދަނީ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކާއި އިސްލާމީ ޝަރީއަތުގައި ލިބިދީފައިވާ ހައްގުތަކާއި ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ތޯރިގު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް ދިރާސާކުރެއްވި ކަމަށެވެ. އަދި އެ މައްސަލަތައް ދިރާސާ ކުރެއްވި އިރު އިސްލާމީ ޝަރީއަތުގައިވާ ހަމަތަކާއި ގާނޫނުތަކަށް ފުރިހަމަ އަށް އަމަލުކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެ މައްސަލަތައް ކުރިޔަށް ގެންދިޔަ އިރު އޭނާ އަށް ފާހަގަ ކުރެވުނު ނުކުތާތައް ހިމަނާފައިވާ އެޑްވައިޒަރީ ނޯޓެއް ވެސް އެ ސިޓީއާއެކު ފޮނުވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.