Roadha Mihaaru
ކިޔާނެ އަގެއް ކިޔާލާ، ކުރާނެ ކަމެއް ނެތް!

ކިޔާނެ އަގެއް ކިޔާލާ، ކުރާނެ ކަމެއް ނެތް!

21 މެއި 2018

ރޯދަމަސް ފެށުމާ އެކު ބާޒާރުގެ ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ ގިނަ ބައެއްގެ އެބަ އޮތެވެ. ލޯކަލް މާރުކޭޓުން ދިމަވާ އާންމުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެކަމަކު ރޯދަމަހަށް ވުމާ އެކު އެއްޗެހި ނުގަނެ ވާކަށް ވެސް ނެތެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރޯދަމަސް ފެށުމާ އެކު ބާޒާރުގެ ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ ގިނަ ބައެއްގެ އެބަ އޮތެވެ. ލޯކަލް މާރުކޭޓުން ދިމަވާ އާންމުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެކަމަކު ރޯދަމަހަށް ވުމާ އެކު އެއްޗެހި ނުގަނެ ވާކަށް ވެސް ނެތެވެ.

"އާއްމުކޮށް އެހެން މަސްތަކުގައި ހިނގާ ހަރަދަށް ވުރެ މިފަހަރު ކުރަން ޖެހޭ ހަރަދު ވަނީ އެތައް ގުނައެއް ބޮޑުވެފައި. ކޮންމެ ދުވަހަކު ގޭގެ ކެއުމަށް މަދުވެގެން 300ރ. ހަރަދު ކުރަން ޖެހޭ. މިއީ އާއްމު މަސްތަކަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެއް،" ލޯކަލް މާރުކޭޓުން ދިމާވި މީހަކު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް މީހަކު ބަލަނީ -- ފޮޓޯ: ނިޝާން އަލީ /މިހާރު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް މީހަކު ބަލަނީ -- ފޮޓޯ: ނިޝާން އަލީ /މިހާރު

"ލިބޭ އާމްދަނީން ދެކޮޅެއް ނުޖެހޭ. ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލުމުން އޭގެ އެންމެ ބޮޑު ހިތްދަތިކަމެއް މި ލިބެނީ އަހަރެމެން ކަހަލަ ނިކަމެތިންނަށް،" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ވިޔަފާރިކުރަން ގޮސް ހުރި ސ. ފޭދޫ މީހަކު ބުންޏެވެ.

"ލިބޭ 3،000ރ.ގެ އިނާޔަތް ހުސްވޭ ފުރަތަމަ ހަފުތާގައި،"

އޭނާ ބުނީ ރޯދައާ ދިމާކޮށް ތަކެތީގެ އަގު ކޮންމެ އަހަރަކު ބޮޑުވުމަކީ އާއްމު ކަމެއް ނަމަވެސް، މިފަހަރު މި ފެންނަނީ އާދަޔާ ހިލާފު އަގުތަކެއް ކަމަށެވެ.

މާލޭގެ ބަނދަރުމަތީގައި ހުންނަ މާރުކޭޓަށް ވިޔަފާރިކުރަން ރޯދަމަހު، ދެ ޖިންސުގެ ގިނަ ބަޔަކު ދެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ރަށު ތެރޭގެ ފިހާރަތަކަށް ވުރެ އަގުހެޔޮކޮށް ގިނަ ބާވަތްތައް ގަންނަން ލިބޭތީ އެވެ.

"މިފަހަރު ރޯދަމަހު ތިބެންވީ ދޮންކޭލާއި ކަރާ ނުގަނެ. އެއީ އަހަރެމެންނަށް އެކަށީގެންވާ އަގުތަކެއް ނޫން. ވަކި އެއްޗެއް ނެތި ހުރިހާ އެއްޗެއްގެ އަގު ވެސް ރޯދަމަހާ އެކު ވަނީ އެތައް ގުނައެއް ބޮޑުކޮށްފައި،" އެތަނުން ދިމާވި އެހެން މީހަކު ބުންޏެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކެޔޮގަނޑުތަކެއް: ރޯދަމަހާ އެކު ދޮންކޭލުގެ އަގު ވެސް ބޮޑުވި --ފޮޓޯ: ނިޝާން އަލީ /މިހާރު

މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކެޔޮގަނޑުތަކެއް: ރޯދަމަހާ އެކު ދޮންކޭލުގެ އަގު ވެސް ބޮޑުވި --ފޮޓޯ: ނިޝާން އަލީ /މިހާރު

ރޯދަ މަހަކީ އާއްމު މަސްތަކާ ހިލާފަށް ގޭތެރޭގެ ހަރަދުތައް ވެސް ބޮޑު މަހެކެވެ. އެއީ ރޯދަ ވީއްލަން އެކި ބާވަތްތަކުގެ ހެދިކާ އާއި އެ ނޫން ވެސް އެއްޗެހި ތައްޔާރުކުރަން ކުރާ ހޭދަ އެވެ.

"މިއީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ރޯދަމަހެއް. ފަނި ގިރާ ބާވަތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތައް ވެސް މިވަނީ އެތައް ގުނައެއް ބޮޑުވެފައި. މިއީ އާދައިގެ ބަޔަކަށް ކެތްވާވަރުގެ އަގުތަކެއް ނޫން،" ބާޒާރުކުރަން ގޮސް ހުރި މެދު އުމުރުގެ އަންހެނަކު ބުންޏެވެ.

ބާޒާރުގައި ރޯ މަސް ކިލޯއެއްގެ އަގު މިވަގުތު ހުރީ 80ރ. ގަ އެވެ. ތިން ފަތް ހިމެނޭ ކޮޕީފަތް ބޮނޑިއެއް 20ރ އަށް ވެސް ބައެއް މީހުން ގަތެވެ. މީގެ ކުރިން އެ ސައިޒުގެ ފަތް ބޮނޑިއެއް ދިހަ ރުފިޔާ އަށް ލިބުނެވެ. އަލުވި ލިބުން ދަތިވެ، އޭގެ ކިލޯއެއްގެ އަގު 20ރ. އަށް އުފުލުނުއިރު ކެބެޖް ކިލޯއެއްގެ އަގު 100ރ. އަށް ވެސް އެރި އެވެ. މިނޫން އެހެން ބާވަތްތަކުގެ އަގުތައް ވެސް ވަނީ ރޯދަމަސް ފެށުމާއެކު އަގު ބޮޑުވެފަ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކޮޕީފަތްތަކެއް މީހަކު ދައްކާލަނީ ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކޮޕީފަތްތަކެއް މީހަކު ދައްކާލަނީ ފޮޓޯ: ނިޝާން އަލީ /މިހާރު

އަދި މި އުޅެނީ ރޯދައިގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. މި ވަގުތު ބައެއް ބާވަތުގެ އަގު ބޮޑު ނަމަވެސް، ބައެއް ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބައެއް އުފެއްދުންތަކުގެ އަގު ވެއްޓޭނެ އެވެ. އެހެންކަމުން އާންމުންގެ ޝަކުވާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ އެވެ.